ޠާރިޤުއަށް އެފްއޭއެމް މެންބަރު ކުލަބުތަކުގެ ތާޢީދުއޮތްކަން އިލެކްޓޯރަލް ކޮމިޓީއިން އެފްއޭއެމް އަށް އަންގައިފި
10 ޖުލައި 2025 - 06:39
.webp&w=3840&q=75)
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) އެކަނި ކުރިމަތިލެއްވުމުން އޭނާގެ އެކްސްކޯއަށް ތާއީދު އޮތްތޯ ބެލުމުގެ ގޮތުން ކުލަބުތަކަށް ފޮނުވި ސިޓީތަކުގެ ޖަވާބާއެކު، ހުރިހާކުލަބަކުންވެސް ޠާރިޤުއަށް ތާއީދުކުރާކަން އެފްއޭއެމްއަށް އަންގައިފިއެވެ. އެހެންކަމުން އިލެކްޓޯރަލް ކޮމިޓީން ވަނީ އެފްއޭއެމްއަށް ރަސްމީކޮށް މިކަން އަންގާފައެވެ.
އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއްގެ ތާއީދާއެކު ޓޮމް ފޯމު ހުށަހެޅުއްވީ އާދިއްތަދުވަހުއެވެ. ހުސްވި މަހުގެ 26ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން ބާއްވާ އިންތިހާބުގައި ވާދަކުރާއިރު ޓޮމްއަށްވަނީ 26 ކުލަބުގެ ތާއީދު ލިބިފައެވެ.
ޓޮމް ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލެއްވީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކު ކަމަށެވެ.
ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރަށްވާފައިވާ ޓޮމްގެ އެކްސްކޯއަށް ހޮއްވަވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި، ކުލަބުތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ޓޮމްގެ އެކްސްކޯއަކީ:
ރައީސް: އަހްމަދު ތާރިޤް
ސީނިއަރ ވައިސް ޕްރެޒިޑެންޓް: އަލީ އިބްރާހިމް (ނިއު)
ވައިސް ޕްރެޒިޑެންޓް: ހުސައިން ޝާފިއު (މާޒިޔާ)
ވައިސް ޕްރެޒިޑެންޓް: މުޖުތަބާ ޖަލީލް (ނިއު)
މެންބަރު: އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)
މެންބަރު: މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)
މެންބަރު: އަޙްމަދު އައްބާސް (ޓީސީ)
މެންބަރު: އަލީ ރިޒްވާން (ބީޖީ)
އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު
އަންހެން މެންބަރު: ހައްވާ ރަޝީދާ
މެންބަރު: އަބްދުﷲ ނާސިޙް (އޮޑި)
މިހާރު ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އެފްއޭއެމްގެ އާ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މި އަހަރުގެ މިނިވަން ދުވަހުގައެވެ.
މިހާރު އެފްއޭއެމްގައި މެމްބަރު ކްލަބްތަކުގެ އަދަދަކީ އެއްވަނަ ޑިވިޒަންގެ 10 ކުލަބާއި، ދެވަނަ ޑިވިޒަންގެ 13 ކުލަބާ އެކު ޖުމްލަ 23 ކުލަބެވެ. ތޯރިގުގެ ކެންޑިޑެސީއަށް މި 23 ކުލަބުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.