ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު: ރައްޔިތުން ބާރުވެރިކުރުމަށް ރައީސް ކުރަށްވާ މަސައްކަތްޕުޅަށް އިތުރުވާ ބޮޅެއް


11 ޖުލައި 2025 - 10:26
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މުޅި އަމާޒު ފެންނަން އޮތީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ރައްޔިތުންނަށް ނުލިބިހުރި ބާރުތައް ލިއްބައިދީ ''ފުރަތަމަ ޤައުމާއި ރައްޔިތުން'' އިސްކުރެއްވުމުގެ މައްޗަށެވެ. ޤާނޫނީ ތަރަހައިން ރައްޔިތުންނަށް ބީވެފައިވާ ބާރުތައް ހޯދައިދެއްވުމަކީ މި މަސައްކަތުގެ ބަޔެކެވެ. މިގޮތުން 7 ޖުލައި 2025 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ''ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު'' އަކީ ރައްޔިތުންގެ ޙައްއްޤުތައް ކަށަވަރުކޮށްދީ، ރައްޔިތުންނަށް ޙަޤީޤީ ބާރުވެރިކަން ހޯދައިދިނުމަށް ރައީސް ކުރަށްވާ މަސައްކަތްޕުޅަށް އިތުރުވެގެންދާނެ ބޮޅެއް ކަމާމެދު ޝައްކެތް ނެތެވެ.
ސަރުކާރުގެ ފަރާތުން، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙް ފަލާޙް މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މިހާރު ވަނީ މަޖިލީހަށް ބަލައި ވެސް ގެންފައެވެ.
މިފަދަ ބިލެއް މުހިންމުވެގެން ދިޔަ އެތައް ސަބަބުތަކެއް މާޒީން އަޅުގަނޑުމެންނަށް ފެންނަން އެބައޮތެވެ. މާޒީއަށްވުރެ ކައިރިން ވެސް އެކަމުގެ މިސާލުތައް ފެނެއެވެ. މިގޮތުން ބަލާއިރު، ރައްޔިތުންނަށް އެ ބާރުވެރިކަން ނުދީ ނިންމި ބައެއް ބޮޑެތި ނިންމުންތަކުގެތެރެއިން އެއް މިސާލަކީ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބަޔެއް ދޫކޮށްލި ދޫކޮށްލުމެވެ. އާންމުންގެ ބަހުރުވައިންނަމަ ''ވިއްކާލުމެވެ.''
ރާއްޖޭގެ ކަނޑުގެ ބަޔެއް ދޫކޮށްލުން
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން 28 އޭޕްރިލް 2023 ގައި ޗާގޯސް-ރާއްޖެ އިމުގެ މައްސަލަ ވަނީ ނިންމާފައެވެ. އެ މައްސަލަ ނިންމިއިރު، އެއިރު އޮތް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންގެ ގާތު ހޭ ވެސް އަހައިނުލާ ވަނީ ކަނޑުގެ ބަޔެއް ދޫކޮށްލާފައެވެ. ރައްޔިތުން ގާތު އަހާނުލިތާގައި ރައްޔިތުންގެ މަންދޫބުން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ބަހެއް ވެސް ނުހޯދައެވެ. ޤާނޫނުއަސާސީ ރޫހަކީ ވެސް އެފަދަ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހުމެވެ. އެކަމަކު އެމްޑީޕީން އެކަން ނުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާ އަށް އޮއްވައި އެކަން ނިންމާލީއެވެ. ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި، ރައްޔިތުންގެ ބަހެއްނެތި އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
އިގްތިސާދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލު ގެއްލުނު މި މައްސަލައަކީ އެއިރުގެ ރައީސް ސޯލިހް ސިޓީއަކުން ފަރުޖައްސާލެވެން އޮތް މިންވަރަށްވުރެ ބޮޑު ޤައުމީ މައްސަލައެކެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނަގަންޖެހޭ ފަދަ ހައްސާސް ކަމެކެވެ. ނަމަވެސް އެފަދަ ޤާނޫނެއް ނެތުމާއެކު އެމްޑީޕީން ވަނީ ރައްޔިތުންނަށް ނުބަލައި ކަނޑުގެ ބަޔެއް ވިއްކާލާފައެވެ. ސަބަބަކީ ރައްޔިތުންގެ ބަހެއް ހޯދިނަމަ އެކަން އެހެން ނުކުރެވުނީހެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނެއްގެ މުހިންމުކަން
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނަކީ ޢާންމު ރައްޔިތުންނަށް ސީދާ ވޯޓުދީގެން ޚާއްޞަ ހުށަހެޅުމެއް، ޤާނޫނެއް ނުވަތަ ސިޔާސީ މައްސަލައެއް ނިންމުމަށް ހަދާފައިވާ ޤާނޫނީ އޮނިގަނޑެވެ. މިއީ ޑިމޮކްރަސީގައި ރައްޔިތުންގެ ސީދާ ބައިވެރިވުން ހިމެނޭ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ.
މިފަދަ ޤާނޫނުގެ މުހިންމުކަމަަށް ޚުލާޞާކޮށް ބަލައިލާއިރު،
ރައްޔިތުންނަށް ބާރުދިނުމާއި ޑިމޮކްރަސީ ހަރުދަނާކުރުން: މިފަދަ ޤާނޫނަކުން މުހިންމު ސިޔާސީ ނިންމުންތަކުގައި ރައްޔިތުންނަށް ސީދާ ބައިވެރިވުމުގެ ފުރުސަތު ދީ، އެމީހުންގެ އަޑުއިއްވައި، ޑިމޮކްރަސީގެ ބިންގާ ވަރުގަދަކުރެއެވެ.
ޤާނޫނީ ބާރުވެރިކަމާއި ޒިންމާދާރުކަން ކަށަވަރުކުރުން: މިފަދަ ޤާނޫނަކުން މުހިންމު ނިންމުންތައް ރައްޔިތުންގެ ވޯޓަށް ލުމުން އެ ނިންމުންތަކުގެ ޤާނޫނީ ބާރުވެރިކަން އިތުރުވެ، އިންތިޚާބުކުރެވޭ މަންދޫބުންގެ ޒިންމާދާރުކަން ބޮޑުވެއެވެ.
ޚިޔާލުތަފާތުކަން ބޮޑު މައްސަލަތައް ހައްލުކުރުން: މިފަދަ ޤާނޫނަކުން ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ ތެރޭގައި ޚިޔާލުތަފާތުކަން ބޮޑުވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިފަދަ ޤާނޫނަކީ އެހީތެރިވާ ވަސީލަތެކެވެ.
ޤާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކާއި މުހިންމު ސިޔާސަތުތައް: ގިނަ ޤައުމުތަކުގައި ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށާއި ބައިނަލްއަޤުވާމީ މުހިންމު އެއްބަސްވުންތައް ފާސްކުރުމަށް މިފަދަ ޤާނޫނެއް ބޭނުންކުރެއެވެ. މިކަންކަމަށް މިޤާނޫނުން ސާފު އަދި ޤާނޫނީ އުސޫލެއް ކަށަވަރުކޮށްދެއެވެ.
ފެންނަފަދަ ގޮތަކަށް ކަންކަން ހިންގުމާއި ޢާންމު ބަޙުޘް: މިފަދަ ޤާނޫނެއްގެ ތެރެއިން މައްސަލަތަކާ ގުޅޭގޮތުން ޢާންމު ބަޙުޘްތަކެއް ކުރެވި، ރައްޔިތުންނަށް މައުލޫމާތު ލިބި، އެބައިމީހުންގެ ބައިވެރިވުން އިތުރުވެއެވެ.
ބާރުތައް ހަމަހަމަކުރުން: މިފަދަ ޤާނޫނެއް މެދުވެރިކޮށް ސަރުކާރުގެ ބާރުތައް ކޮންޓްރޯލްކުރެވޭނެއެވެ. އަދި ރައްޔިތުން ބޭނުންނުވާ ޤާނޫނުތައް ފާސްނުކުރުމަށް މަގުފަހިކުރުވާ، ރައްޔިތުންގެ ބޭނުންތަކަށް ސަމާލުވުމަށް ސަރުކާރަށް ޖެހިލުންވެއެވެ.
އެހެންކަމުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނަކީ ރައްޔިތުންނަށް ސީދާ ބައިވެރިވުމުގެ ފުރުސަތު ދީ، ޑިމޮކްރަސީގެ ބިންގާ ދެމެހެއްޓުމަށް ބޭނުންވާ މުހިންމު އޮނިގަނޑެކެވެ.
މިފަދަ ޤާނޫނެއް ޕްރެކްޓިސް ކުރަމުން އަންނަ ޤައުމުތަކަކީ ކޮބާ؟
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނެއްގެ ޕްރެކްޓިސް ކުރަމުން އަންނަ ޔޫރަޕާއި އެމެރިކާ ބައްރުގެ ޤައުމުތަކުގެ ތެރޭގައި ސްވިޒަރލެންޑް، އޮސްޓްރޭލިއާ، އަޔަރލެންޑް، ފަރަންސޭސިވިލާތް، އިޓަލީ، ޑެންމާކް، އެމެރިކާ، ނޯވޭ، އިނގިރޭސިވިލާތް، އުރުގުއޭ، އިކުއެޑޯ، ކޮލަމްބިއާ، ލެޓްވިއާ. ލިތުވޭނިއާ، ކްރޮއޭޝިއާ، ހަންގޭރީ، ސްލޮވޭނިއާ ފަދަ އެތައް ޤައުމެއް ހިމެނެއެވެ.
އަޅުގަނޑުމެން ދިވެހިރާއްޖެ ނިސްބަތްވާ އޭޝިޔާގެ ޓައިވާން، ފިލިޕީންސް، އިންޑިއާ، އީސްޓް ޓީމޯ، ސައުތު ކޮރެއާ، މޮންގޯލިއާ، ތައިލެންޑް، ކަޒަކިސްތާން، ކިރުގިސްތާން، އާޒަރބައިޖާން، އަރުމޭނިއާ، ތަޖަކިސްތާން، ތުރުކެމިނިސްތާން، އުޒްބެކިސްތާން ފަދަ ޤައުމުތަކުގައި އެ ޤައުމެއްގެ ގޮތުގައި މިފަދަ ޤާނޫނުތައް ހަދައި ހިންގަމުން އާދެއެވެ.
ދިވެހިރާއްޖެ އަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނެއް
ދިވެހިރާއްޖޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނެއް ހަދައި ހިންގުމަށް މީގެ ކުރީން ވެސް ވާހަކަ ދެކެވުނު ނަމަވެސް މިފަދަ ޤާނޫނެއް ހެދުމަށް ޢަމަލީ މަސައްކަތް ފެށުނު މިއީ ފުރަތަމަ ފަހަރެވެ. އަދި މިފަދަ ޤާނޫނެއް ހެދުމަށް މިހާރު ވަނީ މަޖިލީހަށް ވައްދައި ކޮމެޓީ މަރުހަލާގައެވެ.
މިފަދަ ޤާނޫނެއްގެ މުހިންމުކަން ރާއްޖެއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި މި ފިޔަވަޅަކީ ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީ އިތުރުކޮށްދިނުމުގެ މުހިންމު ފިޔަވަޅެކެވެ.
2008 ވަނަ އަހަރު ރާއްޖެ ދުށް އައު ޤާނޫނުއަސާސީއަށްފަހު ޕްރެކްޓިސް ކުރަމުން އަންނަ ބައެއް ކަންކަމަކީ ދައުލަތަށް ބުރަބޮޑު، ރައްޔިތުންނަށް އެކަންކަމުގެ ފައިދާ ކުޑަ، ޖުމްލަ ގޮތެއްގައި ރައްޔިތުންނަށް ދިގު މުއްދަތަކަށް ގެއްލުމާއި ކުރިމަތިލާން ޖެހޭފަދަ ކަންކަން ކަމަށްވިޔަސް ރައްޔިތުންގެ ވިސްނުން ބަލައި އެކަންކަމަށް ހައްލު ހޯދަން މީގެ ކުރިން މިގޮތަށް ޤާނޫނީ މަސައްކަތެއް ކޮށްފައެއްނުވެއެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ލާމަރުކަޒީ ނިޒާމުގައި ވެސް އެތައް ދޯހަޅި ބާގަނޑުތަކެއްހުރިއިރު، އެއީ ރައްޔިތުން އެންމެ އެދޭގޮތްތޯ ވެސް ބަލައިލަން ޖެހެއެވެ. އަދި ވެރިކަމުގެ ނިޒާމު ހިންމުގައި ވެސް އިންތިޚާބުތައް ބޭއްވުމުގައި ވެސް މިހާރު ޢަމަލުކުރަމުން އަންނަ ޚަރަދުބޮޑުގޮތަކީ އެންމެ ރަނގަޅު ގޮތްތޯ ރައްޔިތުންގެ ގާތުގައި އަހައިލަން ޖެހެއެވެ. އަދި މިނޫންވެސް ކަންކަން ފެންމަތިވަމުން އަންނާނެތީ މިފަދަ ޤާނޫނެއް ރާއްޖެއަށް އިންތިހާ އަށް ވަނީ ބޭނުންވެފައެވެ.
ދިވެހިރާއްޖެ އަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު
ދިވެހިރާއްޖޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނެއް ހެދުމަށް މިހާރު ހުށަހެޅިފައިވާ ބިލަށް ނަޒަރުކުރާއިރު، މި ޤާނޫނުގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ހިމަނާފައިވާ ކަންތައްތަކަކީ، ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކާއި، ޤައުމީ މުހިންމު މައްސަލަތަކާއި އަދި ޤާނޫނުގައި ބުނާ ޤާނޫނު އަސާސީގެ މާއްދާތަކަށް އިސްލާހް ގެނައުމުގައެވެ.
ޤާނޫނުގައި ބުނާ ޤާނޫނުއަސާސީގެ އެ މާއްދާތަކަކީ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައިވާ ''އަސާސީ ޙައްޤުތަކާއި މިނިވަންކަން'' ބާބުގެ އެއްވެސް މާއްދާއެއް، ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގައި ބުނާ ''ރައްޔިތުންގެ މަޖިލީހުގެ އުމުރު''، ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގައި ބުނާ ''ރިޔާސަތުގެ ދައުރު'' ޤާނޫނުއަސާސީގެ 108 ވަނަ މާއްދާގައި ބުނާ ''ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތް'' ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާ ''ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގުކުރުން'' އަދި ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ''ބުނާ ރާއްޖޭގެ ސަރަހައްދު'' އެވެ.
މީގެ އިތުރުން ޤާނޫނުއަސާސީއަށް އިސްލާޙް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ ތަސްދީގުނުކުރަށްވައި އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަށް ރައްޔިތުންގެ ރުޙުން އޮތްތޯ ބެލުމެވެ.
މި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުންގެ ޤާނޫނު ހެދުމުގައި ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭކަމެއްކަމަށް ފެންނަ ހާލަތުގައި އެފަދަ ވޯޓެއް ނެގުމަށް ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައެވެ. އަދި ޤައުމީ މުހިންމު މައްސަލައެއް ނިންމުމުގައި އެކަމަކީ ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންވާ ހާލަތުގައި ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓެއް ނެގިދާނެކަމަށް މި ބިލުގައި ވަނީ ހިމަނާފައެވެ.
ޤައުމީ މައްސަލަތަކުގައި އާންމުންގެ ހިޔާލު ހޯދަން ފެންނަ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ނަމަ، އެ ގާނޫނުގެ ދަށުން ހިޔާލު ހޯދަން ވޯޓަށް އެހިދާނެ ކަމަށް ބަޔާންކުރާއިރު އެފަދަ ހާލަތްތަކާއި އާންމުންގެ ވޯޓަށް އަހަން އެމަނިކުފާނަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅަން ޖެހެނީ ރައީސް ސޮއި ކުރައްވާ ނެރުއްވާ ގަރާރަކުންނެެވެ. އަދި ވޯޓަށް އަހަން ޖެހޭ ހާލަތެއް އޮތް ކަމަށް މަޖިލީހަށް ފެންނަ ހާލަތުގައި ވެސް ގަރާރެއް ފާސްކުރަން ޖެހެ އެވެ. އެގޮތަށް ގަރާރު ނެރުއްވާއިރު އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓަށް ނެގުމަށް ކަނޑައެޅިދާނެ ކަމަށް ވެސް ބިލްގައި ވެ އެވެ.
ބިލުގައިވާގޮތުން ވޯޓުގެ ކަންކަން ވެސް ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މައްސަލައަކާ މެދު ވޯޓެއް ނަގަން ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ހިޔާލު ހޯދަން ހުށަހަޅަން ޖެހެ އެވެ. ވޯޓަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން ހޭދަވާން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށް އެ ބިލުގައިވެ އެވެ. ސިއްރު ވޯޓެއްގެ ގޮތުގައި ނަގަން ޖެހޭ އެ ވޯޓުގައި 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެ އެވެ.
ބިލުގައިވާގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން ވޯޓު ނަގާ ދުވަހުގެ 14 ދުވަސް ކުރިން އިއުލާންކުރަންޖެހޭނެއެވެ. މި އިންތިޚާބާ ގުޅިގެން މިހާރުވެސް އާންމު އިންތިޚާބުތަކުގައި ކެމްޕޭން ކުރެވޭ އުސޫލާ އެއްގޮތަށް ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ބިލުގައިވެއެވެ. ރައްޔިތުންގެ ޚިޔާލު ހޯދަން ހުށަހަޅާ މައްސަލަތަކުގައި ވޯޓުގެ ކަންކަން ކުރިއަށްގެންދާނީ މާލިއްޔަތު ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުންކަމަށްވެސް ސަރުކާރުގެ ފަރާާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ދެމިގެންދާ ތަރައްގީއަށް ހުޅުވޭ އައު ސަފުހާއެއް
ރައްޔިތުންގެ ބައިވެރިވުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއެވެ. މި މަސައްކަތްޕުޅުގެ ތެރެއިން، ދިވެހި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޢާންމު ވޯޓެއް ނެގުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުން އެއީ ރައްޔިތުން ބާރުވެރިކުރުމަށް ކުރަށްވާ މަސައްކަތްޕުޅަށް އިތުރުވާ ވަރަށް މުހިންމު ބޮޅެކެވެ. މި ބިލުގެ މަޤްސަދަކީ ސަރުކާރުގެ މުހިންމު ސިޔާސަތުތައް އެކުލަވާލުމުގައްޔާއި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުކުރުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ގޮތް ނިންމުމަށެވެ. ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލަކީ މި ވިސްނުންފުޅުގެ ތެރެއިން ކުރިއަށްދާ ވަރަށް މުހިންމު މަސައްކަތްޕުޅެކެވެ. ރައީސް މުޢިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، ގައުމީ މުހިންމު ނިންމުންތަކުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތްތައް ފަހިކޮށްދިނުމަކީ، ގައުމު ކުރިއެރުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ތާރީޚުގައި މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވެއެވެ. މި ބިލު ގާނޫނަކަށް ވެ، އެއަށް އަމަލުކުރަން ފެށުމުން، ގައުމީ މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. މިއީ ރައްޔިތުން ބާރުވެރިކުރުމަށް ރައީސް މުޢިއްޒު ކުރަށްވާ މަސައްކަތްޕުޅަށް ލިބޭ ވަރަށް މުހިންމު ބާރެކެވެ. ގައުމީ ކަންކަމުގައި ރައްޔިތުންގެ ޚިޔާލަށް އިސްކަންދީ، އެކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުމަކީ ދެމިގެންދާ ތަރައްޤީއަށް މަގުފަހިކުރާނެ ކަމެކެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
އަހަރެއް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
އަހަރެއް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
އަހަރެއް ކުރިން