ޔަމާލް ޕާޓީ ސެލެބްރޭޝަންގައި ޑްވާރފް ބޭނުންކުރި މައްސަލައިގައި ޤާނޫނީ ފިޔަވަޅުއަޅަނީ
14 ޖުލައި 2025 - 09:09

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލްގެ 18 އަހަރުގެ އުފަންދުވަހުގެ ޕާޓީގައި ކުރުފުރާ މީހުން (ޑްވާރފް) މުނިފޫހިފިލުވުމަށް ބޭނުންކުރި މައްސަލައިގައި އޭނާއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.
ސްޕެއިންގެ އެކޮންޑްރޮޕްލޭޒިއާ އަދި އެހެނިހެން ކަށީގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމްއިއްޔާ (އޭޑީއީއީ) އިން ބުނީ ޖުލައި 13 ވަނަ ދުވަހު ބޭއްވި ޔަމާލްގެ އުފަންދުވަހުގެ ޕާޓީގައި ކުރުފުރާ މީހުން ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިކަމާއި ގުޅިގެން މިކަން ތަޙުޤީގުކޮށް ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ތައްޔާރުވަމުންދާކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
ސްޕެއިންގެ ޖިސްމާނީ އަދި ހަށިގަނޑުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކޮންފެޑެރޭޝަން (ކޮސެމްފޭ)ގެ މެންބަރެއް ކަމަށްވާ އޭޑީއީއީ އިން މިކަން ކުށްވެރިކޮށް ބުނީ މިއީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި މިފަދަ ޢަމަލުތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މެދު ގެންގުޅޭ ނޭދެވޭ ވިސްނުން އިތުރުވެ، އެމީހުންގެ ޤަދަރަށް އުނިކަން އަންނަ ކަމަށެވެ.
އޭޑީއީއީގެ ރައީސް ކެރޮލިނާ ޕުއެންޓޭ ވިދާޅުވީ، "21 ވަނަ ޤަރުނުގައިވެސް ކުރުފުރާ މީހުން އަމިއްލަ ޕާޓީތަކުގައި މުނިފޫހިފިލުވުމަށް ބޭނުންކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ކޮމިއުނިޓީގެ ޤަދަރާއި ޙައްޤުތަކަކީ އެއްވެސް މީހެއްގެ މުނިފޫހިފިލުވުމަށް ބޭނުންކުރެވޭނެ އެއްޗެއް ނޫން."
އެ ޖަމްއިއްޔާއިން އިތުރަށް ފާހަގަކުރީ ޔަމާލް ފަދަ މަޝްހޫރު، ނުފޫޒު ފޯރުވޭ ފަރާތްތަކުން މިފަދަ ޢަމަލުތައް ކުރުމުން، ޚާއްޞަކޮށް ޒުވާން ޖީލުގެ މެދުގައި މުޖުތަމަޢުގެ އާންމު އުސޫލުތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.