އައިޑަލް ނޭމާ އާއި އެއްގޮތަށް ޔަމާލް ޅަފަތުގައި ދަނޑުބޭރުން ގޯލުޖަހަން ފަށައިފި
26 އޯގަސްޓު 2025 - 03:43

ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް، އޭނާގެ އައިޑަލް ނޭމާ ފަދައިން ދަނޑުގެ ބޭރުގައިވެސް ޒުވާން ދުވަސްވަރުގައި ގޯލުޖަހައި މީޑިޔާގެ ސަމާލުކަން ދަމައިގަންނަން ފަށައިފިއެވެ. މީގެކުރިންވެސް ދަނޑުބޭރުގެ އެކި ހަރަކާތްތަކުން މީޑިޔާގެ ފަލަސުރުޚީތަކުން ޖާގަހޯދާފައިވާ ޔަމާލް މިފަހަރު އޭނާ ސަމާލުކަން ހޯދީ އާޖެންޓީނާގެ ލެޓިން މިއުޒިކް ތަރި ނިކީ ނިކޯލްއާއެކު އޮތް ގުޅުން އިންސްޓަގްރާމްގައި ހާމަކުރުމާއި ގުޅިގެންނެވެ.
އުމުރުން 18 އަހަރުގެ ޔަމާލް ވަނީ އޭނާ ގެ އިންސްޓަގްރާމް ގައި ނިކޯލްގެ 25 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ނެގި ފޮޓޯއެއް އޭނާގެ ސަޕޯޓަރުންނަށް ދޫކޮށްލާފައެވެ. މި ފޮޓޯގައި ދެމީހުން އެކުގައި ކޭކު ކައިގެން ތިބިތަން ފެންނައިރު، ހާޓް އިމޯޖީތަކާއެކު ޕޯސްޓްކޮށްފައިވާ މި ފޮޓޯގައި އިތުރު ލިޔުމެއް ހިމަނާފައެއް ނުވެއެވެ.

Ad by Hajj Corporation
އިންސްޓަގްރާމްގައި ޔަމާލް މިހަބަރު ހިއްސާކުރުމުގެ ކުރިންވެސް ކޮންމެވެސް ވަރަކަށް މިދެތަރިންގެ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ ހަބަރުތައް ފެތުރިފައިވެއެވެ. މި ދެމީހުންގެ ގުޅުން ފެށިފައިވަނީ ޔަމާލްގެ އުފަންދުވަހުގެ ޕާޓީއަށް ފަހުގައިކަމަށް ބެލެވެއެވެ.
18 އަހަރުގެ ޔަމާލްގެ އުފަންދުވަހުގެ ޕާޓީއަކީ މާފިޔާ ތީމްގެ މައްޗަށް ބިނާކޮށް ބޭއްވި ޕާޓީއެކެވެ. 200 އަށްވުރެ ގިނަ މެހެމާނުން ބައިވެރިވި މި ޕާޓީގައި ހިނގާދިޔަ ކަންތައްތަކަށްވެސް މީގެކުރިން ވަނީ މީޑީއާގެ ސަމާލުކަން ލިބިފައެވެ. ޔަމާލް ފާހަގަ ވެގެންދަނީ ނޭމާ ގޮތަށް ޒުވާން އުމުރުގައި ޕީއާރު ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނޭމާ އަކީ އައިޑަލް ކަމަށް ދެކެމުން އަންނަ ޔަމާލް އަންނަނީ ނޭމާ ގޮތަށް ދަނޑުން ބޭރުގައިވެސް އޭނާ ކޮޕީކުރަން މަސައްކަތް ކުރަމުންނެވެ.