logo
E-Platinum
ރިޕޯޓް

ރިޒާ ކިޔައިދިނީ، އުފާވެރި ދިރިއުޅުމަކަށް ފައިސާ މެނޭޖުކުރާނެގޮތް

ޝަހްޒާ މުހައްމަދު
16 އޭޕްރީލު 2025 - 09:28
ރިޒާ ކިޔައިދިނީ، އުފާވެރި ދިރިއުޅުމަކަށް ފައިސާ މެނޭޖްކުރާނެގޮތް

އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަޙްމަދު ރިޒާއަކީ، ފައިނޭންޝަލް ކޮންސަލްޓެންޓެއްގެ އިތުރުން، ކޯޕަރޭޓް ޓްރެއިނާއެއް ވެސްމެއެވެ. ގިނަބަޔަކު ރިޒާދަންނަނީ، ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓެއްގެގޮތުގައެވެ. މިދާއިރާއިން ރިޒާދެއްވާ މަޢުލޫމާތުތަކަކީ ފައިސާ މެނޭޖްކުރުމަށް ވަރަށްވެސް މުހިންމު ނަސޭހަތްތަކެކެވެ.

މެންދުރުޓީވީގެ، 'އުފާވެރި ހަޔާތެއް' ޕްރްގްރާމުގައި ރިޒާވަނީ އެފަދަ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. ކޮންމެހެން އެވާހަކަތަކުގެ ބޭނުން ހިފަންޖެހޭ ވާހަކަތަކެކެވެ. އެހެންވެ އޭގެތެރެއިން ބައެއް ވާހަކަތަކަށް ކުރުކޮށް ބަލާލާނަމެވެ.  

ރިޒާ  ވިދާޅުވިގޮތުގައި، ފައިނޭންސް މެނޭޖްކުރުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބައެވެ. އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ފައިސާ ރަނގަޅަށް މެނޭޖްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އާމްދަނީ ދެނެގަތުމާއި ބަޖެޓްކުރުން

ރިޒާ ވިދާޅުވިގޮތުގައި ފައިސާ މެނޭޖްކުރުމުގައި އެންމެ ފުރަތަމަ ކަމަކީ އާމްދަނީ ލިބޭ މަގުތައް ދެނެގަތުމެވެ. މުސާރައިގެ އިތުރުން އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީ ވެސް ހިމެނޭގޮތަށް މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ ދެނެގަނެ، ބައިބަޔަށް ބަހާ ބަޖެޓް ކުރުމަކީ މުހިންމުކަމެކެވެ. އާންމު އުސޫލެއްގެ ގޮތުން، ލިބޭ އާމްދަނީގެ 50-60 އިންސައްތަ ކޮންމެހެން ބޭނުންވާ ކަންކަމަށް ޚަރަދުވާނެކަމަށް ރިޒާ ވިދާޅުވިއެވެ.

އެމަޖެންސީ ފަންޑް އަދި ސޭވިންގްސް

ކޮންމެ މީހަކުވެސް އިމަރޖެންސީ ފަންޑެއް ޤާއިމުކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ކޮންމެ މަހަކު މި ފަންޑަށް ޖަމާކުރަންވާނެއެވެ. މީގެ އިތުރުން ކުރުރާސްތާ އަދި ދިގުރާސްތާގެ ލަނޑުދަނޑިތަކަށް ވަކިން ފައިސާ ރައްކާކުރުން މުހިންމެވެ. ލިބޭ އެއްޗަކުން ކިތަންމެ މަދު މިންވަރެއް ނަމަވެސް މި ފަންޑަށްލުމަށް ރިޒާ ލަފާދެއްވައެވެ. .

އިތުރު އާމްދަނީގެ މަގުތައް

މައިގަނޑުގޮތެއްގައި އަދާކުރާ ވަޒީފާގެ އިތުރުން، އިތުރު އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް ރިޒާކިޔައިދިނެވެ. މިގޮތުން ދުވާލަކު 1-2 ގަޑިއިރު އަމިއްލަ މަސައްކަތަކަށް ހޭދަކުރެވިދާނެއެވެ. އޮންލައިން ވިޔަފާރި، ޑެލިވަރީ ޚިދުމަތް ނުވަތަ ފްރީލާންސް މަސައްކަތްތައް ކުރެވިދާނެކަމަށް ވެސް ރިޒާ ތަޖުރިބާގެ އަލީގައި ބުނެދިނެވެ. މިފަދަކަންކަމަކީ ހުތުރުކަމެއްނޫނެވެ. .

ޚަރަދުތައް ކުޑަކުރުމުގެ ވިސްނުން

ބޭކާރު ޚަރަދުތައް މަދުކޮށް، ނުބައި އާދަތައް ދޫކޮށްލުމަކީ މުހިންމު ކަމެއްކަމަށްވާތީ އެއީ ރިޒާވަރަށް ބޮޑަށް ބާރުއަޅުއްވާކަމެކެވެ . މިސާލަކަށް އޮފީހަށް ގޮސް ގަންނަ ހެދިކާއާއި ޕެކެޓުގެ ބަދަލުގައި ގެއިން ނާސްތައެއް ތައްޔާރުކޮށްލައިގެން އޮފީހަށް ދިއުމާއި، ބޭކާރުގޮތުގައި ހުސް އަނގަތަޅަން ރައްޓެހިންނާއި އެކު ކޮފީއަށް އެރުން މަދުކުރުމަށް ރިޒާ ހަނދާންކޮށްދިނެވެ. މީގެ އިތުރުން އޮފީހުގައި އެކުވެރިންނާއެކު ކާބޯތަކެތި ޝެއަރކުރުން ފަދަ ކުދިކުދި ކަންކަމުން ވެސް ފައިސާ ސަލާމަތްކުރެވޭނެކަން ރިޒާ ބުނެދެއްވިއެވެ.

ދިގު މުއްދަތުގެ ޕްލޭންތައް

ރަސްމީ ޕެންޝަން ފަންޑުގެ އިތުރުން އަމިއްލައަށް ރިޓަޔަރމަންޓް ފަންޑެއް ޤާއިމުކުރުމާއި، ދަރިންގެ ތަޢުލީމަށް ފައިސާ ރައްކާކުރުމާއި، ގެދޮރު ގަތުމަށް އިކުއިޓީ އަށް ފައިސާ ރައްކާކުރުން، ފަދަ ދިގު މުއްދަތުގެ ލަނޑުދަނޑިތަކަށް  ރޭވުންތެރިކަމާއެކު ފައިސާ ރައްކާކުރަންވާނެކަމަށް ރިޒާ ވިދާޅުވިއެވެ.

ކްރެޑިޓަށް ނެގުމާއި ލޯނު

ރިޒާ ބުނިގޮތުގައި ދަރަނި ނުވަތަ ލޯނު ނަގަންވާނީ ކޮންމެހެން ބޭނުންވެގެން އެކަންޏެވެ. މިސާލަކަށް އެއްވެސް މާލީ ފައިދާއެއް ނުލިބޭ، ބޭރު ދަތުރެއްކުރުމަށް ލޯނުނެގުމަކީކޮށްގެންވާނެކަމެއްނޫނެވެ. އަދި ދަރަނި ނަގައިފިނަމަ، ވީ އެންމެ އަވަހަކަށް އެ ދަރަނި އަދާކުރުމަށް ވެސް ރިޒާހަނދާންކޮށްދިނެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވެސް އެގޮތަށް އަންގަވާފައިވާތީއެވެ.

ބޭންކުތަކުން މިހާރު ވަރަށް ފަސޭހައިން އަމިއްލަ ފަރުދުންނަށް ލޯނު ލިބެއެވެ. ނަމަވެސް މިކަމުގެ ބޭނުން ހިފަންވާނީ ވިސްނުންތެރިކަމާއެކުގައިކަމަށާއި، އާމްދަނީ ނުލިބޭ ކަންކަމަށް ލޯނު ނެގުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ރިޒާވިދާޅުވިއެވެ. މިސާލަކަށް، މަސައްކަތަށް ބޭނުންވާ ލެޕްޓޮޕް ނުވަތަ ފޯނެއް ގަތުމަށް ލޯނު ނެގުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް ކޮންމެ ރޯދައަކަށް ފަރުނީޗަރު ބަދަލުކުރުމަށް ނުވަތަ އަލަށް ނިކުންނަ ފޯނެއް ގަތުމަށް ލޯނު ނެގުމަކީ ރަނގަޅުކަމެއް ނޫންކަން ރިޒާ ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން ވެސް ވަރަށް މުހިންމު ވާހަކައެއް ރިޒާފާހަގަކުރިއެވެ. ޚާއްޞަކޮށް ރަށްފުށުގައި، ކެފޭތަކަކާއި ފިހާރަތަކަށް  ދަރަނިވެރިވުމަކީ ވަރަށް އާންމު ކަމެކެވެ. މުސާރައިގެ ގޮތުގައި 12,000 އިން 18,000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މީހުންވެސް މަހެއްގެ މައްޗަށް 3,000 ނުވަތަ 4,000 ރުފިޔާގެ ދަރަނި ކެފޭ، ފިހާރަތަކުގެ ކްރެޑިޓަށްއޮވެއެވެ. މިއީ ވަރަށް ނުރަނގަޅު އާދައެކެވެ. ކޮފީ ފަދަ ތަކެއްޗަކީ އެއްގޮތަކަށް ވެސް ދަރަންޏަށް ނަގައިގެންވާ އެއްޗެއްނޫންކަމަށް ރިޒާ ފާގަހަކުރެއްވިއެވެ.

ކްރެޑިޓަށް މުދާ ވިއްކުމަށް މަޖުބޫރުވުމަކީ ކުދި ވިޔަފާރިތައް ބަނގުރޫޓުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ. އެހެންކަމުން، ކްރެޑިޓަށް އެއްޗެހި ގަތުމުން ދުރުހެލިވުމަކީ އަމިއްލަ ޢިއްޒަތަށްޓަކާވެސް އަދި ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް މުހިންމު ކަމެކެވެ.

ޢާއިލާތަކުގައި ފައިސާމެނޭޖްކުރުން

ފިރިމީހާއަކީ ޢާއިލާގެ ޚަރަދުތައް ބަލަހައްޓަންޖެހޭ ފަރާތް ކަމުގައި ހަދާންކޮށްދެއްވަމުން ރިޒާވިދާޅުވީ މިހާރުގެ ޒަމާނުގައި ގިނަ ޢާއިލާތަކުގައި އަނބިމީހާވެސް މަސައްކަތްކުރާއިރު، ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން، ރަނގަޅަށް މުއާމަލާތުކޮށްގެން މިސާލަކަށް އެޕާޓްމަންޓް ގަތުމާއި، ބިލުތަކާއި ކުލި ދެއްކުން ފަދަ ކަންކަން މެނޭޖްކުރެވިދާނެކަމަށެވެ.

މީގެ އިތުރުން ޢާއިލާގެ ތެރޭގައި ދިމާވާ، ބޮޑެތިކަންކަމުގައި މިސާލަކަށް އާއިލާ މީހަކަށް ބޮޑު ބައްޔެއް ޖެހުން ފަދަ ކަމެއް ދިމާވުމުން، އެ ޚަރަދުތައް ބެލެހެއްޓުމަށް ތަކާފުލް މޮޑެލްގެ އުސޫލުން ޢާއިލާގެ މެންބަރުން އެކުގައި ސަޕޯޓް ސިސްޓަމެއް ޤާއިމްކުރުން މުހިންމުކަމަށް ރިޒާކިޔާދެއްވިއެވެ. މިސާލަކަށް އެފަދަކަންކަމުގައި އާއިލާގެ ކޮންމެ މެންބަރަކު މަހަކު ކޮންމެވެސް ވަރެއްގެ ފައިސާއެއް ޖަމާކުރެވިދާނެއެވެ.

އަދި އެކުގައި އުޅޭ ޢާއިލާގެ ތެރޭގައި މާލީ ކަންކަން ރާވާއިރު، އެކަކަށް ބޮޑު މުސާރައެއް ލިބުނު ކަމުގައިވިޔަސް، އެންމެން ހަމަހަމަ އުސޫލަކުން ޚަރަދުތަކުގައި ބައިވެރިވުން މުހިންމުކަމަށް ވެސް ރިޒާދެކިލައްވައެވެ.

މީގެ އިތުރުން ދަރިންނަށް މާލީ ހޭލުންތެރިކަން އުގަންނައިދިނުމަށްޓަކައި، ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމަށް ކުޑައިރުއްސުރެ މަސައްކަތްކުރުމަކީ ރިޒާ ވަރަށް ބޮޑަށް ހިތްވަރުދެއްވާކަމެކެވެ.

ޒުވާނުންނަށް މުހިންމު ފިލާވަޅެއް

އަލަށް ވަޒީފާއަށް ނިކުންނަ ޒުވާނުން، މަތީ ތަޢުލީމު ހާސިލުކޮށްގެން ވަޒީފާއަށް ނުކުމެ މަތީ މުސާރައެއް ހޯދުމުގެ ބަދަލުގައި، ރަނގަޅު ސުޕަވައިޒަރެއްގެ ދަށުން މަސައްކަތްކުރުމަށް އިސްކަންދިނުމަށް ރިޒާ ބާރުއަޅުއްވައެވެ. މިގޮތަށް މަސައްކަތްކުރުމުން، ކުރިއަށް އޮންނަ ފަހެއް ނުވަތަ ދިހަވަރަކަށް އަހަރުގެ ތެރޭގައި މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެއެވެ.

ޅައުމުރުގައި އިންވެސްޓްކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއްކަމަށް ރިޒާ ދެކިވަޑައިގަންނަވައެވެ. މި އުމުރުގައި ގިނަ ވަގުތު މަސައްކަތްކުރެވޭނެތީ، އޮފީސް މަސައްކަތުގެ އިތުރުން އިތުރު މަސައްކަތްތަކެއް ކުރުމަށް ބާރުއަޅައެވެ. ނަމަވެސް މެންޓަލް ހެލްތަށް ބަލައި، އެކަށީގެންވާ މިންވަރަކަށް މަސައްކަތްކުރަންވާނެކަމަށް ވެސް ރިޒާ ހަނދާންކޮށްދެއްވިއެވެ.

ޒުވާން އުމުރުގައި ޙިއްސާ، ސުކޫކް ފަދަ ކުޑަ ރިސްކް ހުރި އިންވެސްޓްމަންޓްތަކުގައި ބައިވެރިވުމަށް ވެސް ރިޒާ ލަފާދެއްވައެވެ.  ވިހީގެ އަހަރުތަކުގައި އެގޮތަށް މަސައްކަތް ކޮށް،  30 އަހަރުގެ އުމުރުގައި ރިސްކް ނަގައިގެން އިންވެސްޓްކުރުމަށް ވެސް ހިތްވަރުދެއްވައެވެ.

 35އަހަރު ވާއިރު އަމިއްލަ ބޯހިޔާވަހިކަމަށް ވިސްނުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާ، 20 އަހަރުގެ ޒުވާނަކު 15 އަހަރު ރަނގަޅަށް މަސައްކަތްކޮށްފިނަމަ، އަމިއްލަ ފައިސާއިން ގެދޮރު ހޯދުމަކީ ކުރެވޭނެ ކަމެއްކަމަށް ރިޒާ ވިދާޅުވިއެވެ.  

ފައިސާ މެނޭޖްކުރުމަކީ އުފާވެރި ދިރިއުޅުމެއް އުޅުމަށް ކޮންމެހެން މުހިންމު ކަމަކަށް ވާއިރު، ރިޒާ ކިޔައިދެއްވިހެން، ރަނގަޅު ބަޖެޓެއް އެކުލަވާލައި، އިމަރޖެންސީ ފަންޑެއް ޤާއިމުކޮށް، އިތުރު އާމްދަނީގެ މަގުތައް ހޯދައި، ބޭކާރު ޚަރަދުތައް މަދުކޮށް، ދިގު މުއްދަތުގެ ލަނޑުދަނޑިތަކަށް ފައިސާ ރައްކާކޮށް، އާއިލާތަކުގައި ގުޅިގެން މަސައްކަތްކޮށް، ކުޑަކުދިން މިފަދަ އާދަތަކަށް އަހުލުވެރި ކުރުވުމަކީ ކޮންމެހެން ބޭނުންތެރިކަންކަމެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޒާ ކިޔައިދިނީ، އުފާވެރި ދިރިއުޅުމަކަށް ފައިސާ މެނޭޖްކުރާނެގޮތް ރިޕޯޓް | ދުވަހެއް ކުރިން