logo
E-Platinum
ޚަބަރު

ބޭއިންސާފު ހިމެނޭކަމަށްބުނެ، މާފަރުން ގެވަޅު ދިނުން ހުއްޓުވަން މިފަހަރުވެސް ކޯޓަށް

އަޙްމަދު ޒަލީފް
14 ޖުލައި 2025 - 12:01
ބޭއިންސާފު ހިމެނޭކަމަށްބުނެ، މާފަރުން ގެވަޅު ދިނުން ހުއްޓުވަން މިފަހަރުވެސް ކޯޓަށް

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް މާފަރު ކައުންސިލުން އެންމެ ފަރަތަމަ ކުރި އިޢުލާނާ ގުޅިގެންވެސް، ޕޮއިންޓް ދިނުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، މާފަރު ކޯޓަށް އާއްމު ފަރާތަކުން މައްސަލަ ހުށަހެޅިއެވެ. އެ ފަހަރުވެސް ކޯޓުން ނިންމީ، މާފަރު ކައުންސިލުން އެ ފަރާތަށް ޕޮއިންޓް ދީފައިވަނީ އިންސާފުން ނޫން ކަމަށާއި، އެ ފަރާތަށް މިވެނި ވަރަކަށް ޕޮއިންޓް ލިބެންޖެހޭނެ ކަމަށެވެ.

މާފަރު ކޯޓުގެ މި ނިންމުމާ އެއްގޮތަށް ޢަމަލު ކުރުމުގެ ބަދަލުގައި، ކައުންސިލުން ނިންމީ މުޅި އިޢުލާން ބާޠިލްކޮށް، ގެވަޅު ދޫކުރުމާ ގުޅޭ އުޞޫލު އިސްލާޙުކޮށް އަލުން އިޢުލާން ކުރުމަށެވެ. އެގޮތުން އޭގެ ދުވަސްތަކެއް ފަހުން، މާފަރުން ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އަނެއްކާވެސް އިޢުލާން ކުރިއެވެ. މިފަހަރުގެ އުޞޫލު ހަދާފައިވަނީ އަދި ކުރިއަށްވުރެވެސް ގޯސްކޮށެވެ. އެތައް ހައްޤެއް ގެއްލޭ ގޮތަށެވެ.

މާފަރުން ގޯއްޗެއް ހޯދުމަށް އެދި މި ހުށަހެޅީ މާފަރުގެ ރަށްވެއްސެކެވެ. އޭނައަށް އުފަން 4 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ފިޔަވާ ބާކީ ތިބި ތިން ކުދިންނަކީވެސް 18 އަހަރުން ދަށުގެ ކުދިންނެވެ. ކުދިންގެ ބައިގައި ޕޮއިންޓް ދޭނެ އުޞޫލުގައި މިފަހަރު ބަޔާންކޮށްފައި އޮތީ ދަރިންގެ ބަޔަށް ޕޮއިންޓް ލިބޭނީ އެ ކުދިންނަކީ މާފަރުގައި ރަޖިސްޓްރީގައި ހިމެނިފައިވާ ކުދިން ކަމުގައިވާނަމައެވެ.

ޤާނޫނީ އަދި ޝަރުޢީ އެންމެހާ އުޞޫލުތަކަށް ނަޒަރުކުރާއިރު، ޝަރުޢީ ގޮތުން އެ ކުދިން ބަލަހައްޓަންޖެހޭ މީހަކީ އެ ކުދިންގެ ބައްޕައެވެ. ކުދިންނަށް ކާންބޯން ދިނުމާއި، އަންނައުނު ހޯދައިދިނުމާއި، ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ ބައްޕަގެ ކޮނޑުގައި އެޅިފައި އޮންނަ މަސްޢޫލިއްޔަތެވެ.

މާފަރުން ގޯއްޗެއް ހޯދުމަށް ހުށަހެޅި ފަރާތަކީ ބިމުގެ ތަނަވަސްކަމެއް ހުރި ފަރާތެއް ނޫނެވެ. އެހެންކަމުން، ދަރިންގެ ބަޔަށް ލިބެންޖެހޭ ޕޮއިންޓް އުނިކޮށް، ގޯތި ލިބުމުން މަޙުރޫމް ކުރުމަކީ ރާއްޖޭގައި ހެދިފައިވާ އެންމެހާ ޤާނޫނުތަކާއި، އަދި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާވެސް ޚިލާފު ކަމެއް ކަމަށް އެ ފަރާތުން ދެކެއެވެ.

މާފަރު ކައުންސިލުން އާއްމުކޮށްފައިވާ ގެވަޅު ދޫކުރުމުގެ އުޞޫލުގެ މަޤްޞަދަށް ބަލާއިރު، "މި އުޞޫލުގެ މަޤްޞަދަކީ ނ.މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ކަނޑައެޅޭ އުޞޫލުގެ ތެރެއިން ހަމަހަމަކަމާއިއެކު މާފަރުގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ޒަރުރީވެފައިވާ އަދި އެކަށީގެންވާ ބިމުގެ ތަނަވަސްކަމެއް ނެތް ފަރާތްތައް ކަށަވަރުކޮށް އެ ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުން" ކަން މި އުޞޫލުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ.

މާފަރުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު އާއްމުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އެ ފަރާތްތަކުން ވަނީ ކައުންސިލަށް ޝަކުވާ ހުށަހަޅާފައެވެ. އަދި ޖުޑީޝަލް ރިވިއުގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ފަރާތްތަކުން އަންނަނީ ތައްޔާރު ވަމުންނެވެ.

މާފަރުން ގެވަޅު ދޫނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާތީ ރައްޔިތުން އަންނަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭއިންސާފު ހިމެނޭކަމަށްބުނެ، މާފަރުން ގެވަޅު ދިނުން ހުއްޓުވަން މިފަހަރުވެސް ކޯޓަށްޚަބަރު | 18 ދުވަސް ކުރިންކާށިދޫއަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ރަށުން ގެވަޅު ދޫކުރަނީ ޚަބަރު | 23 ދުވަސް ކުރިންމާފަރުގައި ހުރި މިދިލި ގަސްތަކުން ދޮންމަދު ބިނުން ކައުންސިލުން މަނާކޮށްފި ޚަބަރު | މަހެއް ކުރިން