މުދާތައް ކްލިއަރނުކޮށް ގިނަދުވަސްވާނަމަ ނީލަމުގައި ވިއްކާލަނީ
16 ޖުލައި 2025 - 11:51

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލް އެމްޕީއެލް އިން އާއްމުކޮށްފިއެވެ.
މި ލިސްޓުގައި ހިމެނޭ މުދާތައް މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ބަނދަރުން ކްލިއަރ ކުރުމަށް މުދަލުގެ ވެރިފަރާތްތަކަށް އަންގާ ކަމަށާއި، މި މުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސްފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް ކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެ ކަމަށް އެ ކުންފުނިން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވެއެވެ.
އެމްޕީއެލްއިން އާއްމުކޮށްފައިވާ ލިސްޓު
އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެކަންވެސް އެ މުދަލުގެ ވެރިފަރާތަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، މި މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށްވެސް ޢިއުލާންކޮށްފައެވެ.