މާލޭ ނޯތު ހާބަރު ސަރަހައްދު ހިންގުން އެއްކޮށް އެމް.ޕީ.އެލްގެ ދަށަށް ބަދަލު ކޮށްފި
24 ޖުލައި 2025 - 09:37

މާލޭގެ ނޯތު ހާބަރު ސަރަހައްދު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)އާ ހަވާލުކޮށްފިއެވެ.
އެ ބަދަލު ގެނެވިފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި އެމްޕީއެލްއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
މި އެއްބަސްވުމުގެ ދަށުން، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން، މާލޭގެ އުތުރު ފަރާތު ބަނދަރު، އެމްޕީއެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ވަނީ އެ ކުންފުންޏާ ހަވާލުކުރޮށްފައެވެ. އެހެންކަމުން ބަނދަރު ހިންގައި ބަލަހައްޓާނީ، އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރުގެ ދަށުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ގެނެވުނު ބަދަލާއެކު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލޭ ނޯތު ހާބަރުން ހިދުމަތް ފޯރުކޮށްދޭނީ އެ ހާބަރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށް ކަމަށާއި، އަދި މާލެ ނޯތު ހާބަރުގެ ހިދުމަތް ހޯދުމަށް ބޭނުންވާ އުޅަނދުފަހަރުތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ. އަދި މާލޭ ނޯތު ހާބަރުގައި އުޅަނދު ފަހަރު ރަޖިސްޓްރީކުރުމަށް ހާބަރ ސޮފްޓްވެއަރގެ ޕޯޓަލް local.port.mv މެދުވެރިކޮށް ކުރެވޭނެ ކަމަށާއި، މި ޕޯޓަލްއިން މާލޭ ނޯތު ހާބަރުން ބޭނުންވާ ހިދުމަތްތަކަށް އެދެވިދާނެ ކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އެމްޕީއެލް އިން ބުނީ، މާލޭ ނޯތު ހާބަރުގެ ކީވޯލްއިން ކުރިން 32 އުޅަނދަށް ޖާގަ ދެވުނު ނަމަވެސް، ނޯތު ހާބަރުގެ ސަރަހައްދަށް މިއައި ބަދަލާއި ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބިގެންދާނެ ކަމަށާއި، އަދި މަސް ދޯނި ފަހަރަށް ހާއްސަކުރެވިފައިވާ 20 ޖާގަ ހިމެނިފައިވާނެ ކަމަށެވެ. އެހެންކަމުން މާލޭ ނޯތު ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި 25 އުޅަނދު ވެއިޓިންގ ގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެ ކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ.
އެމްޕީއެލްއިން ބުނީ، އެ އައި ބަދަލާއި ގުޅިގެން މާލޭ ނޯތު ހާބަރުގެ ކީވޯލް ތަކުގެ މަރާމާތުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. އަދި ހިދުމަތް ހޯދާ އުޅަނދުތަކަށް ވާ އައްސާ މޫޓް ތަކާއި ފައްތިޔާ ބުޑު އެޅުމުގެ މަަސައްކަތް މިހާރުވެސް ދަނީ ކުރިޔަށް ކަމަށާއި، އެ ގޮތުން ފަޅުގެ މެދުން ލައިނަކަށް ފަސް ފޫޓް ފަސް ފޫޓްގެ ދިހަ ކޮންކްރީޓް ބުޑު ފައްތާ ޗޭނަކުން ގުޅާލުމުގެ މަސައްކަތްވެސް ދަނީ ކުރިޔަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ޒޯންތައް ފާހަގަ ވާނެ ގޮތަށް ސައިންގ ބޯޑްތަކެއް ހަރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެ ކުންފުނީގެ ބެލުމުގެދަށުން މާލޭ ނޯތު ހާބަރުން ކީވޯލް އިން ޖާގަ ދެމުން ދަނީ ކިއު ތަރުތީބެއްގެ ދަށުން ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އެގޮތުން މުޅި ބަނދަރު މާލޭ ނޯތު ހާބަރާއި ހަވާލުވުމުން ކިއުތަރުތީބަކުން މުޅި ބަނދަރަށް ކީވޯލްއިން ޖާގަދެމުންދާނެ ކަމަށާއި އަދި ފެނާއި ކަރަންޓްގެ ހިދުމަތް ފުޅާކޮށް މުޅި ބަނދަރުގެ ސަރަހައްދަށް ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމަށް މިހާރު މަސައްކަތްފަށާފައިވާ ކަމަށް އެ ކުންފުނީ ބުނެފައިވެއެވެ. އަދި މީގެ އިތުރަށް ތެލުގެ ހިދުމަތް ކައިރި މުސްތަގްބަލެއްގައި ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ހާބަރުން ދޭ ހިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތެެއް ބޭނުންފުޅު ވާނަމަ އެ ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަށް ގުޅުއްވުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.