ފެމިލީ ކޯޓުގެ ތަފާސް ހިސާބު: ނިމުނު ދެ މަހު 460 ކައިވެންޏާއި 210 ވަރި
18 ޖުލައި 2025 - 12:01

ނިމުނު މޭއި މަހާއި ޖޫން މަހު، ފެމިލީ ކޯޓުން 460 ކައިވެންޏަކާއި، 210 ވަރި ކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ކޯޓުން ޢާންމުކުރި އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ހުސްވި މޭއި މަހު އެ ކޯޓުން ވަނީ 280 ކައިވެނި އަދި 147 ވަރި ކޮށްދީފައެވެ. އަދި ނިމުނު ޖޫން މަހު 180 ކައިވެންޏެއް ކޮށްދީފައިވާއިރު، 63 ވަރި އެ ކޯޓުން ވަނީ ކޮށްދީފައެވެ.

Ad by Hajj Corporation
އެގޮތުން ހުސްވި ދެ މަހު ވެސް އެ ކޯޓަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވަރީގެ މައްސަލަކަން ފާހަގަކުރެވެއެވެ. އެގޮތުން ވަރީގެ މުޅި ޖުމްލަ 210 މައްސަލައެއް އެ ދެ މަހު ހުށަހެޅިފައިވާއިރު، ހުސްވި މޭއި މަހު އެކަނި ވެސް މުޅި ޖުމްލަ 151 ވަރީގެ މައްސަލަ ހުށަހެޅިފައިވެއެވެ.
އެގޮތުން ހުސްވި މޭއި މަހު ވަރި، ކުދިންނާއި ގުޅުން ހުރި މައްސަލަ، ޚަރަދުގެ މައްސަލަ، ގެވެށި އަނިޔާގެ މައްސަލަ އަދި އާއިލީ އެހެނިހެން މައްސަލައިގެ މުޅި ޖުމްލަ 197 މައްސަލަތަކެއް އެ ކޯޓަށް ވަނީ ހުށަހެޅިފައެވެ. އެގޮތުން އޭގެ ކުރީ މަހުގެ މައްސަލަތަކުގެ ތެރެއިން ނުނިމި 243 ހުރި މައްސަލަތަކާއެކު ވެސް، އެ މަހު އެ ކޯޓުން 230 މައްސަލައެއް ނިންމާފައިވެއެވެ. އެއީ:
- ވަރީގެ 180 މައްސަލަ
- ކުދިންނާ ގުޅުން ހުރި 10 މައްސަލައެއް
- ޚަރަދުގެ 13 މައްސަލައެއް
- ގެވެށި އަނިޔާއާ ގުޅުންހުރި 9 މައްސަލައެއް
- އާއިލީ އެހެނިހެން 18 މައްސަލައެއް

އެހެން ނަމަވެސް އެ މަހު، މުޅި ޖުމްލަ 210 އެކި ބާވަތުގެ މައްސަލަ ނުނިމިވާ ކަމަށް ވެސް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން، ހުސްވި ޖޫން މަހު ވަރީގެ 120 މައްސަލައެއް އެ ކޯޓަށް ހުށަހެޅިފައިވާއިރު، ކުދިންނާ ގުޅުންހުރި ނުވަ މައްސަލައެއް، ޚަރަދުގެ ހަތަރު މައްސަލައެއް، ގެވެށި އަނިޔާގެ 8 މައްސަލައެއްގެ އިތުރުން އާއިލީ އެހެނިހެން 14 މައްސަލައެއް އެ ކޯޓަށް ހުށަހެޅިފައިވެއެވެ.
އެގޮތުން އޭގެ ކުރީ މަހު ނުނިމި ހުރި މައްސަލަތަކުގެ 210 މައްސަލައެއް ހުސްވި މަހު އެ ކޯޓުން ބެލި ނަމަވެސް، މުޅި ޖުމްލަ 109 މައްސަލައެއް އެ ކޯޓުން މިދިޔަ މަހު ނިންމާފައިވެއެވެ އެއީ:
- ވަރީގެ 86 މައްސަލަ
- ކުދިންނާ ގުޅުން ހުރި 5 މައްސަލައެއް
- ޚަރަދުގެ 6 މައްސަލައެއް
- ގެވެށި އަނިޔާއާ ގުޅުންހުރި 8 މައްސަލައެއް
- އާއިލީ އެހެނިހެން 4 މައްސަލައެއް
މީގެ އިތުރުން ވެސް، ދަރިންނާއި އަނބީންގެ ޚަރަދުނުދޭ އިތުރު މައްސަލަތަކެއް ވެސް އެ ކޯޓަށް ހުސްވި ދެ މަހު ވެސް ހުށަހަޅާފައިވެއެވެ. އެ މައްސަލަތަކާ ގުޅިގެން، އެ ޚަރަދު ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ނުދޭ މީހުންގެ ވަނަވަރު ފޮޓޯއާއެކު ޢާންމުކުރަން އެ ކޯޓުން ހުސްވި ހަފުތާގައި ވަނީ ފަށާފައެވެ.


