ޑްރަގު ވިޔަފާރީގެ ތުހުމަތު ކުރެވޭ މީހަކު، ފޭކް ސްލިޕް މައްސަލައެއްގައި ހައްޔަރުކޮށްފި

20 ޖުލައި 2025 - 02:49

ސައްޙަ ނޫން ސްލިޕެއް ބޭނުންކޮށްގެން ވިޔަފާރިކުރަން އުޅުނު މައްސަލައެއްގައި، މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތު ކުރެވޭ ސ. ހިތަދޫ، ލޫޒަން، އާލާ އިބްރާހިމް ރަޝީދު، 33، 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އާލާ ސައްޙަ ނޫން ސްލިޕެއް ބޭނުންކޮށްފައިވާކަން އެނގޭ ކަމަށާއި، މި ބާވަތުގެ އިތުރު މައްސަލަތައް ތަޙްޤީޤު ކުރެވެމުންދާތީ، އޭނާ ބަންދުން ދޫކޮށްލުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކަމަށެވެ.
އެހެންކަމުން، ތަޙްޤީޤަށް ފަސޭހަވުމަށް އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ނިންމީއެވެ.
މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އާލާ، މީގެ ހަތް އަހަރު ކުރިން 2018 ވަނަ އަހަރު ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވެއެވެ. އެފަހަރު ފުލުހުން ތުހުމަތުކުރީ އާލާއަކީ މާލެއާއި ހުޅުމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގެ ތުހުމަތު އޮއްވައި، ފޭކް ސްލިޕްގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް، ބަންދުކުރުމަށް ކޯޓުން ނިންމީ އެކަމުގެ ނުރައްކާތެރިކަން އިތުރަށް ފާހަގަވުމުން ކަމަށް ބެލެވެއެވެ.