ޖަމީލު ގަމާރީތަ؟ ނޫނީ ހަމަ ނުލަފައީތަ؟

20 ޖުލައި 2025 - 09:09

ދިވެހިރާއްޖޭގެ ނައިބުރައީސްކަން ތިން އަހަރެއްހާ ދުވަހު ކުރަށްވާފައިވާ ޑރ. މުޙައްމަދު ޖަމީލު އަހްމަދާއި ގުޅުވައިގެން ސުރުޚީގައި ގެނެސްފައި އެ ވަނީ އަޅުގަނޑު ކުރި ސުވާލެއްނޫނެވެ. އެއީ ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ދޫކޮށްލެއްވި ސުވާލުތަކެކެވެ.
އެ ސުވާލުތަކުގެ ޖަވާބު ސާފުވަނީ ސުޖާ ދެން ދެއްކެވި ވާހަކަތަކުންނެވެ.
ޝުޖާއު މީސްމީޑިއާގައި ކުރަށްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެ ޑިމޮކްރަސީގެ ލާމަސީލު ޤައުމަކަށްވަނީ އިނގިރޭސިވިލާތް ނޫނަސް ފަޚްރުވެރި ދިވެހިރާއްޖެއަށް ރައީސް މަޢުމޫން ޑިމޮކްރަސީގެ ދޮރު ހުޅުވައިލެއްވީ ރައްޔިތުން އެމީހުންގެ ވެރިމީހާއާއި އެމީހުންގެ ފަރާތްޕުޅުން ވަކާލާތުކުރައްވާނެ މަންދޫބުން މިނިވަންކަމާއެކު ލެވޭ ވޯޓުން އިންތިޚާބު ކުރެވޭ ދުނިޔޭގައި ޑިމޮކްރަސީ ކުރިއަރާފައިވާ ގައުމުތަކާ އެއްފެންވަރެއްގައި ހުރުމުން ކަމަށެވެ.
''މިކަން ޕީއެޗްޑީ ނަންގަވައިގެން ތިއްބަވާ ޑރ.ޖަމީލްމެން ފަދަ ބޭފުޅުންނަށް ނޭނގުމަކީ އެއްގޮތަކުން ގަމާރުކަމުންނޭވެސް ބުނެވިދާނެ އެވެ.އަނެއްގޮތަކުންނުބައި ނުލަފާކަމުންނޭވެސް ބުނުމުގެ ފުރުޞަތު އެބައޮތެވެ.'' ސުޖާޢު ވިދާޅުވެފަވެއެވެ.
އެއަށްފަހު ސުޖާޢު ވަނީ ޕީއެޗްޑީ ހޯލްޑަރެއްކަމަށްވާ ޖަމީލާއި އޭނާފަދަ މީހަކާ (ރަށްފުށު ސޮރަކަށް) މެދު ޑިމޮކްރަސީގައި ރައްޔިތުން ގޮތްނިންމެވި ގޮތުގެ ކުރު ޚުލާސާއެއް ގެނެސްދީފައެވެ.
އިބްރާހީމް ސުޖާޢު (ހއ.ބާރަށް)
ތަޢުލީމީ ފެންވަރު: ރަށު ސްކޫލް
ވާދަކުރި ޤައުމީ އިންތިޚާބުގެ ޢަދަދު: 4
ކާމިޔާބު ކުރި އިންތިޚާބުގެ ޢަދަދު: 3
ނާކާމިޔާބުވި އިންތިޚާބުގެ ޢަދަދު: 1
ޤައުމީ އިންތިޚާބުތަކުގެ ރެކޯޑް: 2014 މަޖިލިސް އިންތިޚާބުން މުޅިރާއްޖެއިން 2 ވަނަ އަށް އެންމެ ގިނަ ވޯޓް ރައްޔިތުން ދެއްވި.
2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު (މާލެ ސިޓީ ކައުންސިލް)މުޅިރާއްޖެއިން “ކައުންސިލަރުންގެ ތެރެއިން”2 ވަނަ އަށް އެންމެ ގިނަ ވޯޓް ރައްޔިތުން ދެއްވި.މާލެ ސިޓީގެ ރައްޔިތުންގެ އެންމެ ގިނަ ވޯޓް ދެއްވި “ކައުންސިލަރ”.
2024 މަޖިލިސް އިންތިޚާބުން މުޅިރާއްޖެއިން 1ވަނަ، އެންމެ ގިނަ ވޯޓް ރައްޔިތުން ދެއްވައިގެން ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވި.
އިންތިޚާބު ވުމަށްފަހު މަޖިލީހާއި ކައުންސިލްއިދާރާގެ ރަސްމީ މަސައްކަތަށް ދަނީ އަމިއްލައަށް ބޫޓު ފުހެގެން.
ބައްދަލުކުރަން އެދޭ ރައްޔިތުންނާއި ބައްދަލު ކުރަނީ ނުހަނު ލޯތްބާ އިޚްތިރާމާއެކު.
ޑރ.ޖަމީލު (ޕީއެޗްޑީ ހޯލްޑަރު)
ތަޢުލީމީ ފެންވަރު: ޕީއެޗްޑީ (އިނގެރޭސި ވިލާތް)
ވާދަކުރި ޤައުމީ އިންތިޚާބުގެ ޢަދަދު:2 (1 އިންތިޚާބު ރަނިންމޭޓެއްގެ ގޮތުގައި)
ކާމިޔާބު ކުރި އިންތިޚާބު:1 (ރަނިމްގ މޭޓު ގޮތުގައި)
ނާކާމިޔާބު އިންތިޚާބު: 1
ޤައުމީއިމްތިޚާބު ތަކުގެ ރެކޯޑް: 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓެއްގެ ގޮތުގައި އިންތިޚާބުވެ، އިންތިޚާބު ވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވެރިމީހާއަށް ޣައްދާރުވެގެން ރައްޔިތުންގެ މީނާ މަޤާމުން ދުރުކުރި.
2019ވަނަ އަހަރު މަޖިލިސް އިމްތިޚާބުގައި ވިލިމާލެ ދާއިރާގެ އިދިކޮޅު ކޯލިޝަންގެ ޓިކެޓް ވަގަށް ހޯދައިގެން ނުކުމެ މިނިވަން ކެނޑިޑޭޓަކާ ވާދަކޮށް އެކެނޑިޑޭޓެއް އަތުން ބޮޑު ތަފާތަކުން ބަލިވި.
ނައިބު ރައީސްގެ މަޤާމު އަދާކުރެއްވި ދުވަސްކޮޅު އޮފީހަށް ވަޑައިގަންނަވަނީ ސިފައިންގެ ބޭކަލުން ލައްވައި ބޫޓުކޮޅު ފޮހެގެން.(ބޮޑާ ކަމުން)
ނައިބު ރައީސް މަޤާމު އަދާކުރެއްވި ދުވަސްކޮޅު ރައްޔިތުން އެމަނުކުފާނުގެ ފައިންޕުޅު ދެކިލުމަށް އެދުމުން ހިލާލީގެއަށް ގެނެސް އިސްޓާކިން ބާލައި ދެފައިކޮޅު ދެއްކުން.(ބޮޑާ ކަމުން)
މަސްބާނަން ގޮސް ސިފައިންގެ ބޭކަލުން ލައްވައި އެންކޮޅު އެޅުން. އެބޭކަލުން މަސްބާނާފައި ދެއްވުމުން ދަމާލާ ނެގުމަށްފަހު ސިފައިންގެ ބޭކަލުން ލައްވައި މަސް ނެއްޓުން.(ބޮޑާ ކަމުން)
''އަޅުގަނޑު މިދަންނަވާލީ ދިވެހިރާއްޖެ ޑިމޮކްރަސީގެ މިދަތުރުގައި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތައް ބޭއްވުނު ރައްޔިތުންގެ ނިންމުން ތަކުގައި ޕީއެޗްޑީ ހޯލްޑަރަކާއި ރަށްފުރު ސޮރަކަށް ރައްޔިތުން ގޮތްނިންމި ގޮތުގެ ކުޑަ ހުލާސާއެކެވެ.'' ސުޖާޢު ވިދާޅުވެފަވެއެވެ.
މިކަމާއި އިންސާފުކުރައްވަން މި ދޫކޮށްލަނީ ކިޔުން ތެރިންނަށެވެ. ބައެއްފަހަރު މިކަލަ މަޖާޒީގޮތް ހުރި ވާހަކަތައް ވެސް ކިޔައިލަން ވެސް ޖެހޭނެ ތާއެވެ.