ބީ.އެމް.އެލްއިން އެސް.ޑީ.އެފް.ސީގެ ހިއްސާ ގަތުން: ބިދޭސީން ގިނަ ދާއިރާތަކަށް ދިވެހިން ނެރުމަށް ލޯނު ސްކީމެއް
22 ޖުލައި 2025 - 04:09

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސް.އެމް.އީ) ބޭނުންވާ މާލީ ޚިދުމަތްތަކާއި އެހީތެރިކަން އިތުރަށް ހަރުދަނާކޮށް، އާ ޚިދުމަތްތަކެއް ތަޢާރަފް ކުރުމުގެ ފުރުސަތު މިހާރުވަނީ ފަހިވެފައެވެ. އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ (އެސް.ޑީ.އެފް.ސީ) ހިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އަށް ވިއްކާލަން ނިންމުމާ ގުޅިގެން، މިހާރު އެސް.ޑީ.އެފް.ސީން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، އާ ޚިދުމަތްތައް ކުންފުނީގެ ޕޯޓްފޯލިއޯއަށް އިތުރުކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ވަޒީރުންގެ މަޖިލީހުން ވަނީ އެސް.ޑީ.އެފް.ސީ ގެ ހިއްސާ ބީ.އެމް.އެލަށް ވިއްކާލަން ނިންމައިފައެވެ. އެއާ އެކު، އެސް.ޑީ.އެފް.ސީ އިން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތަކެވެ. މި ޑިޖިޓަލް ބޭންކުގެ އައު ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދެވޭނެއެވެ.
އެގޮތުން ބީ.އެމް.އެލްގެ ދަށުން އެސް.ޑީ.އެފް.ސީ އިން ދިވެހި ޒުވާނުންނަށް ބިދޭސީން ގިނަ ދާއިރާތަކުން ފުރުސަތު ހޯދައިދިނުމަށް ލޯނު ސްކީމެއް ތަޢާރަފުކޮށް، އިންކިއުބޭޓަރ ޚިދުމަތާއި މެންޓޯރޝިޕް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަންހެނުން ވިޔަފާރިއަށް ނެރުމަށް 100 މިލިއަން ރުފިޔާގެ ލުއި ލޯނު ސްކީމެއް އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ތަޢާރަފުކުރެވި، ބީ.އެމް.އެލް.ގެ ފަންޑު ބޭނުންކޮށް، އިންކިއުބޭޓަރ ޚިދުމަތާއެކު މި މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށާއި ގޭގައި އުފައްދާ ތަކެތި ވިއްކުމަށް ހުޅުމާލެއިން ޚާއްޞަ ސަރަޙައްދެއް ހަމަޖައްސައި، ކުޑަ ކުލީގައި ވިޔަފާރިކުރުމުގެ ފަސޭހަތައް އަންހެނުންނަށް ހަމަޖައްސައިދެވޭނެކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މީގ އިތުރުންވެސް ފަރުމަސް އާލާކުރުމުގެ ދާއިރާއިން ޓްރެއިނަރުން ތަމްރީނުކޮށް، ހެޗަރީތައް ޤާއިމުކޮށް، އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދީ، އެ ދާއިރާގެ ވިޔަފާރި ފުޅާކުރުމަށް ބީ.ސީ.ސީ. މެދުވެރިކޮށް މަސައްކަތް ކުރެވޭނެއެވެ. ފިލްމީ ދާއިރާއަށް ބޭންކު ލޯނު ލިބުން ފަސޭހަކޮށް، ޕްރޮޑިއުސަރުންނަށް ކުދި އަދި މެދުފަންތީގެ ލޯނު ލިބޭނެ ޚާއްޞަ ސްކީމެއް އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ތަޢާރަފުކުރެވޭނެއެވެ. މީގެ އިތުރުން، ގެސްޓްހައުސް ވިޔަފާރިތަކުން ނަގާ ޓެކްސް ކުޑަކޮށް، ޒުވާން ވިޔަފާރިވެރިންނަށް ފައިދާވާނެ ނިޒާމެއް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާ މަޝްވަރާކޮށް، އިޤްތިސާދަށާއި ދައުލަތުގެ އާމްދަނީއަށް އަންނާނެ ބަދަލުތަކަށް ރިއާޔަތްކޮށް ހައްލެއް ހޯދެވޭނެއެވެ.
ބީ.އެމް.އެލް ގެ ސަބްސިޑައިރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް އެސް.ޑީ.އެފް.ސީއިން ފައިނޭންސް ދޫކުރަމުން އައި ޖުމްލަ ނިސްބަތަށްވުރެ އިތުރަށް ފައިނޭންސް ދޫކުރާނެއެވެ. އަދި ފައިނޭންސް ދޫކުރާނީ އެސްޑީއެފްސީން އެމްއެސްއެމްއީތަކަށް ދީފައިވާ ފަހި ޝަރުތުތަކާއެކުގައެވެ.
މި ނިންމުމުގެ ސަބަބުން، އެސް.އެމް.އީ ސެކްޓަރަށް ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް ބީ.އެމް.އެލްގެ ތަޖުރިބާ އާއި އެހީތެރިކަމާއިއެކު މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ފުރުސަތު ލިބިގެން ދާނެކަމަށް ބެލެވެއެވެ. ބީ.އެމް.އެލްއިން މިކަމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލަށް ބަލާއިރު، އެސް.އެމް.އީތަކަށް ޚާއްސަ ޑިޖިޓަލް މާކެޓް ޕްލޭސް އެއް ޤާއިމުކުރުމާއި، އެފަރާތްތަކަށް ޚާއްސަ ޝަރީޢާ ހަމަތަކަށް ފެތޭ ފައިނޭންޝަލް ޕްރޮޑަކްތަކެއް ތަޢާރަފް ކުރުން ހިމެނެއެވެ. މި ޚިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވައިލެވި، އިގްތިސާދީ ދުވެލި ހަލުވިވެގެން ދާނެކަމަށް އުންމީދު ކުރެވެއެވެ.
މީގެ އިތުރުން، އަލަށް ފަށައިގަންނަ ވިޔަފާރިތަކަށް (ސްޓާޓްއަޕްސް) ބޭނުންވާ މާލީ އެހީތެރިކަމާއި، ފަންނީ ލަފަޔާއި ވޯކްސްޕޭސްފަދަ ސްޓާޓްއަޕް އިންކިއުބޭޓަރގެ ޚިދުމަތްތައް ތަޢާރަފް ކުރުމަކީވެސް ބީ.އެމް.އެލްގެ ޕްރޮޕޯސަލްގައި ހިމެނޭ މުހިންމު ކަމެކެވެ. މި ޚިދުމަތްތަކުން ޒުވާން ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ޙަޤީޤަތަކަށް ހެދުމަށް ބޭނުންވާ އެއްބާރުލުން ލިބިގެން ދާނެއެވެ.
ޑިޖިޓަލައިޒްޑް ބޭންކަށް ބަދަލުވުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެ، ބޭންކުގެ ޚިދުމަތްތައް ހޯދޭނެކަން ފާހަގަކޮށްލެވެއެވެ. އަދި ކޮންމެ ވަގުތަކުވެސް، ކަސްޓަމަރުންނަށް ބޭންކުގެ ޚިދުމަތްތައް ހޯދޭނެ ގޮތްތައް މަގު ފަހިވެގެން ދިއުމާއިއެކު، ޚާއްސަކޮށް އެސް.އެމް.އީތަކަށް ބޭނުންވާނެ ގިނަ ޚިދުމަތްތަކެއް ލިބި، ލޯނަށް އެދި ހުށަހެޅުންފަދަ ކަންކަން މިހާރަށްވުރެ ފަސޭހަވެގެން ދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތްތައް ފަސޭހައިން ލިބި، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިވެގެން ދާނެކަމަށް ފިނޭންސް މިނިސްޓްރީން އުއްމީދުކުރެއެެވެ.