މާޅެންދޫ ހުޅަނގުފަރާތު ޖެޓީއާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އޯގަސްޓްގައި ފަށާނެ-ރައީސް
22 ޖުލައި 2025 - 12:23

މާޅެންދޫ ހުޅަނގުފަރާތު ޖެޓީގެ މަސައްކަތާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މާޅެންދޫ އަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާޅެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހުޅަނގުފަރާތުން ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ބޭނުންވާ، ޖެޓީގެ މަސައްކަތްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަސައްކަތުގެ ޑިޒައިން ފައިނަލް ކުރެވި، މިހާރު ކުރިއަށްދަނީ އީ.އައި.އޭގެ ފަހުމަރުހަލާގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ނިމެންދެން، އެއްވެސް ހުއްޓުމެއްނެތި، ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މާޅޭންދޫއަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއީ ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއްގެ އިތުރުން، އެއީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަމަށެވެ. އެގޮތުން، ރަށުގެ އިޤްތިޞާދީ މަސައްކަތާއި ގެދޮރުވެރިކަމާއި އެހެނިހެން މަސައްކަތްތަކަށްވެސް ބިމުގެ ޖާގަ ބޭނުންވާކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ރަށުގެ ގުދުރަތީ ރީތިކަން ހަލާކުނުވެ، އެރީތިކަން ނުގެއްލޭގޮތަށް ކަމަށެވެ. އެ މަސައްކަތް ކަމާ ގުޅުންހުރި ވުޒާރާތަކާއި ކައުސިންލާއި ރައްޔިތުން ނިންމައި، ފައިނަލްވުމުން އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ބިންހިއްކުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން ނ. ތޮޅެންދޫ އަކީ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ މަނިކުފާނު ނިންމަވާފައިވީނަމަވެސް ކޯޓު މަރުޙަލާގައި މައްސަލައެއް އޮތުމުން، އެ މައްސަލައިގެ ޤާނޫނީ އިޖުރާޢަތްތަކުގެ ތެރެއިން މަގެއް ހޯއްދަވައި ދެއްވުމަށް އެޓާރނީ ޖެނެރަަލަށް މިހާރު ދަންނަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރުމަށްޓަކާ ލެބޯޓްރީގެ ޚިދުމަތް ހަރުދަނާ ކުރުމުގެ މަސައްކަތާއި ރަށުގެ މަގުހެދުމުގެ އިތުރުން ރަށަށް ބޭނުންވާ ތަރައްޤީ ހާސިލުކޮށްދިނުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ނ. މާޅެންދޫގައި ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. މި ރަސްމިއްޔާތުުގައި ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންނެވިއެވެ.