-01-40bb8a38.jpg)

ދިވެހި ސިފައިންގެ ޚިދުމަތުގައި 41 އަހަރަށްވުރެ ގިނަ ދުވަހު އިހްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް) މިއަދު އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 79 އަހަރުގައި އާދަމް އިބްރާހީމް މަނިކު އަވަހާރަވިއިރު، އެމަނިކުފާނަކީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރި އަދި ޝަރަފުވެރި ބޭފުޅެކެވެ.
1968 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ކާނަލް އާދަމް އިބްރާހީމް މަނިކު، 2009 ވަނަ އަހަރުގެ އޯގަސްޓް މަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ހަމައަށް 41 އަހަރާއި 2 މަހާއި 19 ދުވަހު ގައުމަށް ހިދުމަތްކުރައްވާފައިވެއެވެ. ޚާއްސަކޮށް 1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެ މައި މަރުކަޒު ދިފާއުކުރުމުގައި އިސްނަންގަވައިގެން އަދާކުރެއްވި މަތިވެރި ގައުމީ ޖިހާދާއި، ސިފައިންގެ ޕެރޭޑް ހަރަކާތްތައް ތަރައްޤީ ކުރެއްވުމުގެ އިތުރުން، ސިފައިންގެ ޚިދުމަތަށް ފުރަތަމަ ވެންނެވި އަންހެން ސިފައިންނަށް ތަމްރީނު ދެއްވުމުގައި ވެސް އެމަނިކުފާނު ވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައެވެ.
އަސްކަރީ ޚިދުމަތުގެ ދިގު މުއްދަތުގައި އާމަރީގެ ކޮމާންޑިންގ އޮފިސަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކިއުރިޓީ އޮފިސަރުކަމުގެ އިތުރުން ބޭރުގެ އިއްޒަތްތެރިންގެ ސެކިއުރިޓީ ބެލެހެއްޓެވުން ފަދަ ޒިންމާދާރު އެތައް މަޤާމެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ. ސިފައިންގޭގައި ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 3 ނޮވެމްބަރުގެ މެޑަލްއާއި، ރައީސުލްޖުމްހޫރިއްޔާގެ މެޑަލްގެ އިތުރުން ޖުމްލަ 8 މެޑަލްއާއި 7 ކުލަ އެމަނިކުފާނަށް ލިބިވަޑައިގެންފައިވެ އެވެ.
ކާނަލް (ރިޓަޔަރޑް) އާދަމް އިބްރާހީމް މަނިކު އަވަހާރަވިކަމުގެ ހިތާމަ ލިބުނު ނަމަވެސް، ޤައުމަށާއި އަސްކަރިއްޔާއަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް ދިރިދެމި ހުންނާނެއެވެ. އެމަނިކުފާނުގެ ނަމޫނާ ޚިދުމަތްތަކަކީ ކުރިއަށް އޮތް ޖީލުތަކުގެ ސިފައިންނަށް މުހިންމު މިސާލެއް އަދި ގައުމަށް ލިބުން ފަޚުރެކެވެ.



