އާރްޓީއެލްގެ ހިދުމަތް ބ. އަތޮޅުގައި ފަށައިފި
28 ޖުލައި 2025 - 04:57
އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައި މިއަދު ފަށައިފިއެވެ.
މި ހިދުމަތާ ގުޅިގެން މެންދުރު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ އިބްރާހިމް ޔާސިރް ވިދާޅުވީ، މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް ބ. އަތޮޅުގައި އަލަށް ފަށާ އާރްޓީއެލްގެ ހިދުމަތުން ހިލޭ ދަތުރު ކުރެވޭނެކަމަށެވެ.
ޔާސިރް ވިދާޅުވީ، ހަފްތާގެ މި ހިލޭ ދަތުރު ކޮށްދިނުމުގެ މައިގަނޑު މަގުސަކީ، ހިލޭ ދަތުރު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކަސްޓަމަރުން ފެރީ ޝެޑިއުލްއަށް އަހުލުވެރި ކުރުވުން ކަމަށެވެ.
އެހެންކަމުން އަހުލުވެރި ކުރުމުގެ ދަތުރުތަކަށް ފަހު، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 04 ވަނަ ދުވަހުން ފެށިގެން، އާރްޓީއެލް ފެރީގެ ދަތުރުތަކަށް އަގު ނަގާނެކަމަށް ޔާސިރު ވިދާޅުވިއެވެ. އެގޮތުން ޓިކެޓް ބައްލަވާލައްވަން ބޭނުންވާ ބޭފުޅުންނަށް އަންނަ އޮގަސްޓް މަހުގެ 01 ވަނަ ދުވަހުން ފެށިގެން، އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަކަން ޔާސިރް ވިދާޅުވިއެވެ. އަދި، ޒޯން 2 ގެ ބ. އަތޮޅުގެ އާރްޓީއެލް ފެރީގެ ހިދުމަތް ހަފްތާ އަކު 06 ދުވަހު އާރްޓީއެލްގެ ސްޕީޑް ފެރީ މެދުވެރިކޮށް 03 ރޫޓަކުން ލިބޭނެ ކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.
ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ރާއްޖޭގެ 11 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.
ރާއްޖޭ ޓްރަންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުއާއެކު މުޅި ރާއްޖެ 3 ފިޔަވައްސަކަށް ބަހާލައިގެން 6 ޒޯން އަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމާއި އިގްތިސާދީ އަދި އިޖްއިމާއީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމް ކުރުންކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.