ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމަށް ފުރަތަމަ 60 ކާރު ގެނެސްފި
24 މާރިޗު 2026 - 12:20

ސަރުކާރުގެ ޓެކްސީ ޚިދުމަތަށް ބޭނުންވާ ކާރުތައް މާލެއަށް ގެންނަން ފަށައިފިއެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ 60 ކާރު މިހާރު ވަނީ މާލެ ގެނެސްފައެވެ.
އެމްޓީސީސީން ބުނީ، ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މިމަހުގެ 29 ވަނަ ދުވަހު ކާރުތަކުގެ ދެވަނަ ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވަނީ ބުނެފައެވެ. ދެވަނަ ޝިޕްމަންޓުގައި ހިމެނެނީ 90 ކާރެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ، އޭޕްރިލް މަހުގެ ދެ ވަނަ ދުވަހުއެވެ. މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށެވެ.

Ad by Hajj Corporation
އެމްޓީސީސީން ބުނީ، މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ މައިގަނޑު އަމާޒަކީ، ރައްޔިތުންނަށް ކުރިޔަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދިނުން ކަމަށެވެ. އަދި ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުން ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ، 100 އިންސައްތަ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ގެންނަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ.
ސަރުކާރުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމައި، ޓެކްސީ ލައިނެއް ގާއިމުކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުއެވެ. ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.


