ބޮޑުތަކުރުފާނު މަގުގެ އިތުރުބައެއް ބަންދުކޮށް މަސައްކަތް ފަށަނީ
16 މާރިޗު 2026 - 07:04

ބޮޑުތަކުރުފާނު މަގުގެ އިތުރުބައެއް ބަންދުކޮށް މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ ބޮޑުތަކުުރުފާނު މަގުގެ މަސައްކަތް މި މަހު 21 ގައި ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވަނީ ބައިތަކަކަށް ބަހާލައިގެން ކަމަށެވެ.

Ad by Hajj Corporation
ބޮޑުތަކުރުފާނުމަގު ފުޅާކޮށް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހިސާބަށް ބަންދުކުރަން ނިންމާފައިވާއިރު، ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު މާޗު 21 އިން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެންބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި މަސްވެރިންގެ ޕާކުން ފެށިގެން 5 ނަމްބަރު ފާލަމާހަމައަށް ހިމެނޭ ސަރަހައްދު މާޗު 30 އިން ފެށިގެން މަސައްކަތް ނިމެންދެން ބަންދުކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން 5 ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ ސަރަހައްދު ބަންދުކުރުމަށް ނިންމާފައިވަނީ އެޕްރީލް 17 އިން ފެށިގެން މަސައްކަތް ނިމެންދެންނެވެ.
ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން މަގު ފުޅާ ކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާލެވެންދެން އެ ސަރަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި، ދާއިމީކޮށް އަޅާފައި ނުބޭއްވޭނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ވަނީ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ. އަދި ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށްވެސް ވަނީ ތަރައްގީކޮށްފަ އެވެ.


