މާލޭ ޓެކްސީ ލައިންގެ ވެބްއެޕް މެދުވެރިކޮށް، އަގު ނަގަން ފަށައިފި
18 އޭޕްރީލު 2026 - 06:10

ސަރުކާރުން ތައާރަފުކޮށްފައިވާ މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ހަރުދަނާކުރުމުގެ ގޮތުން އެ ޚިދުމަތުގެ ރަސްމީ ވެބްއެޕް އާންމުންނަށް ހުޅުވާލައި، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ.
މި ޚިދުމަތްދޭ އެމްޓީސީސީން ބުނީ، މި ވެބްއެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ، http://mtl.mtcc.mv ލިންކް މެދުވެރިކޮށް ވެބްއެޕަށް ވަދެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން ނިންމާލެވޭނެ ކަމަށެވެ. އަދި ވެބްއެޕްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާއިރު، ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ދަތުރުތައް ކުރަމުންދާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ދަރުތުކުރާ އަގުތައް:

Ad by Hajj Corporation
* މާލެ، ހުޅުމާލެ ފިޔަވަހި1 އަދި ހުޅުމާލެ ފިޔަވަހި2ގެ އެތެރޭގެ ދަތުރު: 30 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުމާލެ ފިޔަވަހި2އަށް ކުރާ ދަތުރު: 40 ރުފިޔާ
* މާލެ'އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ'އަށް ކުރާ ދަތުރު: 70 ރުފިޔާ
* ހުޅުމާލެ ފިޔަވަހި1އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި1އަށް ކުރާ ދަތުރު: 80 ރުފިޔާ
* މާލެ'އިން ހުޅުމާލެ ފިޔަވަހި1އަށް، އަދި ހުޅުމާލެ ފިޔަވަހި1އިން މާލެ'އަށް ކުރާ ދަތުރު: 85 ރުފިޔާ
* ހުޅުމާލެ ފިޔަވަހި2އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފިޔަވަހި2އަށް ކުރާ ދަތުރު: 85 ރުފިޔާ
* މާލެ'އިން ހުޅުމާލެ ފިޔަވަހި2އަށް، އަދި ހުޅުމާލެ ފިޔަވަހި2އިން މާލެ'އަށް ކުރާ ދަތުރު: 100 ރުފިޔާ
ހޮޓްލައިން އަދި ވެބްއެޕުން ޓެކްސީ ބުކްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޓެކްސީއަށް ރުފިޔާ ދެއްކުމުގެ ކަންމަށްވެސް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހޮޓްލައިނަށް ގުޅައިގެން ޓެކްސީ ބުކް ކުރާނަމަ ޕޭނެމެންޓް ލިންކެއް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެއެވެ. އަދި ވެބްއެޕް މެދުވެރިކޮށް ބުކްކުރާނަމަވެސް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރުފިޔާ ދެއްކޭނެއެވެ.
މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.


