ސުނާމީ ބިނާ ސަރަޙައްދު މަރަމާތުކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި
15 އޭޕްރީލު 2026 - 06:40

މާލޭގެ އިރުދެކުނު ފަރާތުގައި ހުންނަ ސުނާމީ ބިނާ ސަރަޙައްދު އަލުން މަރާމާތުކޮށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން އެއްކޮށް ނިންމާލައިފި އެވެ.
މި ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

Ad by Hajj Corporation
ސުނާމީ ބިނާ ހުރި ސަރަޙައްދަކީ އުދައިގެ އަސަރުކުރުމާއި އެކި ގޮތްގޮތުން ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި އޮތް ތަނެކެވެ. ޚާއްޞަކޮށް އެ ސަރަޙައްދުގައި ހަރުކޮށްފައިވާ ލައިޓުތައް ހަލާކުވެ، ރޭގަނޑު އަލިކަމެއް ނެތުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
އަދި އެ ސަރަޙައްދުގެ ނެރާ ދިމާލުން ބޮޑު ބައެއްގެ ގާތައް ނެއްޓި، މޫދަށް ދަމައިގަތުމުގެ ސަބަބުން ބިންގަނޑު ގިރުމުގެ ބިރުވެސް އޮތީ ކުރިމަތިވެފަ އެވެ.
26 ޑިސެމްބަރު 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ މި ބިނާ ކުރިން ހުރީ ލޮނުޒިޔާރާތްކޮޅުގަ އެވެ. ނަމަވެސް ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތަށް އެ ބިނާ މިހާރު ހުރި ތިން ރުއް ޕާކު ސަރަޙައްދަށް ބަދަލުކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ.
މިފަހަރު ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތުގެ ތެރެއިން އެ ސަރަޙައްދުގެ ޝީޓްޕައިލްތައް މަރާމާތުކޮށް، މުޅި ސްޓްރަކްޗަރަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މި މަސައްކަތް ނިމުމާއެކު، ސުނާމީ ބިނާ ސަރަޙައްދު މިހާރު ވަނީ ކުރިއަށްވުރެ ރައްކާތެރި އަދި ހިތްގައިމު ތަނަކަށް ބަދަލުވެފަ އެވެ.


