ރަޝިޔާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
30 ޖުލައި 2025 - 03:35

ރަޝިޔާ ކައިރިއަށް 8.7 މެގްނިޓިއުޑްގައި އައި ބިންހެލުމަށް ފަހު ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރަން ފަށައިފި އެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ދީފައިވާ ގޮތުގައި ޖަޕާނުގެ އުތުރާއި އިރުމަތީގެ މުޅި އައްސޭރިފަށަށް ތިން މީޓަރު އުސްމިނުގައި ރާޅު އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ދެކުނުން އޮސާކާ ކައިރީގައި ވާކަޔާމާއާ ހަމައަށް ރާޅު އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މިއަދު ހެނދުނު، ރަޝިޔާގެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ސަރަޙައްދަށް 4 މީޓަރު (13 ފޫޓު) އުސްމިނުގެ ރާޅު އަރާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. ކަމްޗަޓްކާގެ ގަވަރުނަރު ވުލަޑިމިއަރ ސޮލޮޑޯވް ވިދާޅުވީ، މިއީ "ފާއިތުވި ދިހައަހަރުގެ ތެރޭގައި އައި އެންމެ ވަރުގަދަ ބިންހެލުން" ކަމަށެވެ.
މިއަދު އައި ބިންހެލުމަކީ 1952 ވަނަ އަހަރުގެ ފަހުން އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް، ބިންހެލުން ދިރާސާކުރާ ފަރާތްތަކުންވެސް ބުނެފައިވެ އެވެ.
ރަޝިއާގެ އިރުމަތީ އައްސޭރިފަށަށް ވެސް ސުނާމީ އަރައި، ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅޭ ބަނދަރުމަތީ ސަރަހައްދެއް މިހާރު އޮތީ ފެނު އަޑީގައި ކަމަށް ރަޝިއާގެ އިމަޖެންސީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.