ބައެއް ޤައުމުތަކަށް ނެރުނު ސުނާމީގެ އިންޒާރުތައް ބާތިލްކޮށްފި
30 ޖުލައި 2025 - 16:52

ރިކްޓަރ މިންގަނޑުގެ 8.8 ގެ ބާރުމިނުމުގައި ރަޝިޔާއަށް އައި ބިންހެލުމުގެ ސަބަބުން ޕެސިފިކް ސަރަޙައްދުގައި އޮންނަ ގިނަ ޤައުމުތަކަކުން ވަނީ ސުނާމީގެ އިންޒާރު ދީފައެވެ.
އަދި ރަޝިޔާގެ އިރުމަތީ ސަރަޙައްދުތަކަށާއި ޖަޕާނުގެ އުތުރުގެ ސަރަޙައްދުތަކަށް ސުނާމީގެ ރާޅުތައް ވަނީ ފޯރައިފައެވެ.
ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސުނާމީ ރާޅުތަކެއް ވަނީ އެ ސަރަޙައްދުގައި އުފެދިފައެވެ.
ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ ރާޅުތައް ޖަޕާނުގެ ހޮއްކައިޑޯއަށާއި ޓޮހޮކުގެ ބައެއް ސަރަޙައްދުތަކަށް ވެސް ފޯރާފައިވެއެވެ. އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގޮސްފައެވެ. ސުނާމީ އިންޒާރުގެ ސަބަބުން އެ ސަރަޙައްދުގައި ދެމުންދިޔަ ރޭލުގެ ޚިދުމަތް ވެސް ވަނީ މެދުކަނޑާލައިފައެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނީ އުސްމިނުގައި 4.9 ފޫޓު ހުރި ރާޅު ހޮއްކައިޑޯއާއި ޓޮހޮކުގެ ސަރަޙައްދުތަކަށް އަރާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން މާ ބޮޑު ގެއްލުމެއް ލިިބިފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް އިތުރު ލޮޅުންތައް އަތުވެދާނެ ކަމަށް ބަލައި، އަދި އިތުރު ރާޅު އަރައިފާނެ ކަމަށް ވިސްނައި، އާންމުން ސަމާލުވެ ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޖަޕާނުގެ ބައެއް ސަރަޙައްދުތަކުގައި ނެރެފައިވާ އިންޒާރުތައް ބާޠިލްކޮށްފައެއް ނުވެއެވެ.
ސުނާމީގެ އިންޒާރު ދިން އެހެން ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި ގައުމްއާއި ތައިވާނާއި ފިލިޕީންސްއާއި އިންޑޮނޭޝިޔާއާއި ފްރެންޗް ޕޮލިނީސިއާ ހިމެނެއެވެ. ބައެއް ޤައުމުތަކުން ރައްކާތެރި ސަރަޙައްދުތަކަށް މީހުން ގެންގޮސްފައި ވެސްވެއެވެ. ނަމަވެސް އެ ޤައުމުތަކަށް ސުނާމީގެ އަސަރު ކޮށްފައެެއް ނުވެއެވެ. އިންޒާރު ނެރުނު ގިނަ ޤައުމުތަކުން މިހާރު ވަނީ އެ އިންޒާރުތައް ބާޠިލުކޮށްފައެވެ.