ރަޝިޔާއަށް އައި ބިންހެލުމަކީ ފާއިތުވި 6 އަހަރު އައި އެންމެ ބާރުގަދަ ބިންހެލުން
30 ޖުލައި 2025 - 10:32

ރަޝިޔާއަށް އައި ރިކްޓަރ މިންގަނޑުން 8.8 ގެ ބާރު މިނުގައި އައި ބިންހެލުމަކީ ފާއިތުވި 14 އަހަރުގެ ތެރޭގައި އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން ޕެސިފިކް ސަރަޙައްދުގެ އެތައް ޤައުމެއްގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގައެވެ. މި ބިންހެލުމަކީ މިހާތަނަށް ރެކޯޑުކުރެވިފައިވާ 6ވަނައަށް އެންމެ ބާރުގަދަ ބިންހެލުން ކަމުގައި ވަނީ ބެލެވިފައެވެ.
ބިންހެލުން އައިސްފައި ވަނީ ރަޝިޔާގެ ކަމްޗާތުކާގެ އައްސޭރިފަށަށެވެ. ބިންހެލުންތައް ދިރާސާ ކުރާ އެމެރިކާގެ ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ، ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑު 8.8ގައި ކަމުގައެވެ. ބިންހެލުން އައިސްފައި ވަނީ ބިމުގެ ސަތަހައިން ފެށިގެން 18 ކިލޯމީޓަރު ފުނަށެވެ. މިއީ، ފާއިތުވި 14 އަހަރުގެ ތެރޭގައި އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އަދި، ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ރެކޯޑު ކުރެވިފައިވާ އެންމެ ބާރުގަދަ 10 ބިންހެލުމުގެ ތެރޭގައި ހިމެނިގެން ގޮސްފައިވާ ލޮޅުމެކެވެ.
ސުނާމީގެ ރާޅުތައް ދެން އަރާފައިވާ ޤައުމަކީ ޖަޕާނެވެ. ޖަޕާންގެ އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކަށް އަރަމުންދާ ރާޅުތަކުގެ އުސްމިން ތިން މީޓަރަށް އުފުލޭނެ ކަމުގައި އެ ޤައުމުގެ އިދާރާތަކުން އިންޒާރު ކުރެއެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ސުނާމީގެ ރާޅުތައް އަރަމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. ސުނާމީގެ އިންޒާރާ އެކު ޖަޕާންގެ އައްސޭރިފަށުގެ ރަށްތަކުގައި ދިރިއުޅޭ ދެ މިލިޔަނެއްހާ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަމުރު ނެރުނެވެ.
އިންޑޮނީޝިޔާގެ ޖަޔަޕުރާ ސިޓީން ބުނީ، އެ ރަށުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ދަތުރު ކުރުން މަަނާ ކޮށްފައިވާނެ ކަމުގައެވެ. އަދި، ކަނޑުމައްޗަށް ނޭރުމަށް މަސްވެރިންނަށް އިލްތިމާސް ކޮށްފައިވާނެ ކަމުގައެވެ. އިންޑޮނީޝިޔާގެ އުތުރު ސުލަވެސީ، އުތުރު މަލުކޫ، ހުޅަނގު ޕަޕުއާ އަދި ގޮރޮންތަލޯއަށް ސުނާމީގެ ރާޅުތަކުގެ ނުރައްކާ އޮތް ކަމުގައި އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން އިންޒާރު ކުރެއެެވެ.
ސުނާމީގެ ރާޅުތައް އެމެރިކާގެ ހަވާއީގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އަރާފައިވީ ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނެތެވެ. އަދި، ސުނާމީގެ ނުރައްކަލުގެ އިންޒާރުގެ މިންވަރު އިސްތިޝާރީ މިންގަނޑަށް ދަށްކޮށްފައިވާ ކަމުގައި ޕެސިފިކް ކަނޑުގެ ސުނާމީ އިންޒާރު ދޭ އިދާރާއިން ހާމަކުރިއެވެ. އޭގެ މަނާއަކީ، ސުނާމީގެ ރާޅުތައް އަރަމުން ދިޔަ ނަމަވެސް، ބޮޑެތި ގެއްލުން ދެނިވި މިންވަރެއްގެ ރާޅުތައް އަރާނެ ކަމަށް ނުބެލެވޭ ކަމެވެ.