ރައީސްގެ ބ. އަތޮޅު ދަތުރުފުޅުގެ ފަހު މަންޒިލަކަށް މާޅޮސް
14 އޯގަސްޓު 2025 - 05:01

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްގެ ގޮތުގައި މިއަދު ބ. މާޅޮހަށް ވަޑައިގެންފިއެވެ.
މާޅޮހަށް ރައީސް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

Ad by Hajj Corporation
ރައީސްގެ މި ދަތުރުފުޅުގައި މާޅޮހުގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ އިތުރުން، އެރަށުގައި އަލަށް ބިނާކުރާ މިސްކިތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި މަހުގެ 11 އިން 14 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސް ވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. މީގެ ތެރޭގައި ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮސް ހިމެނެއެވެ.
ރައީސް މުޢިއްޒު އަތޮޅުތަކަށް ކުރައްވަމުންދާ މި ދަތުރުފުޅުތަކަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ޙާލަތު ބެއްލެވުމަށާއި، ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެކެވެ. މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މުއައްސަސާތަކުގެ ވެރިން ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.
މާޅޮހަކީ ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވި 13 ވަނަ ރަށެވެ.