ޑޮލަރުގެ މައްސަލަ ހައްލުކޮށް، ތަރައްޤީގެ ނަތީޖާ ނެރުމަށް 5 އަހަރުގެ ވެރިކަމުގެ ދައުރަކީ މާ ކުރު މުއްދަތެއް: އުއްޗު
14 އޯގަސްޓު 2025 - 12:40

ރާއްޖޭގެ ޑޮލަރުގެ މައްސަލަ ހައްލުކޮށް، ތަރައްޤީގެ ނަތީޖާ ނެރުމަށް 5 އަހަރުގެ ވެރިކަމުގެ ދައުރަކީ މާ ކުރު މުއްދަތެއް ކަމަށާއި، މިފަދަ ކަންކަން ހާސިލުކުރުމަށް މަދުވެގެން 10 އަހަރާއި 15 އަހަރު ދޭތެރޭގެ މުއްދަތެއް ބޭނުންވާނެ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ކަމަށްވާ ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
ޔޫޓިއުބް ޗެނަލް "ދެނޯ"ގެ އެޕިސޯޑެއްގައި ރާއްޖޭގައި އޮތް ޑޮލަރުގެ މައްސަލައަށް އޮތް ހައްލަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުއްޗު ވިދާޅުވީ، ރާއްޖެއަކީ އާބާދީ ކުޑަ ގައުމެއް ނަމަވެސް، ޖޯގްރަފީ ގޮތުން ބޮޑު ސަރަހައްދަކަށް އެތުރިފާ ގައުމެއް ކަމަށެވެ. އެގޮތުން އެކި ރަށްތައް ހުންނަނީ އެކި ދުރުމިނުގައި ކަމަށްވާއިރު، އެހާ އަވަހަށް ކަންކަން ނުކުރެވޭނެ ކަމަށް އުއްޗު ވިދާޅުވިއެވެ.

Ad by Hajj Corporation
"ބައެއް ބޭފުޅުން ކޯފާވެސް ވެދާނެ ކަންނޭގެ، އެކަމަކު އަޅުގަނޑު އެއްޗެއް ދަންނަވާށޭ ވިދާޅުވެއްޖެއްޔާ ދަންނަވާލާނަން،މިކަން ކުރަން އަޅުގަނޑުމެންގެ ޤައުމަކީ މިދެންނެވީ ކުޑަކުޑަ ޤައުމެއްނޫނޭ އާބާދީ ކުޑަޔަކަސް، ހާދަ ބޮޑު އޭރިއާއެއް ކަވަރ ކުރެއޭ، އެކި ރަށްތައް އެހެރީ އެކި ދުރުމިނުގައި، އެތަނަށް ކޮޅުވެއްޓިއެއް އެއްޗެއްގައި ދިޔަޔަސް އެހާ ދުރު، ދެތިން ދުވަހު ދަތުރުކޮށްފައި، އެ ބުނާހާ އަވަހަކަށް ކަމެއްނުކޮށްދެވޭނެ އެހެންވީމަ." އުއްޗު ވިދާޅުވިއެވެ.
އުއްޗު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ "ޑޮލަރު ވާރެ ވެހޭހެން ވެހޭތަނެއް" ނަމަވެސް، 186 އެއްހާ ރަށުގައި މީހުން ދިރިއުޅޭއިރު ކޮންމެ ރަށަކަށް ވެސް ތަރައްޤީގެ އެތައް ކަމެއް ކޮށްދޭން ޖެހޭ ކަމަށެވެ. އެކަންކަމަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމަށާއި، މި ޚަރަދުތައް ކުރެވެނީ ރައްޔިތުންދައުލަތަށް ދައްކާ ފައިސާއިން ނުވަތަ ލޯނު ނަގައިގެން ކަމަށް އުއްޗު ފާހަގަކުރެއްވިއެވެ. ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށްޓަކައި ލޯނު ނަގަން ޖެހޭ ކަމަށާއި، މި ހުރިހާ ކަމެއް ކުރަން ވެސް ޑޮލަރު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކޮންމެ ވެރިއަކަށް ނަމަވެސް މިފަދަ ބޮޑު ރާއްޖެއަކަށް، ކުޑަކުޑަ ދިވެހިރާއްޖެއެއްނޫނޭ މިއީ، އެ ރަށްތައް ހުރިގޮތުން، މިފަދަ ކަންތައްތަކެއް ހުރި ރާއްޖެއަކަށް، ފަސް އަހަރު މާ ކުޑައީ ވެރިކަން ކުރަން،" އުއްޗު ވިދާޅުވިއެވެ.
އެހެން ގައުމުތަކެކޭ އެއްގޮތަށް އެއްގަމު މަގުން ދަތުރުކޮށް ހުރިހާ ކަމެއް ނިންމާލެވޭނެ ގޮތެއް ރާއްޖެއަށް ނެތް ކަމަށާއި، ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
''އެހެންވީމަ މުއްދަތް މާ ކުޑައީ ވެރިންނަށް، ކޮންމެ ވެރިއަކު ހުއްޓަސް، އެހެންވީމަ އެންމެ މަދުވެގެން 10 ވަރަކަށް 15 ވަރަކަށް އަހަރު ވެރިއަކަށް ލިބިގެންނޫނީ ނުކުރެވޭނެކަމެއް، ފުރަތަމަ އެކަން ނުކުރެވި ޑޮލަރުވެސް އަގުދަށަކަށް ނުދާނެ، ރައްޔިތުންގެ މި ޑިމާންޑް އޮންނަވަރާއި ބަލާފައެއް'' އުއްޗު
ލޯނުތަކާއި ގުޅޭގޮތުން އުއްޗު ވިދާޅުވީ، ރައްޓެހި ގައުމުތަކުން ދޭ ލޯނުތަކަށް ހިތްހަމަޖެހޭ ނަމަވެސް، އެ ލޯނުތައް "ކްރެޑިޓް ލައިން"ގެ ނަމުގައި އަންނައިރު ޑޮލަރު އަތަށް ނުލިބޭ ކަމަށެވެ. އެގޮތުން އެ ކްރެޑިޓް ލައިން އޮންނަ ބޭންކަކުން، އެ ބޭންކުގެ އިންޓަރެސްޓެއްގައި، އެ ގައުމުތަކުގެ ކުންފުނިތަކަށް މި މަސައްކަތް ދެނީ ކަމަށާއި، އެ ކުންފުނިތަކުން އެމީހުންގެ ފައިސާގައި ބޭރުން ތަކެތި ގެނެސް ރާއްޖޭގައި މަސައްކަތް ކުރަނީ ކަމަށް އުއްޗު ތަފްސީލުކޮށް ދެއްވިއެވެ. މަސައްކަތް ނުނިމެނީސް ދުއިސައްތަ މިލިއަން ނުވަތަ ސަތޭކަ މިލިއަންގެ ބިލް ސަރުކާރަށް ހުށަހެޅުމުން އެ ބިލްތައް ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށާއި، އެހެންވުމުން އެ ޕްރޮޖެކްޓްތައް ހިންގާ ކްރެޑިޓް ލައިނުން ޑޮލަރު ރާއްޖެ ނުވަދެ، އެ ކުންފުނިތަކަށް ފައިސާ ދައްކަން ޑޮލަރު ބޭނުންވާނެ ކަމަށް އުއްޗު ވިދާޅުވިއެވެ.
އުއްޗު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާއި މިންވަރަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނަމަ ރައްޔިތުންނަށް ބޭނުންވާ ޑޮލަރުގެ އަގު ވެސް މައްޗަށް ދާނެ ކަމަށެވެ. އެކަމަށް ހައްލެއް އަންނާނެ ހަމައެކަނި ގޮތަކީ، ދިގު މުއްދަތެއް ވެރިކަން ކުރާ މީހަކަށް ދިނުން ކަމަށާއި، އޭރުން ގެޕްލައިގެން 20-25 ޕަސެންޓް ބަހައްޓައިގެން ވެސް މަސައްކަތް ކުރެވޭނެ ކަމަށް އުއްޗު ވިދާޅުވިއެވެ. މިހާރު ވެރިން މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ޕްރެޝަރަށް ކަމަށާއި، އެހެންކަމުން ހުންނަ ކޮންމެ ވެރިއަކަށް ވެސް އެ ކޮށްދެއްވާ މަސައްކަތަށް ސެލިއުޓް ދޭން ޖެހޭނެ ކަމަށް އުއްޗު ވިދާޅުވިއެވެ.
އުއްޗު ދެއްވި ޖަވާބު ކިޔާލަން:
''އާދެ އަޅުގަނޑު ދަންނަވާލާނަން، ބައެއް ބޭފުޅުން ކޯފާވެސް ވެދާނެ ކަންނޭގެ، އެކަމަކު އަޅުގަނޑު އެއްޗެއް ދަންނަވާށޭ ވިދާޅުވެއްޖެއްޔާ ދަންނަވާލާނަން، މިކަން ކުރަން އަޅުގަނޑުމެންގެ ޤައުމަކީ މިދެންނެވީ ކުޑަކުޑަ ޤައުމެއްނޫނޭ އާބާދީ ކުޑަޔަކަސް، ހާދަ ބޮޑު އޭރިއާއެއް ކަވަރ ކުރެއޭ، އެކި ރަށްތައް އެހެރީ އެކި ދުރުމިނުގައި، އެތަނަށް ކޮޅުވެއްޓިއެއް އެއްޗެއްގައި ދިޔަޔަސް އެހާ ދުރު، ދެތިން ދުވަހު ދަތުރުކޮށްފައި، އެ ބުނާހާ އަވަހަކަށް ކަމެއްނުކޮށްދެވޭނެ އެހެންވީމަ،
އަސްލަށް މި ޑޮލަރުގެ ކަންތައް ހައްލަކަށް އަންނާނެ ވަރަށްގިނަ ސަބަބުއެބަހުރި، އެންމެ ބޮޑު ސަބަބަކަށް، ކަމަކަށް އަޅުގަނޑަށް ވިސްނޭ ކަމަކީ، ދިވެހިރާއްޖެ އަކީ ހަމަޑޮލަރު ވާރެ ވެހޭހެން ވެހޭތަނެއް، ދުނިޔޭގެ ނިސްބަތުން، އެކަމަކު، ދުއިސައްތަ އެތައް ރަށެއްގައި ރައްޔިތުން އެބައުޅުއްވާ، ކޮންމެ ރަށަކަށް ކޮށްދޭންޖެހޭ އެބަ ހުރިހާ ކަންތައްތަކެއް، އެހެންވީމަ ޚަރަދުތަކެއް ވެސް ހިނގާނެ، އަންނަ ކޮންމެ ވެރިއެއްގެ ޖީބަކުންނޫން ޚަރަދު ކުރަނީއަކީ، ރައްޔިތުންދޭ ލާރިކޮޅަކުން ކުރެވެނީ، އެއިން ނުވިއްޔާ އަނެއްކާ، ލޯނުތައް ނަގަންފެށީމަ އެ ހުންނަ ވެރިއަކާއި ދިމާއަށް އެއްޗެހި ގޮވަން ފަށާނެ، އެއީކީވެސް ރައްޔިތުންނަކަށް ކުރެވޭނެކަމެއްނޫން، އެހެންވީމަ ރައްޔިތުން ވިދާޅުވީމަ، ލޯނު އެ ނަގަނީ ރައްޔިތުން އެދުނީމަ، އެއްކަލަ ކަންތައްތައް ކޮށްދޭންޖެހޭތީ، ދެން މިހުރިހާ ކަމެއް ކުރަން ވެސް ވީ ޑޮލަރު ހޯދަން، އަޅުގަނޑުމެން ޖެހެނީ ލޯނު ނަގަން، ނޫނީ ލޯނު ދޭތާކުން ނަގަން، އެވާހަކަ ބާއްވާ!
ދެން މީގެ އެއްމެ ބޮޑު އެއް ސަބަބަކީ ކޮންމެ ވެރިއަކަށް ނަމަވެސް މިފަދަ ބޮޑު ރާއްޖެއަކަށް، ކުޑަކުޑަ ދިވެހިރާއްޖެއެއްނޫނޭ މިއީ، އެ ރަށްތައް ހުރިގޮތުން، މިފަދަ ކަންތައްތަކެއް ހުރި ރާއްޖެއަކަށް، ފަސް އަހަރު މާ ކުޑައީ ވެރިކަން ކުރަން، އިނގޭތޯ، ކުޑަވީ އެހެން ތަންތަންހެން އެއްގަމު މަގުން ދުއްވާފަގޮސް ހުރިހާ ކަމެއް ނިއްމާލެވޭ ގޮތަކަށްނޫން، އެމީހުން ލަުޑިއާ ހިލަޔާއި ހިލަވެއްޔާ ހުރިހާ އެއްޗެއް އެބަހުރި، މިތާ އެ ހުރިހާ އެއްޗެއް އެއްތާކުން ނެތް ލިބޭކަށް، އެހެންވީމަ ވަރަށް މަސައްކަތުން ކަމެއް ކޮށްދެވެނީ ވެސް، އެހެންވީމަ މުއްދަތް މާ ކުޑައީ ވެރިންނަށް، ކޮންމެ ވެރިއަކު ހުއްޓަސް، އެހެންވީމަ އެންމެ މަދުވެގެން 10 ވަރަކަށް 15 ވަރަކަށް އަހަރު ވެރިއަކަށް ލިބިގެންނޫނީ ނުކުރެވޭނެކަމެއް، ފުރަތަމަ އެކަން ނުކުރެވި ޑޮލަރުވެސް އަގުދަށަކަށް ނުދާނެ، ރައްޔިތުންގެ މި ޑިމާންޑް އޮންނަވަރާއި ބަލާފައެއް، ސަބަބަކީ އެމީހުން ބޭނުންވާ ކޮންމެ ކަމަކަށް ހަމަ ޑޮލަރުގެ ހޭދަކުރަން އެބަޖެހޭ، ހުރިހާ ކަންތަކެއްވެސް ކޮށްދެއްވަން ޖެހޭ އެބަ، ކޮންމެ ރަށެއްގައި އެއާޕޯޓެއް ވެސް ހަދަންޖެހޭ އެބަ، ކޮންމެ ރަށަކަށް އެރަކަށް ބޭނުންވާ ކޮންމެ ކަމެއްވެސް ކޮށްދޭން ޖެހޭއެބަ، އެހެންވީމަ ވެރިއަކަށް ހުންނަ ބޭފުޅަކަށް މުއްދަތް މާކުރީ، އަޅުގަނޑަށް ފެންނަ ގޮތްމީ، ޑޮލަރު ލިބުނުގޮތަކަށް ހޯދަންޖެހޭ އެބަ، އެއްކަހަލަ ނަގާފައި ހުންނަ ލޯނުތަކާއެއްޗެހި ދައްކަނީ ކިހިނެތްތޯ؟
އަޅުގަނޑުމާ ހިތްހަމަޖެހޭ އަޅުގަނޑުމެން ރައްޓެހި ޤައުމުތަކުން ދެއްވާ ލޯނު، އެކަމަކު ލޯނު ދެއްވަނީ ކްރެޑިޓް ލައިންގެ ނަމުގައި، ޑޮލަރު ކްރެޑިޓް ލައިން، 1.5 ބިލިއަން، އެކަމަކު ޑޮލަރު އަހަރެމެން އަތަށް ލިބެނީކީނޫން، ރައްޔިތުން އެއްގޮތަކަށް ވެސް ހީނުކުރޭ، އަޅުގަނޑުމެންނަށް ޑޮލަރު ނުލިބެނީކީ ނޫން، އެ ބޭފުޅުންނަށް އެނގޭ މިވާ ގޮތްވެސް، ގޮތެއް ނެތީމަ ނަގަންޖެހޭ ކަންވެސް، އެ ޑޮލަރު، އެ ކްރެޑިޓް ލައިން އޮންނަނީ، އެ އަޑު ބާރަށް އާދޭ، އަސްލުވާ ގޮތަކީ އެކޮޅުން ދެއްވާ ބެންކަކުން އެ އޮންނަ އިންޓަރެސްޓެއްގައި އެތާގެ ކުންފުނިތަކަށް މި ދެނީ މަސައްކަތް، ދިވެހިރާއްޖޭގައި އެކަން ކުރަނީ، ދިނީމަ ހިލައާއި ހިލަވެލި ހިފައިގެން އެމީހުންގެ ލާރިން އެތަނުން ގަނެގެން އައިސް މިތާގައި މަސައްކަތް ކުރަނީ، އަނެއްކަ އަހަރެމެންގެ އަގުހެޔޮ ހަނޑުލާއި ހަކުރާ ހަނޑުލާ ކާނީ، ހެވޭ 30 ހާސް 50 ހާސް މީހުން ގެނަޔަސް، މިކަމުގައި ވެސް އެހާ ހެޔޮފުޅު، އަހަރެމެން ރައްޔިތުންނަށް ދޭ އަގު އެމީހުންނަށް ވެސް އެ ދެނީ ބޮޑެއް ނުކުރަށްވާ، ޕްރޮޖެކްޓް ނުނިމެނީސް ޕްރޮޖެކްޓް ދާވަރަކުން ދުއިސައްތަ މިލިއަން، ސަތޭކަ މިލިއަންގެ ބިލް ހެދީމަ ސަރުކާރަށް ދައްކަންޖެހޭ އެބަ، ދައްކަން ޖެހޭނެތާ! އެހެންވީމަ އެ ބޭފުޅުން ޑޮލަރުވެސް ބޭނުންވާނެންނު! އެހެންވީމަ އެއީ ވާގޮތަކީ،
އެހެންވީމަ ރައްޔިތުންގެ ބޭނުމާ މިންވަރަށް އެބޭފުޅުން (ވެރިން) މަސައްކަތް ކޮށްދެއްވަންޏާ ރައްޔިތުންނަށް ބޭނުންވާ ޑޮލަރުގެ އަގުވެސް މައްޗަށް ދާނެ، އެއީ އެ ބޭފުޅުން ކުރަނީކީނޫން، އެއްގޮތަކަށް ވެސް އެހެންހީނުކުރޭ، އެކަން އެހެންވާނެ، އެހެންނެއްނޫން އެކަމަށް ހައްލެއް އަންނާނެ އެންމެގޮތަކީ ދިގު މުއްދަތެއް ދިނީމަ އެ ބޭފުޅުންނަށް އެ ގެޕްގެ ތެރެއިން ކުރެވޭނެ، ވިހި ފަންސަވީސް ޕަސެންޓް ބަހައްޓައިގެން ވެސް ކުރެވޭނެ، އެހެންނޫނީ ތެޅި ފޮޅިގެން ހާސްކަންމަތީ އެބޭފުޅުން ވެސް ކުރަނީ، އެކަން އެވަނީ ކީއްވެ، އަހަރެމެން ރައްޔިތުން އެބޭފުޅުންނަށް އެ ޕްރެސަރ ކުރާތީ، އެހެންވީމަ އަޅުގަނޑުމެން ހުންނަ ވެރިއަކަށް ދޭންޖެހޭނެ ސެލިއުޓް އެ ކޮށްދެއްވާ މަސައްކަތަށް، އެހެންވީމަ މުއްދަތު އިތުރުކުރަންވީ،'' - މުހައްމަދު މޫސާ (އުއްޗު)-

.jpg&w=3840&q=75)
