ޔޫކްރެއިން އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ހަނގުރާމަ ހުއްޓާލުން - ޓްރަމްޕް
18 އޯގަސްޓު 2025 - 12:42

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހުށަހަޅުއްވާފައިވާ ޝަރުޠުތަކަށް އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ބާރު އަޅުއްވައިފިއެވެ.
ޕުޓިންއާއި ޓްރަމްޕް ބައްދަލު ކުރައްވާފައި ވަނީ އޮގަސްޓު 15ވަނަ ދުވަހު އެލެސްކާގައެެވެ. އެ ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލެވިފައި ނެތް ނަމަވެސް، މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ޕުޓިން ވަނީ ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންޏެސްކު ރަޝިޔާގެ ބާރުގެ ދަށަށް ދޫކޮށްލުމަށް ޒެލެންސްކީ އެއްބަސްވެ ވަޑައިގަންނަވައިފި ނަމަ، ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ކަމުގައި ވިދާޅުވެފައެވެ

Ad by Hajj Corporation
ޓްރަމްޕް ސިފަ ކުރައްވާ ގޮތުގައި، ހަނގުރާމަ ވަގުތުން ހުއްޓުމަކަށް ގެނައުމުގެ ބާރު ޒެލެންސްކީގެ އަތްޕުޅުގައި އެބައޮތެވެ.
ޕުޓިންގެ ޝަރުޠުތަކަށް ރުހުން ދިނުމަށް ޓްރަމްޕް ޒެލެންސްކީއަށް ބާރު އަޅުއްވަން ފަށްޓަވާފައި މި ވަނީ، ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޮގަސްޓު 18ވަނަ ދުވަހު ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ޒެލެންސްކީ ވޮޝިންގްޓަނަށް ވަޑައިގަންނަވާނެއެވެ.
ޓްރަމްޕާއި ޒެލެންސްކީއާ އެކު ބާއްވަވާ ބައްދަލުވުމުގައި ވިލާތުގެ ބައެއް ބާރުތަކުގެ ވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރުންގެ ތެރެއިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރއާއި، ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން އަދި ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް ހިމެނި ވަޑައިގަންނަވައެވެ
ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، ޔޫކްރެއިނުން ނޭޓޯއާ ގުޅުމަށް ޕުޓިން ހުރަސް އެޅުއްވި ނަމަވެސް، ނޭޓޯގެ މެންބަރު ޤައުމުތަކަށް ލިބިދޭ ސަލާމަތާއި ރައްކާތެރިކަން ޔޫކްރެއިނަށް ވެސް ފޯރުކޮށްދިނުމަށް އިއުތިރާޒު ނުކުރެއްވުމަށް ޕުޓިން އެއްބަސްވެ ވަޑައިގަންނަވާފައިވާ ކަމުގައެވެ.