ދަރިއެއްނޫންކަމަށް ބުނެ ބައްޕަ ވަލީ ނުދިނުމުން ހާކިމްގެ ވަލީއަށް ކުރި ކައިވެންޏެއް ރަޖިސްޓްރީކޮށްދިނުމަށް ހައިކޯޓުން ހުކުމްކޮށްފި

20 އޯގަސްޓު 2025 - 18:40

ބައްޕައެއްގެ ވަލީއާ ނުލައި، ރާއްޖެއިން ބޭރުގައި ހާކިމުގެ ވަލީއަށް ކުރި ކައިވެންޏެއް ރަޖިސްޓްރީކޮށްދިނުމަށް ހައިކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އަންހެން މީހާގެ ބައްޕަ ވަލީ ދޭން އިންކާރުކޮށްފައިވަނީ، އޭނާއަކީ ޝަރުއީ ގޮތުން އޭނާގެ ދަރިއެއް ކަމަށް ސާބިތުވެފައިވީ ނަމަވެސް، އެއީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެއެވެ.

Ad by Hajj Corporation
މި މައްސަލަ އުފެދުނީ އަންހެން މީހާ ސްރީ ލަންކާގައި ދެ ފަހަރެއްގެ މަތިން ކުރި ކައިވެންޏާ ގުޅިގެންނެވެ. މި ދެ ކައިވެނި ވެސް ކޮށްފައިވަނީ ވަލީވެރިޔާގެ ވަލީއާ ނުލައި، ހާކިމުގެ ވަލީ ހޯދައިގެންނެވެ. ފުރަތަމަ ކައިވެނި ރަޖިސްޓްރީ ކުރުމަށް ފެމެލީ ކޯޓަށް ހުށަހެޅުމުން، ބައްޕަ ވަލީ ދޭން އިންކާރުކުރުމާ ގުޅިގެން އަންހެން މީހާ އަމިއްލައަށް މައްސަލަ އަނބުރާ ގެންދިޔައެވެ.
ދެވަނަ ކައިވެނި ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމުން، ފެމެލީ ކޯޓުން ނިންމީ ވަލީވެރިޔާގެ ރުހުން ނެތުމުގެ ސަބަބުން އެއީ ސައްހަ ކައިވެންޏެއް ނޫން ކަމަށެވެ. މި ދެމީހުންނަށް ދަރިއަކު ލިބިފައިވީ ނަމަވެސް، ކުއްޖާގެ ނަސަބާ ގުޅޭ ގޮތުން ގޮތެއް ނުނިންމައެވެ.
ފެމެލީ ކޯޓުގެ މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ފިރިހެން މީހާ ހައި ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އޭނާ ބުނެފައިވަނީ ވަލީވެރިޔާ ނުރުހެނީ ކައިވެންޏަށް ނޫން ކަމަށާއި، އޭނާގެ ދަރިއެއް ނޫން ކަމަށް ބުނެ ބައްޕަ ވަލީ ދޭން އިންކާރުކުރަނީ ކަމަށެވެ.
މި މައްސަލާގައި ހައި ކޯޓުން ނިންމާފައިވަނީ ސްރީ ލަންކާގައި ކޮށްފައިވާ ކައިވެންޏަކީ ސައްހަ ނޫން ކައިވެންޏެއް ކަމަށް ކަނޑައަޅަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ހާކިމުގެ ވަލީއަށް ކުރި މި ކައިވެނި ސައްހަ ކަމަށާއި، ރާއްޖެއިން ބޭރުގައި ދިވެހިންނަށް ހާކިމުގެ ވަލީއަށް ކައިވެނި ކުރެވޭނެ ކަމަށެވެ.
ފަނޑިޔާރު ދީބާނާޒުގެ ރައުޔުގައި، ބައްޕަ ޝަރުއީ ގޮތުން ނަސަބު ސާބިތުކޮށްފައިވާ ދަރިއަކީ އޭނާގެ ދަރިއެއް ނޫން ކަމަށް ބުނުމަކީ، ދަރިފުޅުގެ މަންމައަށް ރައްދުވާ ގަޒުފުގެ ބަހެއް ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.