އެމްއެންޔޫގެ ޕީ.އެޗް.ޑީ އިން ޕަބްލިކް ހެލްތް ކޯހަށް ހުޅުވާލައިފި

28 އޯގަސްޓު 2025 - 07:01

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން ޕަބްލިކް ހެލްތް އެޕްލިކޭޝަން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެންޔޫ އިން މިކަމަށް ކޮށްފައިވާ ޢިއުލާންގައި ވާގޮތުގައި، ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ކޯހަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ.

Ad by Hajj Corporation
މި ކޯހުގެ މުއްދަތަކީ ފުލްޓައިމްކޮށްނަމަ 3 އަހަރެވެ. އަދި ޕާރޓްޓައިމްކޮށްނަމަ 6 އަހަރެވެ.
ކޯހަށް ވަނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ގުޅުންހުރި ދާއިރާއަކުން ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވާން ޖެހެއެވެ. ގުޅުންހުރި ދާއިރާއަކުން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު މާސްޓަރސް ކޯހުގައި ހިމެނޭ ރިސަރޗް ޕްރޮޖެކްޓަކުން ނުވަތަ ޑިޒަރޓޭޝަން/ތީސިސް އިން ރިސާރޗް މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށް އެމްއެންޔޫއިން ބުނެފަވެއެވެ.
މި ކޯހަށް ކުރިމަތިލާ މީހުންގެ ބަހުގެ ފެންވަރުގެ ގޮތުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން IELTS (އެކަޑެމިކް) ގެ އޯވަރޯލް ސްކޯ 6.5 ލިބިފައިވުން ލާޒިމްވާނެއެވެ. އަދި ކޮންމެ ހުނަރަކުންވެސް (އަޑުއެހުން، ވާހަކަ ދެއްކުން، ކިޔުން އަދި ލިޔުން) 6.5 ލިބިފައިވުން ބޭނުމެވެ. މި ނަތީޖާގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.
މި ކޯހުގެ ފީ އަކީ ސިމެސްޓަރ އަކަށް 14,340.00 (ސާދަހާސް ތިން ސަތޭކަ ސާޅީސް) ރުފިޔާ އެވެ.
އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ހުށަހަޅާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ސަނަދާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީގެ ގްރޭޑިންގ ކްރައިޓީރިއާ.
- ރިސާރޗް ޕްރޮޕޯސަލް.
- ހުށަހަޅާ ފަރާތުގެ ވަނަވަރު (CV).
- އެޕްލިކޭޝަނަށް ބާރުދޭ އެހެނިހެން ލިޔެކިޔުން.
ދިވެހިރާއްޖެއިން ބޭރުން ޙާސިލުކޮށްފައިވާ ސަނަދެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން އެކްރެޑިޓްކުރެވިފައިވުން ލާޒިމްވާނެއެވެ. އަދި މިގެ އިތުރުން ހުރިހާ ލިޔެކިޔުންތައްވެސް ހުންނަންވާނީ އެޓެސްޓް ކޮށްފައެވެ.
މި ކޯހަށް ދަރިވަރުން ހޮވާނީ ޔުނިވަރސިޓީގެ ހަޔަރ ޑިގްރީސް ކޮމިޓީއިންނެވެ. ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ ދަރިވަރުގެ ތަޢްލީމީ ފެންވަރާއި (ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ފެންވަރު) މާސްޓަރސް ކޯހުގައި ދިރާސީ މާއްދާތައް ކިޔަވާފައިވާ މިންވަރާއި، އިތުރު ދިރާސީ މަސައްކަތް (ރިސާރޗް ޕޭޕަރ/ކޮންފަރެންސް ޕޭޕަރ/އެހެނިހެން ޕަބްލިކޭޝަން) ކުރެވިފައިވާ މިންވަރާއި، އަދި އެޕްލިކޭޝަނާއިއެކު ހުށަހަޅާ ރިސާރޗް ޕްރޮޕޯސަލްގެ ފެންވަރަށެވެ. ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެންވަރު ކަނޑައަޅާނީ މި ދެ ކޯހުގެ ސީ.ޖީ.ޕީ.އޭ އަށް ބަލައިގެންނެވެ. ސީ.ޖީ.ޕީ.އޭ ލިޔެފައި ނުހުންނަ ޓްރާންސްކްރިޕްޓެއް ނަމަ ސީ.ޖީ.ޕީ.އޭ ކަލްކިއުލޭޓް ކުރުމުގައި ބަލާނީ މި ޔުނިވަރސިޓީގައި ސީ.ޖީ.ޕީ.އޭ ކަނޑައަޅާ އުސޫލަށެވެ.
ކޯހާބެހޭ އިތުރު މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ ޑރ. ޢާއިޝަތު ޝަނޫރާ (ފޯން: 3346523، އީމެއިލް: [email protected]) އަށެވެ. އާންމު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލް ކުރެއްވުމުން ނުވަތަ 1445 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތު Statement of Intent Information of PhD_English.pdf ލިންކުން ވެސް ލިބިވަޑައިގަންނަވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.