އަވަހަށް ދަމާބަހީ، އެމްއެންޔޫ ފޮތް މައުރަޒު ހުޅުވައިފި
3 ސެޕްޓެމްބަރު 2026 - 14:11

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޮތް މައުރަޒު މިއަދު ހުޅުވައިފިއެވެ.
މިކަމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި މައުރަޒު ހުޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

Ad by Hajj Corporation
މި ޚާއްސަ ރަސްމިއްޔާތުގައި، އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓުގެ ދަށުން ނެރޭ ފޮތް ވެސް ވަޒީރު ޑރ. ޝަހީމް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އަދި ރަސްމިއްޔާތަށްފަހު ވަޒީރު ވަނީ މި މައުރަޒުގެ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
މި މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި، ވިއްކާ މީހުންގެ އިތުރުން ފޮތް ގަންނަ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މުޖުތަމަޢުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމާއި އިތުރުކުރުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މައުރަޒެކެވެ.
އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަނުގައި ކުރިއަށްދާ މި ފޮތް މައުރަޒު ކުރިއަށްދާނީ ސެޕްޓެމްބަރ 3 އިން 5 ގެ ނިޔަލަށެވެ. މައުރަޒު އާންމުންނަށް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ތަފާތު ގިނަ ބާވަތްތަކުގެ ފޮތްތަކާއި އެކި އުފެއްދުންތައް ލިބެން ހުންނާނެއެވެ.

-01.jpg&w=3840&q=75)
