logo
Bank of Maldives

Bank of Maldives

ޚަބަރު

މީޑިއާ ބިލު އިސްލާހުކުރެވިދާނެ، އަނބުރާ ގެންދަންޖެހޭކަމަކަށް ގަބޫލެއްނުކުރަން: އުޝާމް

އާމިނަތު ޝަފާ
28 އޯގަސްޓު 2025 - 11:10
މީޑިއާ ބިލު އިސްލާހުކުރެވިދާނެ، އަނބުރާ ގެންދަންޖެހޭކަމަކަށް ގަބޫލެއްނުކުރަން: އުޝާމް

ނޫސްވެރިންގެ ކަންބޮޑުވުން އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލު އިޞްލާހު ކުރެވިދާނެކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މީޑިއާތައް ރެގިއުލޭޓްކުރުމަށް މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަމިއްލަ މެމްބަރު، ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ ބިލުގައި ހުރި ކަންކަން ދިރާސާކޮށްގެން ކަންބޮޑުވުންތަކަށް ހައްލު ހޯދައިގެން ކުރިއަށްދެވިދާނެކަމަށް ގަބޫލުކުރައްވާކަމަށާއި ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަކަށް ގަބޫލުނުކުރައްވާކަމަށް އުޝާމް ވިދާޅުވިއެވެ.

" އަޅުގަނޑެއް ގަބޫލެއް ނުކުރަން ބިލު އަންބުރާ ގެންދަންޖެހޭނެކަމަށް. މިހެން މި ދަންނަވާ ސަބަބުވެސް އަޅުގަނޑު ހާމަކޮށްލާނަން. 2022 ވަނަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައި މީޑިއާ ކައުންސިލުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހަށް އެބައޮތް މީޑިއާ ބިލެއްގެ ޑްރާފްޓެއް ފޮނުވާފައި. މިހާރުގެ ބިލަށް ތިބޭފުޅުންގެ ކަންބޮޑުވުން އޮތްއިރު އޭރު މީޑިއާ ކައުންސިލުން ހުށަހެޅި ޑްރާފްޓާއި މިހާރު ސަރުކާރުން ހުށަހެޅި ބިލާ މާބޮޑު ތަފާތެއް ނެތް.". އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ބިލާ ގުޅިގެން ނޫސްވެރިން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރާކަމަކީ ރައީސް އައްޔަނުކުރާ މެމްބަރުންނާއި ރައީސަކު ކޮމިޝަނުގައި އިނުންކަމަށާއި މީޑިއާ ކައުންސިލުގެ ފަރާތުން ހުށަހެޅި މީޑިއާ ކޮމިޝަނުގެ ޑްރާފްޓުގެ 4 ވަނަ މާއްދާގައި ކޮމިޝަނުގައި ހިމެނޭ 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުން އައްޔަނުކުރާނީ މީޑިއާތަކުންކަމާއި އަދި 2 މެމްބަރުންނަކީ ރައީސް ބޭނުންވާ 2 މެމްބަރުންކަމަށް ބަޔާންވެފައިވާކަމަށެވެ. މީޑިއާ ކައުންސިލުން ޑްރާފްޓު ފޮނުވިއިރު ރައީސް ބޭނުންފުޅުވާ 2 މެމްބަރަކު ކޮމިޝަނުގައި ތިބުމަކީ މައްސަލައަކަށް ނުވެފައި މިހާރު ހުށަހަޅާފައިވާ ބިލާއެކު އެކަން މައްސަލައަކަށް ވާންޖެހޭ ސަބަބެއްނެތްކަމަށް އުޝާމް ވިދާޅުވިއެވެ.

މީޑިއާތައް ޖޫރިމަނާ ކުރުމާމެދު މީޑިއާ ކޮމިޝަނުން ހުށަހެޅި ޑްރާފްޓުގައި އޮތީ މީޑިއާތަކާ ދެކޮޅަށް ޖިނާއީ ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ލިބިދެގޮތަށްކަމަށް އުޝާމް ވިދާޅުވިއެވެ.

" މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮމިޝަނުން އަންގާ އެންގުމަކާ ތަބާނުވެއްޖެނަމަ ކަމުގެ ކުޑަބޮޑު މިނަށް ބަލައި 5000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. ނުވަތަ އެފަދަ އެފަދަ ފަރާތަކަށް ގާނުނީ ފިޔަވަޅު އެޅުމަށްޓަކައި ތަހުގީގުކޮށް ކިނާއީ ފިޔަވަޅު އެޅުމަށް ނިންމުމުގެ ބާރު ލިބިގެންވޭ. އެކަމަކު މިހާރު އޮތް ބިލުގައި މިފަދަ އެއްވެސް ކަމެއް ހިމެނިފައެއް ނެތް". އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ހިމެނިފައި އޮތީ މީޑިއާ ކައުންސިލުން ހުށަހެޅި ޑްރާފްޓުގައި ނެތް ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން"ގެ ބިލުގެ ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުންކަމަށާއި، އެއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން އުޅުނު މަސައްކަތެއްކަމަށެވެ. އެކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ބިލާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް ދިރާސާކުރައްވާނެކަމަށާއި، އޭގެ އަލީގައި އިޞްލާހު ކުރެވިދާނެކަމަށެވެ.ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލެއް ނުކުރައްވާކަމަށް އުޝާމް ވިދާޅުވިއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ބިލު ޤާނޫނަކަށްވުމާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ގާނޫނާއެކު މިހާރު އަމަލުކުރަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނު އުވާލެވި، ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވާލެވޭނެއެވެ. އަދި މި ގާނޫނުތަކުގެ ދަށުން މިހާރު އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަންވެސް އުވިގެންދާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނު ވުޖޫދުވުމާއެކު އެކުލަވާލާ ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ. މި ކޮމިޝަނުގެ ރައީސް، މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންޖެހޭގޮތަށް ބިލުގައި ބަޔާންކޮށްފައިވާއިރު ނައިބު ރައީސް އައްޔަން ކުރައްވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ނޫސް މަޖައްލާއެއް ތަކުރާރުކޮށް ސުލޫކީ މިންގަނޑާ ހިލާފުވާނަމަ 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް މި ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ މައްސަލަ ނިމެންދެން ވަގުތީގޮތުން ރަޖިސްޓްރީ ބާތިލުކުމާއި ތަކުރާރުކޮށް ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ދިއުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.

ކޮމިޝަނުން ކަމެއް އިސްލާހުކުރުމަށް އަންގާ މުއްދަތުގެ ތެރޭގައި އެކަމެއް އިސްލާހުނުކޮށްފިނަމަ 5000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލްގައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި ތަސްދީގު ކުރާ ފަހުން ހުށަހަޅާ މައްސަލަތަކެވެ. އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ބެސްޓިނެޓަށް ބޮޑު ބަދަލެއްދޭން ޖެހުނު: ބަންޑާރަނައިބުޚަބަރު | 2 ދުވަސް ކުރިންމީޑިއާ ބިލު އިސްލާހުކުރެވިދާނެ، އަނބުރާ ގެންދަންޖެހޭކަމަކަށް ގަބޫލެއްނުކުރަން: އުޝާމް ޚަބަރު | 2 މަސް ކުރިން ޤާނޫނު ފަރުމާކޮށްފައިވަނީ ހުރިހާ ދާއިރާތަކަށް ފޯކަސްކޮށްގެން : އުޝާމް ޚަބަރު | 5 މަސް ކުރިންފަލަސްތީނު މައްސަލައިގައި އައިސީޖޭގައި ބަންޑާރަ ނައިބު މާދަމާ ބަޔާން ދެއްވަނީޚަބަރު | 6 މަސް ކުރިން