ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައްވެސް މާލަސްތަކެއް ނުވެ ހުށަހަޅާނެ: ބަންޑާރަނައިބު
15 މާރިޗު 2026 - 14:29
ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާއި މިހާރު ހިނގަމުންދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެބަންޑާރަނައިބު އަހްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަނައިބު އުޝާމު ވިދާޅުވީ ގާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއީ:-

Ad by Hajj Corporation
- ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން.
- ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.
މި އިސްލާހުތަކުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ބައެއް މީހުން ސުވާލުކުރާތީ އެމަނިކުފާނު ވަނީ އެކަމަށް ޖަވާބު ދެއްވާފައެވެ. އެގޮތުން ވިދާޅުވީ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ އިސްލާހަކީ އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ގާނޫނުއަސާސީން ލާޒިމުކުރާ އިސްލާހެއް ކަމަށްވަތީ އެ އިސްލާހާ މެދު ިވަގުތު ގޮތެއް ނިންމަން ބޭނުންވީ ކަމަށެވެ.
ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިތުރު އިސްލާހުތަކަކީ އެއަށް އަމަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން ކަމުގައިވެސް ބަންޑާރަނައިބު ވިދާޅުވި އެވެ.
ބަންޑާރަނައިބު އުޝާމު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށެވެ.
މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި ކައުންސިލް އިންތިހާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ހަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށް ބަންޑާރަނައިބު އުޝާމު ވިދާޅުވިއެވެ.
ބަންޑާރަނައިބު ދާޅުވީ ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާއި މިހާރު ހިނގަމުންދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.


