ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންނަށް “އުނގެނެމާ” ޕްރޮގްރާމް ފަށައިފި
28 އޯގަސްޓު 2025 - 11:13

ޙުކުމް ތަންފީޒުކުރަމުންދާ ކުދިންނާއި އެކި މައްސަލަތަކުގައި ބަންދު ކޮށްފައިވާ ކުދިންނަށް އަމާޒު ކޮށްގެން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރިއަށް ގެންދާ "އުނގެނެމާ" ޕްރޮގުރާމް ފަށައިފިއެވެ.
މިއީ، ކަރެކްޝަންސްގެ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ކުދިންނަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad by Hajj Corporation
ކަރެކްޝަންސް އިން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހަތަރު ކުޑަކުދިން ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ޤާނޫނާއި ޤަވާއިދާއި ނަފުސާނީ ދުޅަހެޔޮކަމާއި ޕަރސަނަލް ޑިވޮލޮޕްމަންޓް ކްލާސްތަކާއި ނަމާދާ ބެހޭ ވޯކްޝޮޕް އަދި ހަތަރު ދީނީ ދަރުސް ކުރިއަށް ގެންދާނެކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކަރެކްޝަންސް އިން ބުނީ މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދުތަކަކީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި އުފެއްދުމާއި، އިސްލާމްދީނުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، މި ދީނުގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ބަޔަކަށް ހެދުމާއި، ނަފުސާނީ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، އަމިއްލަ ނަފްސު ދެނެގަނެ ބަލައިގަންނާނެ ގޮތް ބުނެދިނުމާއެކު، ތަފާތު ތިޔަރީތަކުގެ އަލީގައި އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުކޮށް، ޙުކުމް ތަންފީޛުކުރަމުންދާ ނުވަތަ ބަންދު ކޮށްފައިވާ ކުދިންނަކީ މުޖުތަމަޢުން އެކަހެރިކޮށްފައިވާ ބައެއް ނޫންކަން އެކުދިންނަށް އިޙްސާސްކޮށްދިނުމާއި، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލުމުގެ ޤާބިލުކަން އުފެއްދުމެވެ.
މީގެ އިތުރުން އެނގެންޖެހޭ ޤާނޫނާއި ޤަވާއިދުތައް ބުނެދީ، ކުދީންގެ އަޚްލާޤާއި ސުލޫކަށް އެދެވޭ ބަދަލުތަކެއް ގެނެސް، ޤާނުނާއި ޤަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ހެދުމަށް ބާރުއަޅައި، މި ކުދިންނަކީ މުޖުތަމަޢަށް އަނބުރާ ނުކުންނައިރު، ދީނީ ގޮތުން އެކަށީގެންވާ މަޢުލޫމާތު ލިބި، އަމިއްލަ ނަފުސަށް އިތުބާރު ކުރާ މުޖުތަމަޢު ޤަބޫލުކުރާ، ނަފުސާނީ ގޮތުން ހޭލުންތެރި، ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބައި އަދި ކުށުގެ ވެށިން ދުރުހެލިވެފައިވާ ބަޔަކަށް ހެދުންކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ.


