ވީއޭއާރު ނުލައި ޕެނަލްޓީގެ އެހީގައި ބާސާ މޮޅުވަނިކޮށް ޕެރޭޒް އެކަން ހުއްޓުވައިފި
1 ސެޕްޓެމްބަރު 2025 - 03:03

ލަލީގާގެ ޑިފެންޑިން ޗެންޕިއަން ބާސެލޯނާ ރާޔޯ ވަޔެކާނޯ އާއި ވާދަކުރި މެޗު އެއްވަރުވެއްޖެއެވެ. ވަޔެކާނޯގެ ދަނޑުގައި ކުޅުނު މިމެޗުގައި ވަޔެކާނޯގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ބާސެލޯނާއަށް ޕޮއިންޓެއް ސަލާމަތްކޮށްދިނީ އެޓީމުގެ ކީޕަރުގެ ހުޝިޔާރުކަމުންނެވެ. މިމެޗު ނިމުނީ 1-1 އިންނެވެ.
މެމެޗު ފެށުމުގެ ކުރިންވެ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ މައްސަލައެއް ދިމާވެ، ދެޓީމަށްވެސް އެކަން ވަނީ އަންގާފައެވެ. މެޗުގެ ތެރޭގައި ވާރު ސިސްޓަމް މަސައްކަތްކުރަން ފެށި ނަމަވެސް، ބާސާއަށް ޕެނަލްޓީ ދިން ވަގުތު ސިސްޓަމް އަނެއްކާވެސް ހުއްޓިފައި އޮތެވެ.

Ad by Hajj Corporation
މެޗުގެ 40 ވަނަ މިނެޓްގައި ބާސާގެ ލަމީން ޔަމާލް ހޯދައިދިން ޕެނަލްޓީއަކުން ޔަމާލް ގޯލްޖަހައި ބާސާ ލީޑުނެގިއެވެ. މި ޕެނަލްޓީ ލިބުނީ ރާޔޯގެ ޑިފެންޑަރު ޕެޕް ޗަވާރިއާ ޔަމާލްއަށް ފައުލްކުރުމުންނެވެ. ނަމަވެސް އެވަގުތު ވާރު ސިސްޓަމް މަސައްކަތް ނުކުރުމުގެ ސަބަބުން މި ނިންމުން ރިވިއު ނުކުރެވުނެވެ.
މިމެޗުގައި ފުރަތަމަ ހާފުގައި ކީޕަރާއި ވަން-އޮން-ވަން ހުސްކޮށް ވަޔެކާނޯއަށް ޖުމްލަ 2 ފުރުސަތެއް ލިބުނު ނަމަވެސް އެހުރިހާ ބޯޅައެއް ވަނީ ބާސާެއަށް އަލަށް މިސީޒަނުގައި ސޮއިކުރުވި ޖޮއާން ގާސިޔާ ހުއްޓުވާފައެވެ. އަދި ދެވަނަ ހާފުގައިވެސް މިފަދަ ދެހަމަލާއެއް ވަނީ ހުއްޓުވާފައެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށްވެސް ހޮވުނީ ގާސިއާއެވެ.
މެޗުގައި ވަޔެކާނޯ އެއްވަރުކޮށް ބާސާގެ މި ސީޒަނުގެ 100% މޮޅުވުމުގެ ރެކޯޑް ހުއްޓުވީ ދެވަނަ ހާފުގެ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ފްރާން ޕެރޭޒް އެވެ. ޕެރޭޒް މި ގޯލު ގޯލުޖަހައިދިނީ 67 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުންނެވެ.
ރޭގެ މެޗަށްފަހު ވަޔެކާނޯގެ ކޯޗު މީޑިޔާތަކާއި ވާހަކަދައްކަމުން، ޔަމާލް އަަށް ލިބުނު ޕެނަލްޓީއަކީ ޕެނަލްީ އެއް ނޫންކަމުގައި ރެފްރީ ފަހުން ބުނެފައިވާކަންވަނީ ހާމަކޮށްފައެވެ.
ރޭގެ މެޗަކީ ފަހަކަށް އައިސް ބާސާގެ ފަރާތުން ފެނުނު އެންމެ ދަށް އެއްމެޗެވެ. އަދި ރޭގެ މެޗުން އެއްވަރު ވުމާއެކު ބާސާވަނީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. ވާދަވެރި ރެއާލް މިވަގުތު އޮތީ ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއްވަނައިގައެވެ.