ދައުލަތުގެ ބަޖެޓުން ކުރި ޚަރަދުތައް 15.6 އިންސައްތަ ދަށްކޮށްފި
3 ސެޕްޓެމްބަރު 2025 - 18:13

ދައުލަތުގެ ބަޖެޓުން 28 އޮގަސްޓް 2025 ގެ ނިޔަލަށް ކޮށްފައިވާ ޚަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.6 އިންސައްތަ ދަށްވެއްޖެއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 28 އޮގަސްޓް 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 15.6 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 1.7 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދުވަނީ 57.4 އިންސައްތައިން ދަށްވެފައެވެ.

Ad by Hajj Corporation
ރިކަރަންޓް ޚަރަދުގެ 56 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 އިންސައްތަ ދަށް ޢަދަދެކެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.7 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ.
މިއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަދި ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު މިއަހަރުގެ ޚަރަދު 15.6 އިންސައްތަ ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް 534.6 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައެވެ.