މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާ
25 އޭޕްރީލު 2026 - 06:17

މިދިޔަ އަހަރު ތެރޭ ގްރީން ފަންޑަށް 2.5 ބިލިޔަން ރުފިޔާ ޖަމާވެ، އެ ފަންޑުގެ ޖުމުލަ ބެލެންސް 3.5 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކުރި ޑިސެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން ފަންޑުން މިދިޔަ އަހަރު އެކި މަޝްރޫއުތަކަށް ޚަރަދުކޮށްފައިވަނީ 275 މިލިޔަން ރުފިޔާއެވެ. ފަންޑަށް އެންމެ ގިނައިން ފައިސާ ވަތް ދެ މަހަކީ 226 މިލިޔަން ރުފިޔާ ޖަމާވި އެޕްރީލް މަހާއި 218 މިލިޔަން ރުފިޔާ ޖަމާވި ޑިސެމްބަރު މަހެވެ.
ގްރީން ޓެކުހަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ތިމާވެށީގެ މަސައްކަތްތަކަށް ނެގޭ ޓެކުހެކެވެ. މާލީ ވުޒާރާގެ ހިސާބުތައް ދައްކާ ގޮތުން ރިސޯޓުތަކުން އެކަނި 200 މިލިޔަން ރުފިޔާ ލިބުނުއިރު، ގެސްޓްހައުސްތަކުން 11.2 މިލިޔަން، ސަފާރީ އުޅަނދުތަކުން 4.7 މިލިޔަން، ހޮޓެލްތަކުން 2.1 މިލިޔަން އަދި ހޯމްސްޓޭއިން 92،403 ރުފިޔާ ލިބިފައިވެއެވެ. އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރީ ކ. އަތޮޅުންނެވެ. އެ އަތޮޅުން 74.8 މިލިޔަން ރުފިޔާ ލިބުނުއިރު ރ. އަތޮޅުން 21.9 މިލިޔަން، އދ. އަތޮޅުން 20.1 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މި އަހަރުގެ 1 ޖެނުއަރީ އިން ފެށިގެން ސަރުކާރުން ވަނީ ގްރީން ޓެކުހުގެ ރޭޓުތައް ދެ ގުނައަށް ބޮޑުކޮށްފައެވެ. ކުރިން 6 ޑޮލަރު ނެގި ތަންތަނުގެ ރޭޓު 12 ޑޮލަރަށް، 3 ޑޮލަރު ނެގި ތަންތަނުގެ ރޭޓު 6 ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް އުމުރުން 2 އަހަރު ނުވާ ކުދިންގެ އަތުން މި ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ. ގްރީން ފަންޑުން ޚަރަދުކުރާ މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، އަދި ފެނުގެ ނިޒާމު ގާއިމުކުރުން ފަދަ ތިމާވެށްޓާ ގުޅޭ މަޝްރޫއުތައް ހިމެނޭ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.


