ދައުލަތުގެ އާމްދަނީ 33 ބިލިއަން ރުފިޔާ ހުރަސްކޮށްފި، އެންމެ ބޮޑު ކުރިއެރުމެއް ޓެކުހުން
1 ނޮވެމްބަރު 2026 - 08:20

މިއަހަރުގެ 22 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާއަށް އަރައި، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 31.60 ބިލިއަން ރުފިޔާއެވެ. މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ދައުލަތުގެ އާމްދަނީ މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައި ބޮޑު ކުރިއެރުމެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8 އިންސައްތަ އިތުރުވެފައިވާއިރު، މިދިޔަ އަހަރު ލިބުނު 23.44 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ 25.73 ބިލިއަން ރުފިޔާ ލިބިފައެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީ އާމްދަނީ 5.7 އިންސައްތަ އިތުރުވެ 8.87 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2.6 އިންސައްތަ އިތުރުވެ 1.78 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.8 އިންސައްތަ އިތުރުވެ 5.97 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.82 ބިލިއަން ރުފިޔާ އަދި އާންމު ޖީ.އެސް.ޓީގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓު ކުއްޔާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިތުރުވި ނަމަވެސް، ޖުމްލަގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 9.5 އިންސައްތަ ދަށްވެފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ޚަރަދުތައް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. އެގޮތުން 22 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 17.0 އިންސައްތަ އިތުރުވެ، 37.21 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޚަރަދުތަކުގެ ބޮޑުބައެއް ހިއްސާކުރާ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު 32.00 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 5.21 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ރިކަރަންޓް ޚަރަދުގެ ތެރެއިން މުސާރަ އާއި ޕެންޝަނަށް 12.05 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.
ޚަރަދުތައް އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކާއެކު ސަބްސިޑީއަށް ކުރި ހޭދަ 58.6 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އެރުން ހިމެނެއެވެ. އަދި އާސަންދަ ޚަރަދު 1.94 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކައުންސިލްތަކަށް ދޫކުރި ގްރާންޓް 15.9 އިންސައްތަ އިތުރުވެ 2.08 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ. ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ބިން ހިއްކުމާއި ބިން ބެލެހެއްޓުމުގެ މަޝްރޫޢުތަކަށް ކުރި ޚަރަދު 89.7 އިންސައްތަ އިތުރުވެފައިވާއިރު، އިމާރާތްތަކާއި ބިމަށް ކުރި ޚަރަދު ވަނީ 1.69 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މާލީ ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 0.27 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައި ވީނަމަވެސް، ޖުމްލަ ފިސްކަލް ބެލެންސް ހުރީ 3.85 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

-01.jpg&w=3840&q=75)
