ހިނގަމުންދާ މަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓް ނިންމަން އަމާޒު، ރިޒާވް 900 މިލިއަން ޑޮލަރަށް އަރާނެ ކަމުގެ އުންމީދު
30 އޮކްޓޯބަރު 2026 - 13:55

ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، އިޤްތިޞާދީ އޮއިވަރު ހަމަމަގަށް އެޅުވުމަށްޓަކައި 2027 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ ރާއްޖޭގެ ތަރައްޤީގެ ދުވެލި އާ ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ލަނޑުދަނޑިތަކެއް އެކުލެވޭ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މި ބަޖެޓުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ 70 އިންސައްތަ އަންނަ އަހަރުގެ ނިޔަލަށް ނިންމުމާއި، ދައުލަތުގެ ރަސްމީ ރިޒާވް 900 މިލިއަން ޑޮލަރަށްވުރެ މައްޗަށް އުފުލުން ހިމެނެއެވެ. މިއީ އިޤްތިޞާދީ ދަތިތަކުން އަރައިގަނެ، ޢާންމު ރައްޔިތުންނަށް ފައިދާކުރާނެ ހެޔޮ ބަދަލުތަކެއް ގެނައުމަށް އެކަށައަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެކެވެ.
59.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތު
.png&w=750&q=75)
Ad by Hajj Corporation
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ. މިއިން ދޭހަކޮށްދެނީ ދައުލަތުގެ މާލީ ޙާލަތު ބައްޓަންކުރުމުގައި ޚަރަދު ކުޑަކުރުމަށާއި، އިސްރާފު ނައްތައިލުމަށް ސަރުކާރުން އިސްކަންދީފައިވާ މިންވަރެވެ. ބަޖެޓުގެ ޖުމްލަ ޚަރަދަކީ 52.6 ބިލިއަން ރުފިޔާ ކަމަށްވާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިގޮތުން ދައުލަތުގެ ޢާންމު ހިންގުމުގެ ޚަރަދުތައް ކޮންޓްރޯލްކޮށް، އުފެއްދުންތެރި ކަންކަމަށް ޖާގަ ދިނުމަކީ މި އޮނިގަނޑުގެ މައިގަނޑު އެއް ބޭނުމެވެ.
މަޝްރޫޢުތައް އަވަހަށް ނިންމުމާއި ޕީއެސްއައިޕީގެ ދައުރު
ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށްޓަކައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫޢުތަކަށް އެކަނިވެސް 8.2 ބިލިއަން ރުފިޔާ ވަނީ ޚާއްޞަކޮށްފައެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ ތެރެއިން 70 އިންސައްތަ މަޝްރޫޢު 2027 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމައި ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ފޯރުކޮށްދިނުމެވެ. އެކި ސަބަބުތަކާ ހުރެ ދިގުލައިގެން ގޮސްފައިވާ މަޝްރޫޢުތައް ނިންމުމަކީ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަވެގެންދާނެ ކަމެކެވެ. މީގެއިތުރުން ކެޕިޓަލް ޚަރަދުތަކުގެ ބޮޑުބައެއް ސީދާ ޕީއެސްއައިޕީއަށް އަމާޒުކުރުމުން ދައްކުވައިދެނީ، އުމްރާނީ ތަރައްޤީ މެދުކަނޑައިނުލައި ކުރިއަށްގެންދިއުމަށް ދީފައިވާ އަހައްމިއްޔަތުކަމެވެ.
ރަސްމީ ރިޒާވާއި އިޤްތިޞާދީ ކުރިއެރުމުގެ އުއްމީދު
ރާއްޖޭގެ މާލީ ރައްކާތެރިކަން ވަޒަންކުރެވޭ އެންމެ މުހިންމު އެއް މިންގަނޑަކީ ޤައުމުގެ ރަސްމީ ރިޒާވެވެ. 2026 ވަނަ އަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި 817.7 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، 2027 ވަނަ އަހަރު ނިމޭއިރު އެ އަދަދު 907.2 މިލިއަން ޑޮލަރަށް އުފުލޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅިގެން 2026 ގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި 0.6 އިންސައްތައާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވި ނަމަވެސް، 2027 ގައި އިޤްތިޞާދު 3.9 އިންސައްތައާއި 6.8 އިންސައްތައާ ދެމެދުގެ ހަލުވި ދުވެއްޔެއްގައި ކުރިއަރާނެ ކަމަށް ބެލެވެއެވެ. ހަމައެއާއެކު، އިންފްލޭޝަން ރޭޓް 1.0 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭތީ، މުދަލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓި، ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް ލުއިފަސޭހަކަން ލިބިގެންދާނެއެވެ. ދުނިޔޭގެ އިޤްތިޞާދީ ދުވެލި 3.4 އިންސައްތައިގައި ހުންނާނެ ކަމަށް ބެލެވޭއިރު، ރާއްޖޭގެ އަންދާޒާއަކީ ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުކުރުމާއި ޓެކްސް ނިޒާމުގެ އިޞްލާޙުތައް
އާމްދަނީގެ ގޮތުގައި 2027 ވަނަ އަހަރު ހިލޭ އެހީއާއެކު ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިއީ 2026 ވަނަ އަހަރަށްވުރެ 1.4 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. އަދި މެދުރާސްތާގައި އާމްދަނީ އިތުރުވަމުން ގޮސް 2028 ގައި 46.6 ބިލިއަން ރުފިޔާއަށް އަދި 2029 ގައި 49.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ. މި އާމްދަނީ ހޯދުމުގައި ރައްޔިތުންނަށް އުނދަގޫވާނެހެން އެއްވެސް ޓެކުހެއް ބޮޑުނުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ވިޔަފާރިތަކަށާއި ޢާންމު ފަރުދުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އޭގެ ބަދަލުގައި، ސަރުކާރުގެ ވިސްނުމަކީ ޓެކްސް ނިޒާމު ހަރުދަނާކޮށް، ނިޒާމުގެ ތެރޭގައި ހުރި ބާގަނޑުތައް (ލޫޕްހޯލްތައް) ބެއްދުމެވެ. މިގޮތުން "މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް" ފުޅާކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޒަމާނީ އީ-އިންވޮއިސިންގ ނިޒާމެއް ތަޢާރަފުކުރުން ހިމެނެއެވެ. މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ޓެކުހަށް މަކަރުހެދުން ހުއްޓުވި، ދައުލަތަށް ޙައްޤުވާ އާމްދަނީ ފުރިހަމައަށް ލިބިގެންދާނެއެވެ.
މާލީ ދެމެހެއްޓެނިވިކަން ޔަޤީންކުރުން
ދައުލަތުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އާމްދަނީ، ޖީޑީޕީގެ 32 އިންސައްތައަށްވުރެ ދަށްނުވާ މިންވަރެއްގައި ހިފެހެއްޓުމަކީ ބަޖެޓުގެ ވަރަށް މުހިންމު ސިޔާސަތެކެވެ. ހަމައެއާއެކު، ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ސީދާ ލިބޭ އާމްދަނީގެ ތެރެއިން ފޫބެއްދުމަށް އަމާޒުހިފުމަކީ ޤައުމު ދަރަނިވެރިވުން ކުޑަކޮށްދޭނެ ކަމެކެވެ. ޚަރަދުތައް ކުޑަކޮށް، އާމްދަނީ ވަރުގަދަކޮށް، އަދި ރަސްމީ ރިޒާވް ވަރުގަދަކުރުމަށް އެކުލަވައިލެވިފައިވާ މި އޮނިގަނޑަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލާކޮށްދޭނެ ހަރުދަނާ ބިންގަލެކެވެ.
މި ހުރިހާ ލަނޑުދަނޑިތަކެއް ހާސިލުވުމުން، ހިނގަމުންދާ މަޝްރޫޢުތައް އަވަހަށް ނިމި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަރައްޤީ ޔަޤީންވެގެންދާނެއެވެ. 2027 ވަނަ އަހަރުގެ ބަޖެޓަކީ ދައުލަތުގެ މާލީ ޙާލަތު ދެމެހެއްޓެނިވި މިޞްރާބަކަށް އަނބުރައިލުމަށާއި، ޤައުމުގެ ރިޒާވް ވަރުގަދަކޮށް އިޤްތިޞާދީ ކުރިއެރުން ހަލުވިކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

-01.jpg&w=3840&q=75)
