logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާތަނަށް ސަބްސިޑީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

އައިޝަތު ނަޝާ
29 މޭ 2026 - 05:41
މިހާތަނަށް ސަބްސިޑީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ  ހޭދަކުރި

މިއަހަރުގެ މިހާތަނަށް ސަބްސިޑީއާއި އެހީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް، މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރު މިމުއްދަތުގައި ޚަރަދުކޮށްފައިވާ އަދަދަށް ވުރެ 1.7 ބިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.

މާލީ ވުޒާރާއިން އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފާސްހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވަނީ މިހިނގާ މެއި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުރި ތަފާސްހިސާބުތައް ހިމަނާފައެވެ. މި ރިޕޯޓުގައި ވާގޮތުން ސަބްސިޑީއާއި އެހީގެ ގޮތުގައި މިހާތަނަށް ޖުމްލަ 5.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި ދޫކޮށްފައިވަނީ 3.5 ބިލިޔަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 48 އިންސައްތަ އިތުރުވުމެކެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިބައިން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ސަބްސިޑީއަށެވެ. ސަބްސިިޑީއަށް މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު މިމުއްދަތުގައި ހޭދަ ކުރި 1.2 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 77 އިންސައްތަ އިތުރު އަދަދެކެވެ.

ސަބްސިޑީއަށް ފަހު އެންމެ ބޮޑު ހޭދައަށް ކޮށްފައިވަނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމަށެވެ. ކައުންސިލްތަކަށް މިއަހަރުގެ މިހާތަނަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތަށް ދޫކޮށްފައިވަނީ 718 މިލިޔަން ރުފިޔާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ 45.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށް ވިއްކާ ތެލުގެ ސަބްސިޑީއަށް ހިނގި ޚަރަދު ބޮޑުވުމުންކަން މާލީ ވުޒާރާއިން ފާހަގަކުރައްވައެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން އާންމުންނަށް ކުރާ އަސަރު ކުޑަކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީގެ ސަބަބުން އަސާސީ މުދަލާއި ޚިދުމަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ސަބްސިޑީއަށް ކުރި ޚަރަދު އިތުރުވިނަމަވެސް، އާސަންދަ އަދި ވެލްފެއަރއަށް ކުރި ޚަރަދުތައް ދާދި އެއްވަރެއްގައިވަނީ ހިފެހެއްޓިފައެވެ. މިއަހަރުގެ މިހާތަނަށް އާސަންދައަށް 804 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ޚަރަދުކޮށްފައިވަނީ 806 މިލިޔަން ރުފިޔާއެވެ. މިއަހަރުގެ މިމުއްދަތުގައި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް 91.5 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުގެ މިމުއްދަތުގައި 113 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން އެހެނިހެން ގްރާންޓް އަދި އެހީގެ ގޮތުގައި މިއަހަރު ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު މިމުއްދަތުގައި އެހެނިހެން ގްރާންޓް އަދި އެހީގެ ގޮތުގައި ދޫކޮށްފައިވަނީ 640 މިލިޔަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިހާތަނަށް ސަބްސިޑީގެ ގޮތުގައި 5 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިޚަބަރު | 11 ގަޑިއިރު ކުރިންމިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާޚަބަރު | މަހެއް ކުރިންރޯދަ އިނާޔަތް މި މަހުގެ 12 ކުރިން ޚަބަރު | 4 މަސް ކުރިންދަރަނި ދެއްކުމަށް މިދިޔަ އަހަރު ރެކޯޑް މިންވަރެއް ހޭދަކުރިޚަބަރު | 4 މަސް ކުރިން