މިދިޔަ އަހަރަށްވުރެ ބޮޑުތަނުން އިތުރުވެ، ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 499 މިލިއަން ރުފިޔާ ލިބިއްޖެ
20 ސެޕްޓެމްބަރު 2026 - 09:48
.webp&w=3840&q=75)
މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 499 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން، އޮގަސްޓު މަހުގެ ނިޔަލަށް ލިބުނު މި އަދަދަކީ މިއަހަރުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކުރި 373 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. މީގެއިތުރުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބުނު 252.4 މިލިއަން ރުފިޔާއާ އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މާލީ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން، އަހަރުގެ ފުރަތަމަ 8 މަސް ދުވަހު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 28.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.2 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީއަށް ލިބުނު 1.69 ބިލިއަން ރުފިޔާގެ ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 8.5 އިންސައްތަ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 20.61 ބިލިއަން ރުފިޔާއިން 22.35 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 17 އިންސައްތަ އިތުރުވެ، 30.86 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދު 18.6 އިންސައްތަ އިތުރުވެ 26.98 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 6.9 އިންސައްތަ އިތުރުވެ 3.88 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.
ދަރަންޏާއި އިންޓްރެސްޓް ނުހިމަނައި، ދައުލަތުގެ ޕްރައިމަރީ ސާޕްލަސް ހުރީ 1.27 ބިލިއަން ރުފިޔާގައެވެ. މިއީ އޭގެ ކުރީ އަހަރު ރެކޯޑުކުރެވުނު 4.04 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއާ އަޅާބަލާއިރު 68.6 އިންސައްތަ ދަށް އަދަދެކެވެ. އަދި ދަރަންޏާއި އިންޓްރެސްޓް ހިމެނޭހެން މުޅި ބަޖެޓުން މިހާރު 2.13 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ދައްކައެވެ.


