50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކީ އެސްޑީއެފްގައި ހުރި ފައިސާއިން: ފިނޭންސް މިނިސްޓްރީ
18 ސެޕްޓެމްބަރު 2026 - 18:00

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓުގެ ގޮތުގައި 50 މިލިއަން ޑޮލަރު ދެއްކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އާންމުން ޖަމާކޮށްފައި ހުރި ފައިސާއިން ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން މިހެން ބުނެފައި މިވަނީ އެސްބީއައިއަށް 50 މިލިއަން ޑޮލަރު ރާއްޖެއިން ދެއްކީ ބީއެމްއެލްގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމުގެ ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުންނެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބީއެމްއެލްގައި އާންމުން ޖަމާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދެއްކީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ ބުދަ ދުވަހަށް މުއްދަތު ހަމަވި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ކަނޑައެޅިފައި އޮތް ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް މިއަހަރުގެ މެއި 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

Ad by Hajj Corporation


