އެމްޑީޕީ ސަރުކާރުން އެސްބީއައިއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފި
17 ސެޕްޓެމްބަރު 2026 - 06:15

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ކުރީ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު މި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށް، އެ ދަރަނީގެ ދަންތުރައިން ރައްޔިތުން ސަލާމަތްކޮށްދީފިއެވެ. މިއީ 2019 ވަނަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށްޓަކައި 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކެއްގެ ގޮތުގައި ނަގާފައިވާ ދަރަންޏެކެވެ.
އެގޮތުން 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހު 50 މިލިއަން ޑޮލަރު، ޖޫން މަހުގެ 26 ގައި 50 މިލިއަން ޑޮލަރު އަދި އޮކްޓޫބަރު 1 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ވަނީ ނަގާފައެވެ. މި ދަރަނި އަނބުރާ ދެއްކުމުގެ މުއްދަތު 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޭރުގެ ސަރުކާރުން އައީ ފަސްކުރަމުންނެވެ.

Ad by Hajj Corporation
މި ދަރަނި ދައްކައި ޚަލާސްކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، މި ސަރުކާރު ފެށުމަށްފަހު ފުރަތަމަ 50 މިލިއަން ޑޮލަރު 2024 ޖަނަވަރީ 7 ގައި ދައްކާފައިވާ ކަމަށެވެ. އަދި ބާކީ އޮތް ބައި އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްގެން ރޯލްއޯވަރ ކުރުމަށްފަހު ފިޔަވަހިތަކަކަށް ބަހާލައިގެން ދައްކައި ނިންމާފައިވާ ކަމަށެވެ.
"މިދިޔަ ސަރުކާރުން ރައްޔިތުން ބޮލުގައި އެޅުވި ދަރަނި، 150 މިލިއަންގެ ދަންތުރައިން، އަޅުގަނޑުމެން ރައްޔިތުން ސަލާމަތްކޮށް މި ނިންމުނީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން އަދާކުރަންޖެހޭ އެކި ދަރަނިތައް ދައްކަމުން ދަނީ އިތުރު ދަރަންޏެއް ނެގުމަކާ ނުލައެވެ. މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން މިހާތަނަށް ދަރަނި ދެއްކުމަށް ޖުމްލަ 1.3 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭއިރު، މިއީ ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ ދެއްކި އެންމެ ބޮޑު ދަރަންޏެވެ.
މި ސަރުކާރުން ދައްކާފައިވާ ދަރަނީގެ އަދަދު ފާއިތުވި ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބަޔާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އެ މުއްދަތުގައި 191 މިލިއަން ޑޮލަރު އަދި ރައީސް ޞާލިޙުގެ ސަރުކާރުގައި 428 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މި ސަރުކާރުން މިހާރުވެސް ދަނީ ދަރަނިތައް އަދާކުރުމަށް ރަސްމީ ރިޒާވުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި ބޭނުންކުރަމުންނެވެ.


