ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒުއަށް އަރުވަން ފާސްކޮށްފި
17 ސެޕްޓެމްބަރު 2026 - 06:51

ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު އެރުވުމަށް އެދި، އެ ޕާޓީގެ މެންބަރުންގެ ފަރާތުން ހާއްސަ ގަރާރެއް ހުށަހަޅައި، ޕީއެންސީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަރުވަން އެ ޕާޓީގެ ކޮންގްރެސްއިން ފާސްކޮށްފިއެވެ.
ޕީއެންސީގެ މަތީ މަޖިލީހުން މި ޤަރާރު ފާސްކޮށްފައިވަނީ 1،119 މެންބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation
ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މަތީ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވައިދެއްވީ ޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ. މި ގަރާރުގައި ފާހަގަކޮށްފައިވަނީ، 2023 ވަނަ އަހަރު ވެރިކަމުގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވަނީ ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ އަގުހުރި މަސައްކަތްޕުޅުތަކެއް ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމާއި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ގާއިމުކުރެއްވުމުގެ އިތުރުން، ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ދިވެހި ފަސްގަނޑުގައި ނެތްކަން އެމަނިކުފާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި ފަހުރުވެރި 'ދިވެހިންގެރާއްޖެ' ބިނާކުރެއްވުމުގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށާއި، ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުއްވުމަށް އަޅުއްވަމުން ގެންދަވާ ހަރުދަނާ މާލީ ފިޔަވަޅުތައް ވެސް މި ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން އިގްތިސާދު ސިންދަފާތުކޮށް މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމާއި، ގައުމީ އުފެއްދުންތެރިކަން އިތުރުކުރެއްވުމުގެ އިތުރުން، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރެއްވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް ވެސް ބަޔާންކޮށްފައިވެއެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ ވަބާ ނައްތާލެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ އިތުރުން، ބައިނަލްއަގްވާމީ މަސްރަހުގައި އިސްލާމްދީނުގެ ހައްގުގައްޔާއި އަހުވަންތަ ފަލަސްޠީނުގެ ދިފާއުގައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތައް ވެސް ވަނީ ފާހަގަކޮށްފައެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ. މި ގަރާރަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕާޓީގެ މެންބަރުންގެ ފަރާތުން ރައީސް މުޢިއްޒުގެ އަރިހުން ރަސްމީކޮށް އެދުނު އެދުމެކެވެ.


