މިދިޔަ މަހުގެ ނިޔަލަށް އެއާޕޯޓް ފީއާ ޓެކްސްގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާ
3 ސެޕްޓެމްބަރު 2026 - 11:41

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %8.5 ގެ ކުރިއެރުމެއް ކަމަށް އެ ވުޒާރާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކައެވެ.މި އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިދިޔަ މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް 1.25 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.16 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %7.7 އިތުރު އަދަދެކެވެ. ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މި ޓެކުސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

Ad by Hajj Corporation
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.28 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.18 ބިލިޔަން ރުފިޔާއެވެ. މިއީ %8.4 ގެ އިތުރުވުމެކެވެ. މިދެ ކަންތައް ހިމަނައިގެން އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ޖުމްލަ އާމްދަނީ ވަނީ މިދިޔަ އަހަރުގެ 2.34 ބިލިޔަން ރުފިޔާއިން 2.54 ބިލިޔަން ރުފިޔާއަށް އިތުރުވެފެވެ.
މި ޓެކުހާއި ފީތަކުން ބައެއް ފަރާތްތައް ވަނީ އިސްތިސްނާކޮށްފައެވެ. އެގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުން އަދި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ޑިޕާޗަރ ޓެކުހުން އިސްތިސްނާވާއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވަނީ ޑިޕްލޮމެޓިކް ފަރާތްތަކާއި ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުންނެވެ.
އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ މުޅި އާމްދަނީ އެއްކޮށް ޖަމާކުރަމުންދަނީ ރާއްޖޭގެ ސޮވެރިން ފަންޑަށެވެ. މީގެ އިތުރުން އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑާއި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން ލިބޭ އިތުރު އާމްދަނީވެސް މި ފަންޑަށް ދަނީ ޖަމާކުރަމުންނެވެ.

-01.jpg&w=3840&q=75)
