ކުންފުނިތައް ''ރައިޓް ސައިޒް'' ކުރުން: ދައުލަތުގެ މާލީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް
21 އޯގަސްޓު 2026 - 11:30

ދައުލަތުގެ ކުންފުނިތަކަކީ ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ތަންތަނެވެ. ނަމަވެސް، ނިމުނު އެމްޑީޕީގެ ވެރިކަމުގައި ސިޔާސީ އެކި ބޭނުންތަކަށާއި ރޭވުންތެރިކަމެއް ނެތި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމުގެ ސަބަބުން މި ކުންފުނިތަކުގެ ހިންގުން ބޮއްސުންލައި، ދައުލަތުގެ ބަޖެޓަށް ވަނީ ބޮޑު ބުރައެއް އުފުލަން ވަނީ ޖެހިފައެވެ. އެކަމުގެ ހެއްކަކީ ރަސްމީ ނަންބަރުތަކެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިތައް ރައިޓް ސައިޒް ކުރުމަކީ މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮންމެހެން ގެންނަންޖެހިފައިވާ އިޞްލާޙެކެވެ.
މުވައްޒަފުންގެ އަދަދު އިތުރުވުމުގެ ތަފާސްހިސާބުތައް

Ad by Hajj Corporation
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ރަސްމީ ރިކޯޑްތަކަށް ބަލާއިރު، 2018 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ކުންފުނިތަކުގައި ތިބީ 18،676 މުވައްޒަފުންނެވެ. ނަމަވެސް 2019 އިން ފެށިގެން 2023 ގެ ނިޔަލަށް މި އަދަދު ވަނީ 100 އިންސައްތައާ ގާތްކުރާ މިންވަރަކަށް އިތުރުވެފައެވެ. އެއީ އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ދުވަސްވަރެވެ. އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު 36،729 މުވައްޒަފުން ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން ދިޔައެވެ. މިއީ އެންމެ ފަސް އަހަރު ދުވަހުގެ ތެރޭގައި 18،053 މުވައްޒަފުންގެ އިތުރުވުމެކެވެ. މި އަދަދުތަކަކީ ވަކި ސިޔާސީ ފިކުރަކަށް ނުބަލައި، ހަޤީޤީ ހިސާބުތަކަށް ބަލާއިރު ފެންނަން އޮތް ބޮޑު ގޮންޖެހުމެކެވެ.
ކުންފުނިތަކުގެ މާލީ ހާލަތަށާއި އިޤްތިޞާދަށް ކުރި އަސަރު
ކުންފުނިތަކުގެ އުފެއްދުންތެރިކަމާއި ޙަޤީޤީ ބޭނުންތެރިކަމަށް ނުބަލައި ވަޒީފާތައް އުފެއްދުމުގެ ސަބަބުން ކުންފުނިތަކުގެ ޚަރަދުތައް އިންތިހާއަށް އުފުލިގެން ދިޔައެވެ. ޚާއްޞަކޮށް މުސާރައާއި ޢިނާޔަތްތަކަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި އައު އިންވެސްޓްމަންޓްތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ހުރަސްއެޅުނެވެ. ދުނިޔޭގެ ކުރިއަރާފައިވާ އިޤްތިޞާދުތަކުގައި ކަންކަން މެނޭޖުކުރާ އުސޫލުން، ކުންފުންޏަކަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމުގެ ބަދަލުގައި، މުވައްޒަފުން އިތުރުކުރުމުން ގިނަ ކުންފުނިތަކަކީ ދައުލަތުގެ ސަބްސިޑީއަށް ބަރޯސާވާ ތަންތަނަށް ވެގެން ދިޔައެވެ.
ރައިޓް ސައިޒް ކުރުމުގެ ސިޔާސަތާއި އިންސާފުވެރިކަން
ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ ވަކި މީހެއްގެ ސިޔާސީ ވިސްނުމަކަށް ނުވަތަ ޕާޓީގެ ކުލައަކަށް ބެލުމެއް ނެތިއެވެ. ވަޒީފާގައި ތިބި ކޮންމެ މީހަކީ ވެސް ދިވެހި ރައްޔިތެކެވެ. އެހެންކަމުން، މި އިޞްލާޙީ ފިޔަވަޅުތައް އަޅަންވާނީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިންނެވެ. މީގެ ތެރޭގައި ޚިދުމަތްކުރި މުއްދަތަށް ބަލައި އެކަށީގެންވާ ރިޑަންޑެންސީ ޕެކޭޖުތައް ފޯރުކޮށްދިނުމާއި، ވަޒީފާއިން ވަކިވާ ފަރާތްތަކަށް އަމިއްލަ ވިޔަފާރި ފެށުމަށް ނުވަތަ ޕްރައިވެޓް ސެކްޓަރަށް ބަދަލުވުމަށް ބޭނުންވާ ތަމްރީނާއި ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.
ހަމައެކަނި ޚަރަދު ކުޑަކުރުމަށް ކުރާ ކަމެއް ނޫން
ދައުލަތުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމަކީ ހަމައެކަނި ޚަރަދު ކުޑަކުރުމަށް ކުރާ ކަމެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށާއި، ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ފައިދާވާ ތަންތަނަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. މުވައްޒަފުންގެ ހައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވިގެން މިކަން ތަންފީޒުކުރުމަކީ ދިގު މުއްދަތުގައި ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެވެ.

-01.jpg&w=3840&q=75)
