logo
Bank of Maldives

Bank of Maldives

ޚަބަރު

އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް އަރައި 9.3 އިންސައްތައިގެ ކުރިއެރުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޯގަސްޓު 2026 - 11:04
އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް އަރައި 9.3 އިންސައްތައިގެ ކުރިއެރުމެއް

06 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.3 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.2 ބިލިއަން ރުފިޔާއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، އާމްދަނީ އިތުރުވެފައިވަނީ ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ހިމެނޭހެން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 20.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 18.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.1 އިންސައްތައިގެ އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން ޖީ.ޖީ.އެސް.ޓީ ގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ (10.4 އިންސައްތަ އިތުރު) އަދި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 1.4 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް 18.5 އިންސައްތަ އިތުރުވެ 5.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީން 2.0 ބިލިއަން ރުފިޔާ، ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސްއިން 885.0 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2.6 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހަރުމުދަލުން ލިބުނު 1.7 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑްގެ ގޮތުގައި ލިބުނު 483.1 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 454.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 221.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު މިންވަރެކެވެ.

ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުން ދަނީ ދަރަނި ދެއްކުމުގެ އިލްތިޒާމްތައް އަދާކުރަމުންނެވެ. އެގޮތުން 06 އޯގަސްޓް 2026 ގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުވި 3.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 146.0 އިންސައްތައިގެ އިތުރުވުމެކެވެ. މިއަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 12.9 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ރިކަރަންޓް އެކްސްޕެންޑިޗަރ ވަނީ 20.2 އިންސައްތަ އިތުރުވެ 23.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ، އިދާރީ ޚަރަދުތަކަށް 14.4 ބިލިއަން ރުފިޔާ، އަދި އެހީއާއި ސަބްސިޑީއަށް 7.8 ބިލިއަން ރުފިޔާ (ސަބްސިޑީއަށް 3.2 ބިލިއަން އަދި އާސަންދައަށް 1.3 ބިލިއަން) ހިމެނެއެވެ. ކެޕިޓަލް ޚަރަދު 7.0 އިންސައްތަ އިތުރުވެ 3.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް 1.1 ބިލިއަން ރުފިޔާ، ފާލަމާއި ބަނދަރުތަކަށް 261.0 މިލިއަން ރުފިޔާ، އެހެނިހެން އުމްރާނީ ވަސީލަތްތަކަށް 791.2 މިލިއަން ރުފިޔާ އަދި ކެޕިޓަލް އިކުއިޕްމަންޓަށް 416.8 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

06 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާއިރު، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް އަރައި 9.3 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | ގަޑިއިރެއް ކުރިންސޮވެރިންގް ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް އަރައިފިޚަބަރު | 18 ދުވަސް ކުރިންދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރަށް ހިލޭ އެހީ ލިބިއްޖެވިޔަފާރި | 2 މަސް ކުރިންހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް ދައުލަތަށް އާމްދަނީ ލިބިއްޖެވިޔަފާރި | 2 މަސް ކުރިން