20 އަހަރަށް ފަހު ކަބް ސްކައުޓުންނަށް ސިކްސާސް ކޭމްޕް ބާއްވައިފި
5 ސެޕްޓެމްބަރު 2025 - 04:40

20 އަހަރަށް ފަހު ރާއްޖޭގެ ކަބް ސްކައުޓުންނަށް ބާއްވާ ނެޝަނަލް ކަބް ސްކައުޓް ސިކްސަރސް ކޭމްޕް ކުޑަގިރީގައި ފަށައިފިއެވެ.
މި ކޭމްޕް ބުރާސްފަތި ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

Ad by Hajj Corporation
ކަބް ސްކައުޓުންގެ ހަރަކާތް ކުރިއަށް ގެންދަނީ 8 އަހަރާއި 11 އަހަރުގެ ކުދިންނަށް އަމާޒުކޮށެވެ.
ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވަނީ ، މިއަހަރު ބާއްވާ ކޭމްޕްގައި އަތޮޅުތަކުން 33 ސްކައުޓް ގުރޫޕުން 226 ކަބް ސްކައުޓުންނާއި ލީޑަރުން ބައިވެރިވާ ކަމަށެވެ. މި ކުދިންނަށް އެކި ހުނަރު ދަސްކޮށްދިނުމާއި ލީޑަރޝިޕް ތަރައްގީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ އެސޯސީއޭޝަނުން ބުނެއެވެ.
މީގެ ކުރިން މި ފަދަ ކޭމްޕެއް ބޭއްވީ 2000 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.ސިކްސަރސް ކޭމްޕްގެ މި އަހަރުގެ ޝިޔާރަކީ "ދަ ފިޝާސް ޖަރނީ- ވިސްޑަމް ފްރޮމް ދަ ސީ"އެވެ. މި ޝިޔާރު ބިނާވެފައި ވަނީ ދިވެހި މަސްވެރިޔާގެ ދިރިއުޅުމުގެ މައްޗަށެވެ. މިއީ ހިތްވަރާއި ކެތްތެރިކަމާއި އިސްނެގުމާއި އަދި ޚިދުމަތް ކުރުމުގެ ރަމްޒެވެ. މަސްވެރިޔާ ދޯނި ތައްޔާރުކޮށް، ކަނޑުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލާ ފަދައިން، މި ކޭމްޕްގެ ބައިވެރިންނަށް ކޭމްޕްގެ ތެރެއިން ގޮންޖެހުންތަކާ ކުރިމަތިލުމަށާއި އިސްނެގުމަށާއި އަދި އެހެން މީހުންނަށް ހިދުމަތް ކުރުމުގެ މުހިންމުކަން ދަސްވެގެންދާނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.


