ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމް ސްކޫލިންގ ތައާރަފުކުރުމަށް ގާނޫނަށް އިސްލާހެއް!
5 ފެބްރުއަރީ 2026 - 09:50

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނަފްސާނީ ހާލަތަށް ބެލުމަށްފަހު އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާޙް ގެނައުމަށް މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރަށް އިއްވި ރިޔާސީ ބަޔާނުގައި ވަނީ ތަޢުލީމީ ދާއިރާއިން އުމްރާނީ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަފާއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމަށް ޚާއްސަ ކްލާސްރޫމްތަކާއި އެކުދިންގެ ޙާލަތަށް ރިޔާއަތްކޮށް ޕްރައިވަސީ ލިއްބައިދޭނެ ގޮތަށް ޚާއްސަ ފާޚަނާތަކާއި އެޑިއުކޭޝަނަލް ސަޕޯޓް ފެސިލިޓީތައް ޤާއިމްކޮށްދެއްވާނެކަމަށެވެ. އަދި އުނގެނުމަށާއި އުނގަންނައިދިނުމަށް ބޭނުންވާ އިކުއިޕްމަންޓާއި ޑިވައިސްތަކާއި ކަމާބެހޭ އެހެނިހެން ވަޞީލަތްތައް ނެތް ހުރިހާ ސްކޫލްތަކެއްގައި މިއަހަރު ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވެއެވެ.
މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެކި މާއްދާތަކުގެ ފޮތްތައް ތަރައްޤީކުރުމާއި އެކުދިންގެ ނުކުޅެދުންތެރިކަމާ އެކަށީގެންވާ ގޮތެއްގައި އޯލެވެލްއަށް ތައްޔާރުވުމަށް ޚާއްސަ މަސައްކަތްތަކެއް ރާވާ ތަންފީޒް ކުރަން މިއަހަރު ފަށާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދަރިވަރުންގެ ނުކުޅެދުންތެރިކަން ހުންނަ ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބަލާ ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް ކަނޑައެޅޭ ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އެފަދަ ކުދިންނަށް ހޯމް ސްކޫލިން ޕާތުވޭ ފަހިކޮށްދިނުމަށް ޤާނޫނަށް އިސްލާޙް ގެނައުމަށް މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހަޅާނެކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލާ ބެލެނިވެރިންގެ ތެރެއިން ސިވިލް ސަރވިސްގެ ވަޒީފާއަށް ދާ ބެލެނިވެރިންނަށް ވަޒީފާ އަދާކުރުން ވޯކް ފްރޮމް ހޯމްއަށް ބަދަލުކުރުމުގެ ފުރުޞަތު އަންނަ މަހުން ފެށިގެން ލިބިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް މިއަހަރު ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. ރައީސް އިތުރަށް ވިދާޅުވީ، މިއަހަރު ތަޢުލީމީ ދާއިރާގެ މަޢުލޫމާތު ފަސޭހައިން ބެލެހެއްޓޭނެ ޑިޖިޓަލައިޒް ނިޒާމެއް ޤާއިމްކުރެވޭނެކަމަށެވެ. މީގެ ސަބަބުން ރިއަލްޓައިމްގައި ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އުނގެނުމާއި އުނގަންނައިދިނުމާ ގުޅޭ ނިންމުންތައް އެކަށައަޅާ ތަންފީޒްކުރަން ފެށޭނެކަން ފާހަގަކުރެއްވިއެވެ. މިކަމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation


