ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދެނީ ނަމެއްގައެއް ނޫން؛ ޒިންމާތަކާ އެކު
11 ފެބްރުއަރީ 2026 - 06:49

މިސަރުކާރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދެނީ ނަމެއްގައެއް ނޫންކަމަށާއި، ވަޒީފާގެ ޒިންމާތައްވެސް އެފަރާތްތަކަށް ހަވާލުކުރެވޭ ކަމަށް، އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ، މަރްޔަމް ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 ވަނަ އަހަރަށް ދެއްވި ރިޔާސީ ބަޔާނުގައި، އިޖުތިމާއީ އަދި އާއިލީ ތަރައްޤީގެ ދާއިރާއިން ފާހަގަކުރެއްވި މުހިންމު ކަންކަމާ ގުޅޭގޮތުން މެންދުރު ޓީވީގެ "މައުޟޫ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ލަހުފާ ވިދާޅުވީ، މީގެ ކުރީން ހަމައެކަނި ސިޔާސަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދިނުން އޮތަތީވެ އެއްވެސް މަސްއޫލިއްޔަތަކާ ނުލާ ވަޒީފާ ދީފައި އެބަހުރި ކަމަށެވެ. މިކަމުގެ ސަބަބުން، ވަޒީފާގެ މާހައުލުގައި ބާކީވުމުގެ އިތުރުން މިހުންގެ ފަރާތުން ފުރައްސާރަ ލިބުންފަދަ ކަންކަން ތަހައްމަލުކުރަންޖެހުމުގެ ސަބަބުން ވަޒީފާ ދޫކޮށްލާފައި އެބަހުރި ކަމަށް ލަހުފާ ވިދާޅުވިއެވެ.

Ad by Hajj Corporation
ނަމަވެސް، މިސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަވާލުކުރާނީ އެއާއެކު ޒިންމާތަކެއްވެސް އުފުލަންޖެހޭ ފަދައިން ކަމަށާއި، އެފަރާތްތަކަށް ވަޒީފާ ދިނުމުގެ ކުރިން ވަޒީފާ ހަމަޖެހޭ އިދާރާއަކީ އެކަމަށް އެކަށޭނަ، ތައްޔާރު ތަނެއްކަން ޔަގީންކުރެވޭނެކަމަށް ލަހުފާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާއަށް ގޮސް، ޝައުގުވެރިކަމާއެކު ވަޒީފާ އަދާކުރުމުގެ އިތުރުން ވަޒީފާގައި ކުރިއަރާދިއުމަށްވެސް މަގުފަހިވާނެކަން ލަހުފާ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ވަޒީފާ ހަމަޖައްސައިދިނުމުގެ ގޮތުން ވުޒާރާއިން ކޮށްފައިވާ މަސައްކަތްތަކަށް، ޕްރޮގްރާމްގެ ތެރެއިން ކޮންމެސް ވަރަކަށް ލަހުފާ އަލިއަޅުވާލެއްވިއެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަންހުރި ފަރާތްތަކާ ބައްދަލުކޮށް، އެފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތަކަކީ ކޮބައިކަން ދެނެދަތުމަށް މަސައްކަތްކޮށްފައިވާނެ ކަމަށާއި، އެގޮތުން ހެދުނު އެސެސްމަންޓުތަކުގެ ނަތީޖާއަށް ބެލުމަށްފަހު، އެފަރާތްތަކަށް ހުރި އެންމެ ރަނގަޅު ފުރުސަތުތައް ދެނެގަނެ، އެފަރާތަކަށް އެންމެ އެކަށޭނަ ވަޒީފާއަކަށް ގުޅުވައިދިނުމުގެ މަސައްކަތް، ވުޒާރާއިން ކުރިއަށް ގެންގޮސްފައި ވާނެކަމަށް ލަހުފާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، އެންމެން އެކުގައި ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ 356 ފަރާތަކަށް ވަޒީފާ ހަމަޖައްސަދީފައި ވެއެވެ. މީގެ އިތުރުން، މިކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތިން ގަވައިދެއް ފާސްކޮށް، ގެޒެޓުކޮށްފައިވެއެވެ.


