logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑެތި ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ސާޖިކަލް ކޭމްޕެއް އުނގޫފާރުގައި ފަށައިފި

ނުހާ އަޙްމަދު
6 ސެޕްޓެމްބަރު 2025 - 11:47
ބޮޑެތި ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ސާޖިކަލް ކޭމްޕެއް އުނގޫފާރުގައި ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ "މަލްޓި ސްޕެޝަލިޓީ ކޭމްޕް" ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަށައިފިއެވެ.

މި ކޭމްޕަކީ ސިއްހީ ވުޒާރާއާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަތޮޅުތަކުގެ ރައްޔިތުންނަށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުން ފަސޭހަކުރުމަށް ޚާއްސަ އައުޓްރީޗް ޕްރޮގްރާމްތަކެއް ސިއްހީ ވުޒާރާގެ ފަރާތުންވަނީ ފަށާފައެވެ. މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގައި މި ހަފްތާގައި އެ ހޮސްޕިޓަލުގެ މަލްޓި ސްޕެޝޭލިޓީގެ ޑޮކްޓަރުންގެ ޓީމެއް އަންނަނީ ރ. އުނގޫފާރު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި، ކެންސަރު ބައްޔާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާންމު އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރުންނާއި ލެޕްރޮސްކޮޕިކް ސަރޖަރީގެ އިތުރުން، ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް އުނގޫފާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

މި ކޭމްޕްގައި މި މަހުގެ 5 އިން މިމަހުގެ 8 ވަނަ ދުވަހާ ހަމައަށް ޑޮކްޓަރަށް ދެއްކުމާއި އަދި އެކި ސަރޖަރީތައް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ. މިއީ ބަލި މީހުންނަށް އާންމުކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ލިބެން ނުހުންނަ ސްޕެޝޭލިޓިގެ ހިދުމަތްތައް އަތޮޅުތަކުން ފޯރުކޮށްދިނުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން، އުނގުފާރު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް، ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމާއެކު އަމަލީ ގޮތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމަމިއާއެކު ހޮސްޕިޓަލުގެ ކްލިނިކަލް މަސައްކަތްތައް ކުރިއަށްދާގޮތް ބަލާ ކެޕޭސިޓީ އެސެސްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތަކުގައި މިވަގުތު ލިބެންނެތް ސްޕެޝަލިޓީ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑޮކްޓަރުން މީގެކުރިންވެސް އަތޮޅުތަކަށްވަނީ ދަތުރުކޮށްފައެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ލ.އަތޮޅު ގަމު ހޮސްޕިޓަލުގައިވެސް މިފަދަ އައުޓްރީޗް ކޭމްޕުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ އަތޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮގްރާމެކެވެ.

ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އައުޓްރީޗް ޕްރޮގްރާމްގެ އިތުރުން، ޓެލެމެޑިސިންގެ ހިދުމަތާއެކުވެސް މަލްޓި ސްޕެޝަލިޓީގެ ހިދުމަތް ފުޅާކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ރަށުގައި ތިބެގެން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުންވަނީ މަސައްކަތް ފައްޓަވާފައެވެ. މިގޮތުން މިފަދަ ޕްރޮގްރާމެއް މިވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ފ.އަތޮޅު ހޮސްޕިޓަލާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެންވަނީ ފަށާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލަށް އިތުރު ކާމިޔާބީއެއް، ލޮލުގެ އައު ސާޖަރީއެއް ފަށައިފިޚަބަރު | 20 ގަޑިއިރު ކުރިންބޮޑެތި ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ސާޖިކަލް ކޭމްޕެއް އުނގޫފާރުގައި ފަށައިފިޚަބަރު | 2 މަސް ކުރިންދިވެހިންނަށް ހިލޭ އައިނު ހެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ފަހިވެގެން ދާނެ ޚަބަރު | 3 މަސް ކުރިން