logoEN
ޚަބަރު

ކުރީގެ ވަޒީރު މަޙްލޫފް، އެމްޑީޕީން ވަކިވެވަޑައިގެންފި

ކުރީގެ ވަޒީރު އަޙްމަދު މަޙްލޫފް --

ކުރީގެ ވަޒީރު އަޙްމަދު މަޙްލޫފް --

ޢައްފާން މުޙައްމަދުޢައްފާން މުޙައްމަދު

08 ސެޕްޓެމްބަރު 2025 - 10:04

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓްގެ މަގާމުގައި ހުންނެވި އަޙްމަދު މަޙްލޫފް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ.

މަޙްލޫފް ވަނީ މިކަން "މެންދުރު ޓީވީ" އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަށް ފޮނުއްވި ސިޓީގެ ކޮޕީއެއް މެންދުރު ޓީވީއަށް ލިބިފައިވާއިރު އެ ސިޓީގައި ވަނީ، އެ ޕާޓީން އޭނާ ވަކިކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި، ރައީސް ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނުގެ ކެބިނެޓުގައި ޚިދުމަތްކުރުެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަށް ވެސް ކުރީގެ ވަޒީރު މަޙްލޫފް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް ނިންމެވި ނިންމެވުމާއެކު، ޕާޓީގެ އެއްވެސް މެމްބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ އެކަން ހިއްސާކޮށްދެއްވުމަށް ވެސް މަޙްލޫފް އެދިވަޑައިގެންފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މަޙްލޫފް އަކީ ރައީސް ޞާލިޙްގެ ވެރިކަމުގައި ރައްޔިތުންގެ ނުރުހުން އަމާޒުނުވާ މަދު ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ހާއްސަ ގޮތެއްގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކޮށް، ޒުވާން އެތުލީޓުން ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅަށް ގިނަބައެއްގެ ތައުރީފު މަޙްލޫފަށް ލިބިވަޑައިގެންނެވިއެވެ.

ސިޔާސީ މައިދާނުގައި މިހާރު އެހާ އެކްޓިވްކޮށް މަޙްލޫފް ނުފެންނައިރު، ގިނައިން ފެންނަނީ ކުޅިވަރާ ގުޅުންހުރި ހަރަކާތްތަކުންނެވެ. ހާއްސަ ގޮތެއްގައި، ދަރިކަނބަލުން ލައިބާ އަހުމަދު މަހްލޫފް، ބެޑްމިންޓަންގައި ކުރިއެރުވުމަށްޓަކައި މަހްލޫފް ގެންދެވީ ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގެން، ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

ދަރިކަނބަލުންނަށް ބެޑްމިންޓަގައި ހޯދައިދެއްވި ފުރުސަތުތަކުގެ ތެރެއިން މަހްލޫފް ވަނީ ބެޑްމިންޓަނާ ގުޅުންހުރި ގިނަ ކަންތައްތަކެއް ވެސް ދަސްކުރައްވާފައެވެ. އެ ތަޖުރިބާތަކާއި އިލްމުގެ ބޭނުންހިފައި، ރާއްޖޭގައި އެ ކުޅިވަރު ކުރިއެރުވުމަށް މަހްލޫފް ވަނީ މިފަހުން އަމިއްލަ ކުލަބެއް ވެސް އުފައްދަވާފައެވެ.

އެ ކުލަބުން ވަނީ މިފަހުން "ދިރާގު މޯލްޑިވްސް ޖޫނިއަރ އޯޕަން 2025" ގެ ނަމުގައި ހާއްސަ ބެޑްމިންޓަން މުބާރާތެއް ވެސް ބާއްވާފައެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder