ދޮންފަނު ބިން ހިއްކުމުގެ މަަޝްރޫޢު، ރައްޔިތުންގެ އެދުމުގެ މަތިން ހުއްޓާލައިފި
9 ސެޕްޓެމްބަރު 2025 - 05:43

ބ.ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު، އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ހުއްޓާލައިފިއެވެ.
މި މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ، މިދިޔަ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ބ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަހުގެ 13 ވަނަ ދުވަހު ބ. ދޮންފަނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

Ad by Hajj Corporation
630 މީހުންގެ އާބާދީއެއް އޮންނަ އޮންނަ ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއާ ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ބައެއް ފަރާތްތަކާއި ސިޔާސީގޮތުން ފިކުރު ތަފާތު ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.
މިފަދަ ކަންބޮޑުވުންތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދުފުޅުތައް ވެވަޑައިގަންނަވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދުމުން ކަމަށެވެ. ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެކަމަށާއި މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ , ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއްކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މިގޮތުން ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން ވަޢުދުވެވަޑައިގެންނެވި ކަމަށާއި އެ ވަޢުދުފުޅު ފުއްދެވުމަށް އެގްރީމެންޓް ގައި ސޮއިވެސް ކޮށްފައިވާކަން ރައީސް ފާޙަގަކުރެއްވިއެވެ. ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް، އެމަނިކުފާނަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާތީ، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެކަން ރައީސް ހާމަކުރެއްވިއެވެ. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެކަމަށް ވެސް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި މަޝްރޫއާ ދެކޮޅަށް ޕެޓިޝަން ހިންގާ ފަރާތްތަކުން މީގެ ކުރިން ބުނީ، ހަނިފަރު ބޭއަކީ ހަމައެކަނި ކަނޑުގެ ސަރަހައްދެއް ނޫން ކަމަށާއި އެއީ ދުނިޔެއިން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ މާފަށާއި، މިޔަރު ކޮވެއްޔާއި، އެތައް ބާވަތެއްގެ ގާފުޅިތަކަށް ދިރިއުޅުމުގެ މާހައުލަކަށް ވެފައިވާ ތަނެއް ކަމަށެވެ. މިފަދަ ނިޒާމުތަކަކީ ދުނިޔޭގެ ދިރުންތަކުގެ ވެށީގެ މުހިންމު ބައެއް ކަމަށް އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މިހާރު ހަނިފަރު ބޭގެ މި މުހިންމުކަން ވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ކަމަށް ޕެޓިޝަންގައި ފާހަގަކުރެއެވެ. ދޮންފަނު ބިން ހިއްކައިފި ނަމަ އެ ތަން ނެތިދިއުމުގެ ބިރު އެބައޮތެވެ. އެެހެންވެ، އެ ނުރައްކަލަކީ ހަމައެކަނި ތިމާވެށީގެ ގޮތުން ލިބިދާނެ ގެއްލުމެއް ނޫން ކަމަށާއި މިއީ އިގުތިސާދީ އަދި ސަގާފީ ގޮތުން ވެސް ލިބިދާނެ ބޮޑު ގެއްލުމެއް ކަމަށް ޕެޓިޝަންގައި ބުންޏެވެ.
ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ ފެން ދައުރުވާ ނިޒާމަށް ބަދަލުތައް އަންނާނެ ކަމަށާއި އެ ކަމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސްގަނޑު ޖަމާވެ، މާފަށާއި މިޔަރު ކޮވެއްޔަށް ކާނާގެ ގޮތުގައި ބޭނުންވާ ކުދިކުދި ދިރުންތައް ކަމަށްވާ ޕްލެންކްޓަން ނެތިދިއުމުގެ ނުރައްކާ އެބައޮތް ކަމަށް ޕެޓިޝަންގައި ބުނެއެވެ.
އެހެންވެ، ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން ވަކިވަކި ދިރުންތަކުގެ ދިރިހުރުމަށް ނުރައްކާވެ، ކަނޑުން ލިބޭ ނަފާވެރިކަމަށް ބަރޯސާވެފައިވާ ރަށްރަށުގެ ރައްޔިތުންގެ މުސްތަގުބަލަށް ވެސް ނުރައްކާ ވާނެ ކަމަށް ޕެޓިޝަންގައި ބުންޏެވެ.


